ދުނިޔެ / ވެކްސިން ދިނުން

ކުޑަކުދިންނަށް ވެކްސިން ދިނުން މަދުވެ ނުރައްކާ ދަނީ ބޮޑުވަމުން: ދިރާސާ

ފަލަސްތީނުގެ ޣައްޒާގައި ކުއްޖަކަށް ޕޯލިއޯ ވެކްސިން ދެނީ: ވެކްސިން ކަވަރޭޖް ދަށްވެ ބައެއް ބަލިތައް އާންމުވުމުގެ ބިރު ދަނީ ބޮޑުވަމުން. -- ފޮޓޯ: އޭއެފްޕީ

30 ޖޫން 2025 - 06:36

1 comments

ނުރައްކާތެރި ބަލިތަކާ ދެކޮޅަށް ކުޑަކުދިންނަށް ވެކްސިން ދިނުމުގެ މަސައްކަތް، އިގްތިސާދީ މައްސަލަތަކާއި ކޮވިޑްގެ ދުވަސްވަރު ދިމާވި ހުރަސްތަކާއި ވެކްސިނާ ބެހޭ ސައްހަނޫން މައުލޫމާތުގެ ސަބަބުން މަޑުޖެހި އެތައް މިލިއަން ކުދިންނެއް ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

ސައިންސްވެރިން ބުނީ މި ހުރިހާ ކަމަކާ ހެދި، ރައްކާތެރިވެވޭނެ ބަލިތަކުން ސަލާމަތްވުމުގެ ފުރުސަތު ކުޑަވެ ބަލިތައް އާންމުވުމުގެ ބިރު އެބަ އޮތް ކަމަށެވެ. އަދި ބޭރުގެ އެހީތައް ވަރަށް ބޮޑަށް މަދުވުމުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަނީ ކުޑަކުދިންނަށް ވެކްސިން ދިނުމުގައި ލިބިފައިވާ ކުރިއެރުންތައް ގެއްލެން ފަށާފައި ކަމަށް ވެސް ބުނެފައިވެ އެވެ.

ލާންސިޓް ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި 204 ގައުމަކާއި ޓެރިޓަރީއެއްގައި ކުޑަކުދިންގެ ވެކްސިން ދޭ ރޭޓް ބަލާފައިވެ އެވެ. ޖުމްލަކޮށް ބަލާއިރު ވެކްސިނާ ބެހޭ ގޮތުން ހުރީ ކަންބޮޑުވާންޖެހޭ ވާހަކަ އެކަނި ނޫންކަން ފާހަގަކޮށް ދިރާސާގައި ބުނެފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކުރިއަށް ގެންދިޔަ ވެކްސިން ޕްރޮގްރާމަކުން، ފާއިތުވި 50 އަހަރުގެ ތެރޭގައި ގާތްގަނޑަކަށް 154 މިލިއަން މީހުންގެ ފުރާނަ ސަލާމަތްކުރެވިފައިވާ ކަމަށް ބެލެވޭ ކަމަށެވެ.

ބައިނަލްއަގުވާމީ ސައިންސްވެރިންގެ ޓީމަކުން ހޯދި ހޯދުންތަކުން ދައްކާ ގޮތުގައި ޑިޕްތީރިއާ، ޓެޓަނަސް، ހޯއްގޮވާ ކެއްސުން، ހިމަބިހި، ޕޯލިއޯ އަދި ޓީބީ ފަދަ ބަލިތަކާ ދެކޮޅަށް ވެކްސިން ދިނުމުގެ ކަވަރޭޖް 1980 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް ދެގުނަ އަށް އިތުރުވެފައިވެ އެވެ.

ނަމަވެސް ކުރިއެރުން މަޑުޖެހުނީ 2010 ގެ އަހަރުތަކުގައި، ހިމަބިހި ވެކްސިން ދިނުން ގިނަ ގައުމުތަކުގައި ދަށްވުމުން ކަމަށް ބުނެފައިވެ އެވެ. އެންމެ ބޮޑަށް މި ވެކްސިންގެ ކަވަރޭޖް ދަށްވީ ލެޓިން އެމެރިކާގަ އެވެ.

