ފަލަސްތީނުގެ ޣައްޒާއަށް ވަންނަން ދަތުރުކުރާ ގްލޯބަލް ސުމޫދު ފްލޮޓީލާގެ ބައެއް އުޅަނދުތައް: މި އުޅަނދުތަކާ އެކު ދަތުރުކުރާ އިޓަލީގެ ކަނޑުގެ ސިފައިން ވަކި ހިސާބަކުން އެނބުރި ދާނެ ކަމަށް ވަނީ ބުނެފައި. -- ފޮޓޯ: ރޮއިޓާސް
30 ސެޕްޓެމްބަރ 2025 - 21:49
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާ ހިސާރުކޮށް ބަނޑަށް ޖައްސާފައި އޮންނާތީ އެކަން ސަމާލުކަމަށް ގެނެސް، އެހީގެ ސާމާނު ފޯރުކޮށްދިނުމުގެ މަގްސަދުގައި ޣައްޒާއަށް ވަންނަން ކަނޑުމަގުން ދަތުރުކުރާ ގްލޯބަލް ސުމޫދް ފްލޮޓީލާގެ އުޅަނދުތައް ބެލެހެއްޓުން ވަކި ހިސާބަކުން ހުއްޓާލާނެ ކަމަށް އިޓަލީން މިރޭ ބުނެފި އެވެ.
ފަންސާހާ ގާތްކުރާ އަދަދަކަށް އުޅަނދު ހިމެނޭ ފްލޮޓީލާ އެކު އިޓަލީގެ ނޭވީން ދަތުރުކުރަމުން ދިޔަ ނަމަވެސް ޑިފެންސް މިނިސްޓްރީން މިރޭ ބުނީ ޣައްޒާއާ 150 ނޯޓިކަލް މޭލް (278 ކިލޯމީޓަރު) ކައިރިއަށް ފްލޮޓީލާ ދިއުމާ އެކު ނޭވީން އެ އުޅަނދުތައް ދޫކޮށްލާނެ ކަމަށެވެ.
މިއީ ފްލޮޓީލާއިން މީގެ ކުރިން ވެސް ޣައްޒާއަށް ދާންކުރި މަސައްކަތް ހުއްޓުވައި އިޒްރޭލު ސިފައިން އަރައި އެކްޓިވިސްޓުން ހައްޔަރުކުރި ސަރަހައްދެވެ.
އެކި ގައުމުތަކުން، ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި ގާނޫނީ ވަކީލުންނާއި ސްވިޑެންގެ ތިމާވެށީގެ އެކްޓިވިސްޓް ގްރެޓާ ތަންބާގް ފަދަ އެކްޓިވިސްޓުން ވެސް ހިމެނޭ ފްލޮޓީލާއާ އެކު އިޓަލީގެ ނޭވީ ބޯޓުތައް ދަތުރުކުރުން 150 މޭލު ސަރަހައްދާ ހިސާބުން ހުއްޓާލާނެކަން ކުރިން ވެސް އަންގާފައި ވާނެ ކަމަށް އިޓަލީގެ ޑިފެންސް މިނިސްޓްރީން ބުންޏެވެ.
ފްލޮޓީލާގެ އެކްޓިވިސްޓުންނަށް އިޓަލީގެ ނޭވީން ދެ ފަހަރަށް އިންޒާރު ދޭނެ ކަމަށާއި އެންމެ ފަހު އިންޒާރު ޖީއެމްޓީން މިރޭ މެންދަމު 12 ޖަހާއިރު ދިނުމަށް ފަހު އިޓަލީގެ ނޭވީ ދުރަށް ދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އެ ވަގުތަކީ އިޒްރޭލުން ބަލަހައްޓާ ކަނޑުގެ ސަރަހައްދަށް އުޅަނދުތަކަށް ވަދެވޭނެ ކަމަށް ލަފާކުރެވޭ ގަޑި އެވެ.
އިޓަލީގެ ފްލޯޓިލާގެ ތަރުޖަމާން މާރިއާ އެލީނާ ޑެލިއާ މިއަދު ކުރިން ވިދާޅުވި ގޮތުގައި، "އިޒްރޭލާ އެކު ޑިޕްލޮމެޓިކް އިންސިޑެންޓެއް" ހިނގިޔަ ނުދިނުމަށްޓަކައި، ފްލޮޓީލާ ވަކި ހިސާބަކުން ދޫކޮށްލަން ސަރުކާރުން ނިންމާފައިވާކަން އޭގެ އެކްޓިވިސްޓުންނާ ވެސް ހިއްސާކޮށްފައިވާނެ އެވެ.
އޭނާ ވިދާޅުވީ ޣައްޒާއާ ކައިރި ނުވާން އިޓަލީން ދޭ އިންޒާރަށް ފްލޮޓީލާގެ އެކްޓިވިސްޓުން އަޅާލުމުގެ ވިސްނުމެއް ނެތް ކަމަށެވެ.
