ތެލް އަވީވް (މާޗް 6) - އަރަބި އިޒްރޭލް ޓައުނެއްގެ މަގަށް ފަލަސްތީނުގެ ކުރީގެ ރައީސް ޔާސިރު އަރަފާތުގެ ނަމާ ގުޅުވައިގެން ނަން ކިޔުމަކީ ވާނެ ކަމެއް ނޫން ކަމަށް އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.
ކެބިނެޓުގެ ބައްދަލުވުމުގައި ނަތަންޔާހޫ އިއްޔެ ވިދާޅުވީ އިޒްރޭލުގެ އެއްވެސް މަގަކަށް އިޒްރޭލް މީހުންނާއި ޔަހޫދީންގެ މަރުގެ ޒިންމާ އުފުލަން ޖެހިފައިވާ މީހެއްގެ ނަމުން ނަން ނުކިޔޭނެ ކަމަށެވެ. އަދި ބޭނުންވެއްޖެ ނަމަ ގާނޫނެއް ފާސްކޮށްގެން ނަމަވެސް އެކަން މަނާ ކުރާނެ ކަމަށް ވިދާޅުވި އެވެ.
"ޔާސިރު އަރަފާތާއި ހައްޖު އަމީން އަލް ހުސައިންގެ ނަމުން އިޒްރޭލުގެ މަގުތަކަށް ނަމެއް ނުކިޔޭނެ،" ނަތަންޔާހޫ ވިދާޅުވި އެވެ.
ހައްޖު އަމީން އަލް ހުސައިން އަކީ 1920 އަދި 1930 ގެ އަހަރުތަކުގައި ގުދުސްގެ މުފްތީ އެވެ. އަދި އޭނާ އަކީ ޔަހޫދީންނާ ވަރަށް ބޮޑަށް ދެކޮޅު ވިސްނުމުގެ ބޭފުޅެކެވެ.
އިޒްރޭލުގެ އަރަބި ޓައުނެއް ކަމަށްވާ ޖައްތުގައި ދާދި ފަހުން ވަނީ ޔާސިރު އަރަފާތުގެ ހަނދާނުގައި އެ ޓައުނުގެ މަގަކަށް ނަން ކިޔައިފަ އެވެ. އިޒްރޭލުގެ އުތުރުގައި އޮންނަ ޖައްތުގެ އާބާދީ އަކީ 11،000 އެވެ. ފަލަސްތީނާއި އަރަބި އިޒްރޭލު މީހުންގެ މެދުގައި އަރަފާތަކީ ގައުމީ ބަތަލެކެވެ.
ޖައްތުގެ މޭޔަރު މުހައްމަދު ތޯހިިރު ވައްތާބު ވިދާޅުވީ އަރަފާތު ވަނީ އިޒްރޭލާ އެކު ސުލްހައިގެ އެއްބަސްވުމެއްގައި ސޮއި ކުރައްވާފައި ކަމަށާއި ޖައްތު ކަހަލަ ކުޑަ ޓައުނެއްގެ މަގަކަށް ކިޔާފައިވާ ނަމަކާ މެދު ބޮޑު ވަޒީރުގެ ވަގުތުތައް ބޭކާރު ކުރުމަކީ ލަދު ގަންނަން ޖެހޭ ކަމެއް ކަމަށެވެ. އެކަމަކު ޖައްތުގެ ކައުންސިލުން ފަހުން ވަނީ ޚިޔާލު ތަފާތުވުން އުފެދިފައިވާ ނަން ބޯޑުތައް ނަގަން ފަށައިފަ އެވެ.
އަރަބި އިޒްރޭލް މީހުންނަކީ އިޒްރޭލުގައި ދިރިއުޅޭ ފަލަސްތީނު ދަރިކޮޅު މީހުންނެވެ. އެ މީހުންގެ ތެރޭން ގިނަ މީހުންނަކީ މުސްލިމުންނެވެ. އިޒްރޭލުގެ އަށް މިލިއަން މީހުންގެ އާބާދީގައި އަރަބި އިޒްރޭލް މީހުންގެ ނިސްބަތަކީ 17.5 ޕަސެންޓެވެ.