ސައުދީ ރަސްގެފާނުގެ ދަތުރުފުޅާ ދިމާކޮށް ހަމަލާދޭން ރޭވި: މެލޭޝިއާ

ކުއާލަ ލަމްޕޫރު (މާޗް 7) - އަރަބި ޝާހީ އާއިލާގެ ބޭފުޅުން މިދިޔަ މަހު މެލޭޝިއާ އަށް ކުރެއްވި ދަތުރުފުޅާ ދިމާކޮށް ހަމަލާ ދޭން ރޭވި ކަމަށާއި އެކަމުގެ ތުހުމަތުގައި ހަތް ޓެރަރިސްޓަކު އަތުލައިގެންފައިވާ ކަމަށް މެލޭޝިއާ އިން މިއަދު ބުނެފި އެވެ.


އޭޝިއާގެ ބައެއް ގައުމުތަކަށް ކުރައްވާ ދަތުރުފުޅުގައި ސަލްމާން މެލޭޝިއާ އަށް ވަޑައިގެންނެވީ ފެބްރުއަރީ 26 ގަ އެވެ.

"ޓެރަރިސްޓުން ރާވަމުން ދިޔައީ އަރަބި ޝާހީ އާއިލާގެ ބޭފުޅުން ކުއާލަ ލަމްޕޫރަށް ކުރައްވާ ދަތުރުފުޅާ ދިމާކޮށް ހަމަލާ ދިނުމަށް. އެ މީހުން އަތުލައިގަނެވުނީ އެންމެ ފަހު ވަގުތު،" ފުލުހުންގެ އިންސްޕެކްޓާ ޖެނެރަލް ޚާލިދު އަބޫ ބަކުރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަތުލައިގަތް ހަތް މީހުންގެ ތެރޭން ދެ މީހުން ވަނީ އައިއީޑީ ބޭނުންކޮށްގެން ވަރުގަދަ ހަމަލާއެއް ދިނުމަށް ރާވާފައި ކަމަށެވެ. އަތުލައިގަތް މީހުންގެ ތެރޭގައި ހިމެނެނީ މެލޭޝިއާ މީހަކައި ހަ ބިދޭސީންނެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑޮނީޝިއާ މީހަކާއި ޔަމަނުގެ ހަތަރު މީހަކާއި އިރުމަތީ އޭޝިއާގެ ގައުމަކަށް ނިސްބަތްވާ އެކަކެވެ. އެ މީހުން އަތުލައިގެންފައި ވަނީ މިދިޔަ މަހު 21-26 އާ ދެމެދު އެވެ.

ހަ ސަތޭކަ މީހުންގެ ވަފުދަކާ އެކު ސަލްމާން މެލޭޝިއާ އަށް ކުރެއްވި ދަތުރުފުޅަށް ފަހު ދެން ވަޑައިގެންނެވީ އިންޑޮނީޝިއާ އަށެވެ.

ޓެރަރިސްޓް ގްރޫޕްތަކާ ގުޅުން އޮންނަކަމުގެ ތުހުމަތުގައި މެލޭޝިއާ އިން ވޭތުވެދިޔަ އަހަރުތަކުގައި ވަނީ އެތައް ބަޔަކު ހައްޔަރުކޮށްފަ އެވެ. އަވަށްޓެރި އިންޑޮނީޝިއާގައި ޖެނުއަރީ، 2016 ގައި އިސްލާމިކް ސްޓޭޓް (އައިއެސް) އިން ދިން ހަމަލާތަކާ ގުޅިގެން މެލޭޝިއާ އިން ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރަން ފަށައިފަ އެވެ. މިދިޔަ އަހަރުގެ ޖޫން މަހު ކުއާލަ ލަމްޕޫރުގެ ބާއަކަށް ދިން އަތުބޮމުގެ ހަމަލާއެއްގައި ވަނީ އަށް މީހުން ޒަޚަމްވެފަ އެވެ. އެ ހަމަލާގެ ޒިންމާ ވަނީ އައިއެސް އިން އުފުލައިފަ އެވެ.