އިސްތިއުފާ ދިން އިޒްރޭލުގެ މިލިޓަރީ ޕްރޮސެކިއުޓަރު ޔިފާތު ތޯމަރް-ޔަރުޝަލްމީ.
03 ނޮވެމްބަރ 2025 - 16:05
ފަލަސްތީނުގެ ގައިދީއަކަށް އިޒްރޭލު ސިފައިން އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ހާމަކުރި މައްސަލަ ބޮޑުވެ އިސްތިއުފާ ދިން އިޒްރޭލުގެ މިލިޓަރީ ޕްރޮސެކިއުޓަރު ޔިފާތު ތޯމަރް-ޔަރުޝަލްމީ ހައްޔަރުކޮށްފި އެވެ.
ޓޮމަރް-ޔަރުޝަލްމީ އިއްޔެ އިސްތިއުފާ ދިންކަން އިއުލާންކުރި ފަހުން އޭނާގެ ހަބަރެއް ނުވެ އެތައް ގަޑިއިރެއް ހޭދަވެގެން ދިޔައިރު އޭނާ އަމިއްލައަށް މަރުވީ ކަމަށް ބުނެ ވެސް އެކި ވާހަކަތައް ފެތުރުނެވެ.
އިޒްރޭލުގެ މީޑިއާތަކުން އާންމުކުރި އޭނާގެ އިސްތިއުފާގެ ސިޓީގައި ބުނެފައި ވަނީ އޭނާގެ އޮފީހުން އެ ވީޑިއޯ މިދިޔަ އަހަރު މީޑިއާއާ ހިއްސާ ކުރި ކަމަށެވެ. އެކަން ކުރީ މީޑިއާގައި އެ ހާދިސާއާ ގުޅޭ ގޮތުން އެކި ގޮތްގޮތަށް، ސައްހަ ނޫން މައުލޫމާތު ފެތުރެމުން ދާތީ އެކަން ހުއްޓުވައި ހަގީގަތް ހާމަކުރަން ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.
ގައިދީއަކަށް އަނިޔާކުރި އެ މައްސަލައިގައި ރިޒާވް ސިފައިންގެ ފަސް މީހަކަށް މިދިޔަ އަހަރު ދައުވާކޮށްފައިވެ އެވެ. އެ ގައިދީގެ ފުރަގަސްފަރާތާ ކައިރިއަށް ތޫނޫ އެއްޗެއް ހަރައި ޒަހަމްކޮށްލި ކަމަށް އެ މީހުންނަށް ކުރި ދައުވާތަކުގައި ބުނެފައިވެ އެވެ.
އިޒްރޭލުގެ ގައުމީ ސަލާމަތާ ބެހޭ ވަޒީރު އިޓަމާރް ބެން ގްވިރް ޓެލެގްރާމްގައި ބުނީ، ރޭގެ ހާދިސާތަކަށް ބަލާއިރު، ކުރީގެ ޕްރޮސިކިއުޓަރު ހައްޔަރުކޮށްފައިވާ ޖަލުގެ ކަންކަން ގާތުން ބަލައި ގައިދީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް މަސައްކަތްކުރާނެ ކަމަށެވެ.
ފަލަސްތީނުގެ ގައިދީންނަށް އިޒްރޭލުގެ ޖަލުތަކުގައި ލާއިންސާނީ އަނިޔާދޭ ކަމުގެ ވާހަކަ އަކީ ސާބިތު ނުހިފޭ ދޮގު ކަމަށް ބުނަމުން ދަނިކޮށް އެ ވީޑިއޯ އާންމުވުން ވެގެން ދިޔައީ އިޒްރޭލުގެ އަސްކަރިއްޔާ އިތުރަށް ވީ ބޭޒާރަކަށެވެ. އެކަމަކު އިޒްރޭލުގެ ހަރުކަށި ސިޔާސީ މީހުން ބުނަމުން ދިޔައީ އެއީ ހަދައިގެން އުޅޭ ފޭކް ވީޑިއޯއެއް ކަމަށެވެ.
