އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު: އޭނާ ވިދާޅުވަނީ ތިން ވަނަ ދައުރެއް ހޯދަން ނައިބު ރައީސްގެ ގޮތުގައި އިންތިހާބަށް ވާދަ ނުކުރައްވާނެ ކަމަށް. -- ފޮޓޯ: އޭއެފްޕީ
28 އޮކްޓޯބަރ 2025 - 06:09
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ތިން ވަނަ ދައުރެއްގައި ވެރިކަން ކުރެއްވޭނެ ގާނޫނީ ހަމައެއް ނެތުމުން، ދެން އޮންނަ އިންތިހާބެއްގައި ނައިބު ރައީސްގެ ގޮތުގައި އިންތިހާބުގައި ވާދަކުރައްވަައި، އަދި ފަހުން ރައީސް އިސްތިއުފާ ދެއްވުމާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކަށް ޓްރަމްޕު ރައްދު ދެއްވައިފި އެވެ.
އެމެރިކާގެ ގާނޫނުއަސާސީގައި އޮންނަ ގޮތުން އެކަކަށް ރިޔާސީ ދެ ދައުރަށް ވުރެ އިތުރަކަށް އަދައެއް ނުކުރެއްވޭނެ އެވެ. މިދިޔަ ޖެނުއަރީ މަހުން ފެށިގެން ޓްރަމްޕު ފުރުއްވަނީ ރިޔާސީ ދެ ވަނަ ދައުރު ކަމަށް ވާތީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެއްވޭނެ އެވެ.
އެހެންވެ ޓްރަމްޕުގެ ބައެއް ސަޕޯޓަރުންނާއި އަރިސް ބޭފުޅުން ވިދާޅުވަނީ މި ގާނޫނީ ހުރަސް ނައްތާލަން، ނައިބު ރައީސްގެ ގޮތުގައި އިންތިހާބަށް ނުކުންނެވިދާނެ ކަމަށެވެ. އޭރުން އިންތިހާބު ކާމިޔާބުކުރުމަށް ފަހު ރައީސް އިސްތިއުފާ ދެއްވުމުން ނައިބު ރައީސް ވެރިކަމަށް ވަޑައިގަންނަވާނެތީ ޓްރަމްޕަށް އަލުން ވެރިކަން ލިބޭނެ ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.
ރިޔާސީ ތިން ވަނަ ދައުރެއް ހޯދުމަށް ނައިބު ރައީސްކަމުގެ މަގާމުގައި ވާދަކުރައްވާނަންތޯ އެއާ ފޯސް ވަންގައި ނޫސްވެރިން ސުވާލުކުރެއްވުމުން ޓްރަމްޕު ވިދާޅުވީ "އެކަން ކުރުމަށް ހުރަހެއް ނެތް" ކަމަށެވެ.
"އަޅުގަނޑު އެކަމެއް ނުކުރާނަން. އެއީ ވަރަށް 'ލޯބި' ކަމެއް. އެއީ [އެކަމަކު] ކުރަންވާ ކަހަލަ ކަމެއް ނޫން،" ޓްރަމްޕު ވިދާޅުވި އެވެ.
އެމެރިކާގައި 2017 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރާ ހަމައަށް ރައީސްކަން ކުރެއްވި ޓްރަމްޕް އަބަދުވެސް ވިދާޅުވަމުން ގެންދަވަނީ ގާނޫނު އަސާސީން ހުރަސް އޮތް ނަމަވެސް ސަޕޯޓަރުން ބޭނުންވަނީ އޭނާ މަގާމުގައި ދެމި ހުންނަވަން ކަމަށެވެ.
އުމުރުން 79 އަހަރުގެ ޓްރަމްޕު ވަނީ ދާދި ފަހުން ވަނީ "ޓްރަމްޕް 2028" ގެ ޝިއާރު ލިޔެފައި ހުރި ރަތް ތޮފިތަކެއް އޯވަލް އޮފީހުގެ މޭޒެއްގެމަތީ ބަހަައްޓައި މީޑިއާއަށް އެ ދައްކައިފަ އެވެ.
ޓްރަމްޕްގެ ސަޕޯޓަރުންގެ ތެރެއިން ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި މިހާރުގެ ނައިބު ރައީސް ޖޭޑީ ވެންސް ވާދަ ކުރައްވައި ކާމިޔާބު ހޯއްދެވުމަށް ފަހު އިސްތިއުފާ ދެއްވާނީ އެވެ. އޭރުން، ނައިބު ރައީސްގެ މަގާމުގައި ހުންނެވި ބޭފުޅަކަށް ރައީސްކަން ލިބިވަޑައިގަންނަވާނެތީ ޓްރަމްޕަށް އަލުން ވެރިކަން ލިބިވަޑައިގަންނަވާނެ ކަމަށް އެ މީހުން ބުނެ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy