ވޮޝިންޓަން (ނޮވެމްބަރު 24) - އެމެރިކާގެ ފެޑެރަލް ކޯޓުތަކުން އިއްވާފައިވާ މަރުގެ ހުކުމްތައް ތަންފީޒުކުރުން އަވަސްކުރުމަށް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ އަންގަވައިފި އެވެ.
ޓްރަމްޕް މިގޮތަށް އެންގެވީ، ކެލިފޯނިއާ ސްޓޭޓްގައި މަރުގެ ހުކުމް އިއްވާފައިވާ އެންމެންގެ އަދަބު އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުކުރަން އެ ސްޓޭޓްގެ ގަވަރުނަރު ގެވިން ނިއުސަމް ނިންމެވި ނިންމެވުން ކުށްވެރިކުރައްވައި ޖަސްޓިސް ޑިޕާޓްމަންޓްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބުގައި 2028 ވަނަ އަހަރު ވާދަކުރައްވާނެ ކަމަށް ބެލެވޭ ނިއުސަމް، މި މަހުގެ ކުރީކޮޅު ވަނީ އެ ސްޓޭޓްގައި މަރުގެ އަދަބު ދޭން ހުކުމްކޮށްފައިވާ 500 އަށް ވުރެ ގިނަ މީހުންގެ އަދަބު އުމުރު ދުވަހުގެ ޖަލު ހުކުމަށް ލުއިކޮށްދެއްވައިފަ އެވެ.
އަނިޔާ ލިބުނު ބައެއް ފަރާތްތަކުގެ އާއިލާގެ މެންބަރުން ވެސް ނިއުސަމްގެ ނިންމެވުމާ ދެކޮޅަށް ވާހަކަދެއްކި އެ ރަސްމިއްޔާތުގައި ޓްރަމްޕް ވިދާޅުވީ، ނިއުސަމް އަދަބު ލުއިކޮށްދެއްވި މީހުންގެ ތެރޭގައި ކުޑަކުދިން މެރި 110 އަށް ވުރެ ގިނަ މީހުންނާއި، ރޭޕްކުރުމަށް ފަހު މީހުން މެރި 100 އަށް ވުރެ ގިނަ މީހުންގެ އިތުރުން "ސީރިއަލް ކިލަ" އިން ވެސް ހިމެނޭ ކަމަށެވެ.
"މިއީ އަޅުގަނޑުމެންގެ ގައުމު ދުވަހަކު ވެސް ދެކެފައި ނުވާ ފަދަ ބޮޑު ބޭއިންސާފެއް. އަޅުގަނޑަށް ގަބޫލުކުރަން ވެސް ދަތިވި،" ޓްރަމްޕް ވިދާޅުވި އެވެ.
މިކަމާ ގުޅިގެން ވައިޓް ހައުސްގެ ތަރުޖަމާނު ސްޓީވެން ޗިއުންގް އެކްސްގައި ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވަމުން ނިއުސަމްގެ އޮފީހުން ބުނީ، ކެލިފޯނިއާގެ މަރުގެ ހުކުމުން ލުއި ދިން އެއްވެސް މީހަކު ޖަލުން މިނިވަން ނުވާނެ ކަމަށާއި އެ އެންމެން ވެސް މަރުވާނީ ޖަލުގައި ކަމަށެވެ.
"އެކަމަކު ޑޮނަލްޑް ޓްރަމްޕްގެ ކުށްވެރިން ކޮބާ؟ ފައިސާ ދީގެން މާފު ހޯދުމުގެ ސީރިއަސް ތުހުމަތުތަކާ އެކު، މުއްސަނދި ޑޯނަރުންނާއި ލޮބީ ކުރާ މީހުންނަށް މާފު ލިބި އެ މީހުން އެ ތިބެނީ މިނިވަންވެފައި،" ނިއުސަމްގެ އޮފީހުން ބުންޏެވެ.
ފެޑެރަލް މަރުގެ ހުކުމްތައް ތަންފީޒުކުރުން އަވަސްކުރުމަށް އެޓާނީ ޖެނެރަލަށް އަންގަވާފައިވާކަން އިއުލާން ކުރައްވަމުން ޓްރަމްޕް ވިދާޅުވީ، ޖޫރީން ގޮތެއް ނިންމުމާ އެކު މަރުގެ އަދަބު އަވަހަށް އަދި ޔަގީންކަމާ އެކު ތަންފީޒު ކުރެވިގެންދާނެ ކަމަށެވެ.
މަރުގެ ހުކުމް ތަންފީޒުކުރުމުގެ އިންތިޒާރުގައި 548 މީހުން ތިބި ކެލިފޯނިއާ އަކީ މުޅި ދުނިޔޭގައި ވެސް މަރުގެ ހުކުމް އިއްވާފައިވާ މީހުން އެންމެ ގިނަ އެއް ތަނެވެ. ނަމަވެސް، މަރުގެ މައްސަލަތަކާއި އެހެނިހެން ބޮޑެތި ކުށްތަކުގައި ކޯޓުތަކުން އެ އަދަބު އިއްވަމުން ދިޔަ ނަމަވެސް، ފާއިތުވި 20 އަހަރުގެ ތެރޭގައި އެ ސްޓޭޓްގައި އެއްވެސް މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފައެއް ނުވެ އެވެ. -- އޭއެފްޕީ