ހަމައެއާ އެކު، ފޯރުންތެރި ގިނަ ގައުމުތަކުގައި ވެސް ވަނީ މަދުވެގެން އެއް ވެކްސިން ޑޯޒްގެ ކަވަރޭޖް ދަށްވެފަ އެވެ.

ކޮވިޑްގެ ބަލިމަޑުކަން ފެށުނީ އެ ހާލަތުގައި އޮއްވަ އެވެ.

ލޮކްޑައުން އާއި އެހެނިހެން ފިޔަވަޅުތަކުގެ ތެރޭގައި، އާންމު ވެކްސިން ދިނުމުގެ ހިދުމަތަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެ، 2020 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް ވަނީ ވެކްސިންގެ އެންމެ ޑޯޒެއް ނުޖަހާ ކުދިންގެ އަދަދަށް ގާތްގަނޑަކަށް 13 މިލިއަން އިތުރުވެފައިވާ ކަމަށް ދިރާސާގައި ބުނެފައިވެ އެވެ.

ވަކިން ހާއްސަކޮށް، ތަރައްގީވަމުން އަންނަ ގައުމުތަކުގައި މިކަން ބޮޑެވެ. ދިރާސާގައިވާ ގޮތުން، 2023 ވަނަ އަހަރުގެ ނިޔަލަށް، ވެކްސިން ނުޖަހާ ތިބި 15.7 މިލިއަން ކުދިންގެ ތެރެއިން ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ކުދިން ދިރިއުޅެމުން އައީ އެންމެ އަށް ގައުމެއްގަ އެވެ. އޭގެ ތެރޭގައި ގިނައީ ސަބް ސަހާރާ އެފްރިކާގައި ކަމަށް ދިރާސާއިން ދައްކަ އެވެ.

ޔޫރަޕިއަން ޔޫނިއަންގައި 2023 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު ހިމަބިހީގެ ކޭސްތައް 10 ގުނަ އިތުރުވެފައިވާކަން ވެސް ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.

އެމެރިކާގައި މިދިޔަ މަހު 30 ސްޓޭޓެއްގައި ހިމަބިހީގެ ކޭސްތައް 1،000 އަށް ވުރެ މައްޗަށް ދިޔަ އެވެ. މިއީ 2024 ވަނަ އަހަރުގެ ޖުމްލަ ކޭސްތަކުގެ އަދަދަށް ވުރެ ވެސް އިތުރު އަދަދެކެވެ.

ވެކްސިން ޖެހުމުގެ ސަބަބުން ގިނަ ސަރަޙައްދުތަކަކުން ނައްތާލެވިފައިވާ އެތައް ޒަމާނެއް ވެފައިވާ ޕޯލިއޯގެ ކޭސްތައް ދަނީ ޕާކިސްތާނާއި އަފްޣާނިސްތާނުގައި އިތުރުވަމުންނެވެ. ޕަޕުއާ ނިއުގިނީގައި ވެސް ޕޯލިއޯ ވަނީ ކުއްލިއަކަށް ގިނަވާން ފަށައިފަ އެވެ. -- އޭއެފްޕީ

1 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 29%
icon sad icon sad 43%
icon angry icon angry 29%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދޭހަ

30 June 2025

ރާއްޖޭގައި ތި މައްސަލަ ދިމާވެގެން ނުވާނެއެވެ. ވެކްސިން ނުދޭ ކުދިން ސްކޫލަށް ނުވެއްދޭގޮތަށް ޒަމާނުއްސުރެ ގާއިމްކޮށްފައިވާ ނިޒާމް ތަންފީޒު ކުރުމުގައި ފަހަތަށް ނުޖެހޭށެވެ. ވެކްސިން ދިނުމަކީ ގާނޫނީގޮތުން ލާޒިމް ކަމަކަށް ހަދާށެވެ. މިއުޅޭ "ސަލަފިއްޔާ/އަފްގާނީ" ގްރޫޕް ނުރުހުނަސް ގިނަ ބައެއްގެ ރައްކަލަކަށް މިކަން ކުރަންޖެހެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454