ޓިކްޓޮކްގެ ލޯގޯ އާއި އެމެރިކާ ދިދަ ފެންނަ އިލަސްޓްރޭޝަނެއް: މި އެޕްލިކޭޝަން އެމެރިކާގައި ބަންދުކުރިތާ އެއް ދުވަސް ނުވެ މިހާރު ވަނީ އަލުން ދޭން ފަށާފައި.
20 ޖެނުއަރީ 2025 - 06:10
އެމެރިކާގައި ޓިކްޓޮކް މަނާވާ ގޮތަށް ހެދި ގާނޫނަށް އަމަލުކުރަން ފެށުމާ އެކު އެ އެޕްލިކޭޝަން އެ ގައުމުގައި އިރުކޮޅަކަށް ހުއްޓާލުމަށް ފަހު، މިއަދު އަލުން ރައީސްކަމާ ހަވާލުވެވަޑައިގަންނަވާ ޑޮނަލްޑް ޓްރަމްޕު ދެއްވި ޔަގީންކަމާ އެކު އަލުން ހިދުމަތް ފަށައިފި އެވެ.
ވީޑިއޯ ޝެއާކުރާ މި ޕްލެޓްފޯމުން ވަނީ މި ބަދަލުގެ ކްރެޑިޓް އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕަށް ދީ އެކަމަށް ޝުކުރު އަދާކޮށްފަ އެވެ. އެކަމަކު މިއަދު ދައުރު ހަމަވާ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން ވެސް އޮތީ އެޕް މަނާކުރުމަށް އެއްވެސް ކަމެއް ތަންފީޒު ނުކުރާނެ ކަމަށް ބުނެފަ އެވެ.
ޓިކްޓޮކް އެމެރިކާގައި ބަންދުކުރީ ކުންފުނީގެ މައި ކުންފުނި، ޗައިނާގެ ބައިޓްޑާންސުން އެމެރިކާގެ ސަބްސިޑަރީ ކުންފުނި ޗައިނާ ނޫން ގައުމެއްގެ ބަޔަކަށް ވިއްކާލަން ލާޒިމްކޮށް ގާނޫނުން ދިން ސުންގަޑި ހަމަވި އިރު ވެސް އެކަން ނުކުރެވުމުންނެވެ.
އެޕްލިކޭޝަނަށް ނުވަދެވޭ ގޮތަށް އާދީއްތަ ދުވަހުން ފެށިގެން ހެދުމާ އެކު އެމެރިކާގެ އެތައް މިލިއަން ބަޔަކު ނުރުހިފައި ތިއްބާ ޓްރަމްޕް ވަނީ "އެއްބަސްވުމެއް ހެދުމަށް" ވަގުތު ލިބޭ ގޮތަށް އެގްޒެކެޓިވް އޯޑަރެއް ނުވަތަ ރިޔާސީ ގަރާރެއް ނެރުއްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.
ޓިކްޓޮކްގެ މިލްކުވެރިކަމުގައި އެމެރިކާ ބައިވެރިވުމަށް ޓްރަމްޕު ވަނީ އޭނާގެ ޓްރޫތު ސޯޝަލް ޕްލެޓްފޯމްގައި ކުރި ޕޯސްޓެއް ގޮވާލައްވައިފަ އެވެ.
ޓްރަމްޕް ވިދާޅުވީ" ޖޮއިންޓް ވެންޗާއެއްގައި އެމެރިކާއަށް 50 ޕަސެންޓް މިލްކުވެރިކަމުގެ މަގާމެއް ލިބުން އެދޭ" ކަމަށާއި، މި އެޕްލިކޭޝަންގެ އަގު އެތައް ސަތޭކަ ބިލިއަން ޑޮލަރަށް ނުވަތަ އެތައް ޓްރިލިއަން ޑޮލަރަކަށް ވެސް އަރާފާނެ ކަމަށެވެ.
"މިގޮތަށް ކަންތައް ކޮށްގެން ޓިކްޓޮކް ސަލާމަތްކޮށް، ރަނގަޅު ބައެއްގެ ބެލުމުގެ ދަށުގައި އެ ބާއްވަންވީ،" މީގެ ކުރިން ޓިކްޓޮކް މަނާކުރުމަށް ތާއީދުކުރައްވައި، ވެރިކަމުގެ ފުރަތަމަ ދައުރުގައި ފިޔަވަޅު އެޅުއްވި ޓްރަމްޕް ލިޔުއްވާފައިވެ އެވެ.
ޓްރަމްޕްގެ މި ވާހަކަތަކާ ގުޅިގެން އެކްސްގައި އާންމުކޮށްފައިވާ ބަޔާނެއްގައި ޓިކްޓޮކުން ބުނީ "ހިދުމަތް އަލުން އިއާދަކުރުމުގެ މަސައްކަތް ކުރަމުން އަންނަ" ކަމަށެވެ.
"އެމެރިކާގެ 170 މިލިއަނަށް ވުރެ ގިނަ މީހުންނަށް ޓިކްޓޮކް ފޯރުކޮށްދިނުމުގައި އެއްވެސް މައްސަލައަކާ ކުރިމަތި ނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސް ޓްރަމްޕަށް ދެއްވިކަމަށްޓަކައި ޝުކުރު ދަންނަވަން."
އެކަމަކު އެމެރިކާއަށް މިލްކުވެރިކަމުގެ ބައެއް ދިނުމާ ބެހޭ ގޮތުން ޓްރަމްޕް ދެއްކެވި ވާހަކައަށް ޓިކްޓޮކުން އެއްވެސް އެއްޗެއް އަދި ނުބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓްރަމްޕް ޑީލް
20 January 2025
ޓިކްޓޮކްއައް ޓްރަމްޕްގެ ޑީލަކީ އެމެރިކާ ޓިކްޓޮކްގެ ބައިވެރިއަކައް އެމެރިކާހެދުން އޭރުން ޓިކްޓޮކްއައް ހުއްދަދިނުން. އޭރުން ލިބޭފައިދާއިން އެމެރިކާއައްބައިއެޅޭނެ. އަހަރެމެން ދުނިޔޭގެ ހުރިހާއެންމެން އެބަބޭނުންކުރަން އެމެރިކާގެ މިފަދަ ޕްލެޓްފޯމްތައް އެކަމަކު އެހެންގައުމަކައް މީންއެއްވެސް ބައެއްނޭޅޭ.