އެމެރިކާގެ ކުރިއަށް އޮތް މިޑްޓާމް ނުވަތަ ދައުރުގެ މެދުތެރޭ އިންތިހާބާ ދިމާކޮށް، ރައީސް ޑޮނަލްޑް ޓްރަމްޕް ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓުންނަށް ހަމަލާދެއްވުމަށް، ނުރައްކާތެރި އާ ބަސްމަގެއް ބޭނުންކުރައްވަން ފައްޓަވައިފި އެވެ.
އޯވަލް އޮފީހުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވަނީ އެމެރިކާގެ އެކި ސަރަޙައްދުތަކުގައި "ޖިހާދިސްޓުން" އިންތިހާބުވަމުންދާ ކަމަށް ތުހުމަތުކުރައްވައިފަ އެވެ.
ޓްރަމްޕް ވިދާޅުވީ، ރައްޓެއްސަކު ގުޅާފައި "ޖިހާދިސްޓުން" އޭ ބުނުމަށް ލަފާދިން ކަމަށާއި، މިހާރު ހިނގަމުންދާ ކަންކަމަށް ބަލާއިރު އެއީ އެންމެ ރަނގަޅު ނަން ކަމަށެވެ. މީގެ ކުރިން ޓްރަމްޕް އަދި ރިޕަބްލިކަން ޕާޓީން ޑިމޮކްރޭޓުންނަށް ނިސްބަތްކޮށް ބޭނުންކުރަނީ "ކޮމިއުނިސްޓުން" ގެ ނަމެވެ.
ވަކި ކެންޑިޑޭޓެއްގެ ނަން ވިދާޅުނުވި ނަމަވެސް، ޓްރަމްޕް ވަނީ ސޯމާލިއާ ފަދަ ގައުމުތަކަށް ނިސްބަތްވާ މީހުންނަށް އިޝާރާތްކުރައްވައިފަ އެވެ. އަދި "ނާކާމިޔާބު ގައުމުތަކުން އައިސް އެމެރިކާ ހިންގާނެ ގޮތް ކިޔައިދޭން އުޅޭ" ކަމަށް ވިދާޅުވެ، އެފަދަ މީހުންނަށް ފާޑުވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ފެންނަނީ އެކި ސަރަޙައްދުތަކުން ޖިހާދިސްޓުން އިންތިހާބުވަމުންދާތަން،" އޯވަލް އޮފީހުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވި އެވެ.
"ކޮމިއުނިޒަމް ކަމުގައި ވިޔަސް، ނުވަތަ ޖިހާދިޒަމް ކަމުގައި ވިޔަސް، މިކަން މިހާރު މިތަނުގައި އެބައޮތް،" ޓްރަމްޕް އިތުރަށް ވިދާޅުވި އެވެ.
މި މަހުގެ ތެރޭގައި ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީތަކުގައި މުސްލިމް ކެންޑިޑޭޓުންނަށް ކާމިޔާބުވެފައިވެ އެވެ. މި ކެންޑިޑޭޓުން "ޖިހާދިސްޓުން" ކަމަށް ސިފަކުރެއްވީ މުސްލިމު ކެންޑިޑޭޓުންނަށް ރިޕަބްލިކަން ޕާޓީގެ ތެރޭގައި ދެކޮޅުވެރިކަމުގެ ބަސްމަގު އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ.
ޑިމޮކްރޭޓުން ސުޕްރީމް ކޯޓާއި، ސެނެޓް އަދި ފުލުހުންގެ ބަޖެޓް އުވާލަން އުޅޭ ކަމަށް ވިދާޅުވެ، ޓްރަމްޕް ވަނީ އެއީ ހައްދުފަހަނައަޅާފައިވާ ބައެއް ކަމަށް ވެސް ވިދާޅުވެފަ އެވެ.