ބެން ގްވިރް ސިފަކުރި ގޮތުގައި އެ ވީޑިއޯ އާންމުކުރުމަކީ ޔަހޫދީންނާ މެދު ނަފްރަތު އުފެއްދުމަށް ކުރި ކަމެކެވެ.
ޗެނަލް 12 އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ޓޮމަރް-ޔަރުޝަލްމީ އަމިއްލައަށް މަރުވާން އުޅުނީ ކަމަށް ބުންޏަސް އޭނާ ގަސްތުގައި "ގެއްލުނީ" ފޯނުގައި ހުރި ބައެއް މައުލޫމާތު ނައްތާލުމަށް ވަގުތު ހޯދުމުގެ ގޮތުންނެވެ.
ފަލަސްތީނުގެ ގައިދީއަކަށް އަނިޔާކޮށް ޖިންސީ ގޯނާކުރާ ކަމަށް ބެލެވޭ މަންޒަރު ފެންނަނީ ޖަލުގެ ސީސީޓީވީ ފުޓޭޖަކުންނެވެ. އެ ފުޓޭޖުގައި، ސިފައިން ގައިދީއަަށް ކުރަނީ ކޮން ކަމެއްކަން ކެމެރާއަށް ނުފެންނާނެ ގޮތަށް ސިފައިންގެ ބަޔަކު ޝީލްޑުން ނިވާކޮށްގެން ތިބެ އެވެ. އެކަމަކު އެއިން ފެންނަ ގޮތުގައި އެ ގައިދީއާ މެދު ޖިންސީ އަމަލުތަކެއް ހިންގާ ކަމަށް ބެލެވެ އެވެ.
މި އަމަލުތައް ހިންގި ސިފައިންނަށް ކޮށްފައިވާ ދައުވާތަކުގައި ބުނެފައިވާ ގޮތުގައި ގައިދީގެ އަރިކަށިން ބައެއް ކަށިތައް ބިނދި ފުއްޕާމޭ ފަަޅައިގެން ގޮސް އަދި ފުރަގަސްފަރާތުގެ އެތެރެއިން ބައެއް އިރައިގެން ގޮސްފައިވެ އެވެ.
މި އަމަލު ހިންގާފައިވަނީ ޖުލައި 5، 2024 ގައި އެ ގައިދީގެ ހަށިގަނޑު ބަލައި ފާސްކުރުމަށް ޖަލުގެ އެއްފަރާތުގައި ހުންނަ ތަނަކަށް ގެންގޮސް ކަމަށް ވެސް ބުނެފައިވެ އެވެ. މި އަމަލު ހިންގި އިރު ވެސް ގައިދީ ހުރީ ކަނުބަނދެފަ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖެހޭނެ
03 November 2025
މާދަމާ އެމެރިކާއިން ނޫނީ ޔޫރަޕުގެ ގައުމަކުން އިންސާނީ ހައްގުތައް ކިޔައިދޭން ބަޔަކު އައީމަ އަހަރެމެން ޖެހޭނެ އެތަނަށްދާން. އެމީހުން ބުނާ ގޮތަކަށް އަހަރެމެންގެ ގާނޫނުތައްވެސް ހަދަން.
ނަމެއް
03 November 2025
މިއީ އެއްކަލަ އިންސާނީ ހައްގޭ ކިޔާފަ އުޅޭ މީހުން ދިފާއުކޮށް ފަނޑުކުރާ މީހުންގެ ހުރި ފެންވަރު.
ސީސީޓީވީ
03 November 2025
އިސްރާއީލްގެ އަނިޔާވެރިކަން...
ަމޯލްޑިވްސް 2.0-
03 November 2025
މިއީ ލާއިންސާނީ އަނިޔާގެ އިންތިހާ.