ގްރީސްގެ ކަނޑުގެ ސަރަހައްދުގައި ފްލޮޓީލާގެ އުޅަނދުތަކަށް ޑްރޯން ހަމަލާތަކެއް އަމާޒުވުމުން އިޓަލީ އާއި ސްޕެއިން އިން ވަނީ އެ ފްލޮޓިލާއަށް އެހީވުމަށް ކަނޑުގެ އުޅަނދުތައް ފޮނުވައިފަ އެވެ. މި ހަމަލާތައް ދިނީ އިޒްރޭލުން ކަމަށް ފްލޮޓީލާއިން ތުހުމަތުކުރި ނަމަވެސް އެ ވާހަކައަށް އިޒްރޭލުން ރައްދެއް ނުދެ އެވެ. އެކަމަކު ބުނެފައިވަނީ ކޮންމެ ގޮތެއް ހަދައިގެން ވިޔަސް ފްލޮޓީލާގެ އުޅަނދުތައް ހުއްޓުވާނެ ކަމަށާއި ޣައްޒާގެ ކަނޑުގެ ސަރަހައްދު ބަންދުކޮށްފައި ބޭއްވުމީ "ހަމާސްއާ ހަނގުރާމަކުރާއިރު ގާނޫނީ ގޮތުން މައްސަލައެއް ނޫން" ކަމަށެވެ.
އިޓަލީގެ ޑިފެންސް މިނިސްޓަރު ގުއިޑޯ ކްރޮސެޓޯ ވިދާޅުވީ އެ ބޯޓުތައް ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން އިޒްރޭލުން ހުއްޓުވައި އެކްޓިވިސްޓުން ހައްޔަރު ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ. އޭނާ ވަނީ ފްލޮޓީލާއިން އިޒްރޭލު ސިފައިންނާ ކުރިމަތިލުމަކަށް ނުގޮސް ގޮތް ދޫކޮށް، އުޅަނދުތަކުގައި ހުރި އެހީގެ ސާމާނު ސައިޕްރަސް މަގުން ގެންދަން އިލްތިމާސްކުރައްވައިފަ އެވެ.
އިޒްރޭލުން ޣައްޒާއަށް ހަމަލާ ދޭން ފެށީ އޮކްޓޫބަރު 7، 2023 ގަ އެވެ. ޣައްޒާގެ ސިއްހީ އިދާރާތަކުން ބުނާ ގޮތުގައި އެ ހަމަލާގައި މިހާތަނަށް ފަލަސްތީނުގެ 66،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
1206
02 October 2025
އިޒްރާއީލަކީ މިހާރު ނައްތައިލަންޖެހިފައިވާ ބޮޑު ވަބާއެއް.
މާކޮސް
01 October 2025
ކުރިންވެސް ގަބޫލު ކޮށްގެންހުރި ގޮތް ތިޔަ އިޓަލީ އަކީ ޔަހޫދީންގެ ބާރުން އޮޕަރޭޓްކުރާ ޕަޕެޓް ސަރުކާރެއް އިންޝާ ﷲ ތިކަމުގެ އިހުސާސެއް މުސްލިމުންނަކަށް ނުކުރާނެ
އިސްޕެގެޓީ
01 October 2025
މައްމަމިއާ.. މަކަރުވެރި ހީލަތްތެރި ، ފިނޑި ބަޔެއް ދޯ އިޓަލީ އަކީ. ތިމާއަށް ނުވާވަރުގެ ބުރަ އުފުލުމުގެ ކުރިން ވިސްނާލުން ރަނގަޅުދޯ؟ ތިމާ އށް ނުވާނެ ވަރުކަމެއް ވާނޭ ކިޔާފައި ހަވާލުވެ ، ބައި ބުޅަބައި ކުރުމަށްވުރެއް މާ ރަނގަޅުވާނެ ހަވާލުނުވިޔަސް..
ދިގަލި
01 October 2025
އެހެންވީމާ އިޓަލީން މި ކުރިކަމަކީ އަމާނުބުނަނީސް ފަރަށްގޮސް އެނަން ހޯދީ. އޭގެ އެއްވެސް މަންފާއެއް ނުކުރާ، ކާފަރުންނަށް އިތުބާރު ނުކުރަން ވަނީ ސަރީޙަ ޢިބާރާތުން އަންގަވާފަ، މިއިން ، އިތުބާރު ކުރާކަށް ނުވާނެ، ޢާއްމުރައްޔަތުން ރުއްސަން ޖައްސަނީ ހުސް ސްޓަންޓް
އަހަންމ
01 October 2025
އަމާން ދަތުރަކަށް އެދެން
ހހހހ
30 September 2025
އެހާ ހިތްވަރާ ބުރަ މަސައްކަތުން ބަޔަކު އެހިސާބަށް ދިޔައިމަ އެމީހުނާ ބައިވެރި ވުމުގެ ގޮތުން ކިހިނެތްބާ ވާނީ މުޅި ދުނިޔެ އސްރާއީލާ ދެކޮޅަށް ތެދުވިއްޔާ.. ދެ އަހަރު ވީ އެ މަންޒަރު ބަލަން މުޅި ދުނިޔެ އޮންނަތާ.. އސްރާއީލުގެ މައްޗަށް ހިނގާ ގާނޫނެއްވެސް އޮންނަނީއެއް ނޫން...އެމީހުން ހުއްޓުވަން ކެރޭ ބަޔަކު ތިބިއްޔެއް ނޫން.. ބަޔަކު ވަރަށް ބުރަ މަސައްކަތުން އެހާ ދުވަހުން ކުރި މަސައްކަތް ކާމިޔާބުވޭތޯ މުޅި ދުނިޔެ ތެދުވަން ޖެހޭ..