އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ސައޫދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވައިޓް ހައުސްގައި ބައްދަލުކުރައްވަނީ: ޚާޝުގްޖީގެ މަރުގެ މައްސަލައިގައި ޓްރަމްޕު ވަނީ މުހައްމަދުގެ ދިފާއުގައި ވާހަކަ ދައްކަވާފައި. -- ފޮޓޯ: އޭއެފްޕީ
19 ނޮވެމްބަރ 2025 - 12:49
ސައޫދީގެ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލި ހާދިސާގެ އެއްވެސް ކަމެއް އެ ގައުމުގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާނަށް އެނގިވަޑައިނުގަންނަވާ ކަމަށާއި އެކަމާ ބެހޭ ގޮތުން ނޫސްވެރިން ސުވާލުކުރަނީ "ލަދު ގަންނަވަން" ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު، މުހައްމަދުގެ ދިފާއުގައި ވާހަކަ ދައްކަވައިފި އެވެ.
މިހާރު އެމެރިކާއަށް ވަޑައިގެން އުޅުއްވާ މުހައްމަދާ އެކު ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕު މިހެން ވިދާޅުވެފައި ވާއިރު 2021 ވަނަ އަހަރު އެމެރިކާގެ ޖާސޫސީ އިދާރާތަކުގެ އެސެސްމަންޓުގައި ބުނެފައިވަނީ ތުރުކީގައި ހުންނަ ސައޫދީ އެމްބަސީގައި ޚާޝުގްޖީ މަރާލުމަކީ މުހައްމަދުގެ އަމުރަށް ނުވަތަ އޭނާގެ ރުހުމާ އެކު ހިންގި އަމަލެއް ކަމަށެވެ.
މުހައްމަދު ކުރިން ވެސް ވަނީ ޚާޝުގްޖީގެ މަރާ ގުޅުމެއް ނޯންނާނެ ކަމަށް ވިދާޅުވެފަ އެވެ. އެއީ ވަރަށް ހިތާމަވެރި ހާދިސާއެއް ކަމަށާއި އެކަމުގައި ސައޫދީން ވާނީ އިންސާފު ހޯދައިދޭން ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްފައި ކަމަށް ވެސް ވިދާޅުވި އެވެ.
ޚާޝުގްޖީގެ މަރުގެ ހާދިސާއަށް ފަހު މުހައްމަދު ފުރަތަމަ ފަހަރަށް އެމެރިކާއަށް ވަޑައިގެން އުޅުއްވާއިރު އެކަމާ ގުޅުވައި ދެކެވޭ ވާހަކަތަކުގެ އަޑު ވަނީ ގަދަވެފަ އެވެ.
ޓްރަމްޕާއި މުހައްމަދު އޯވަލް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރެއްވި އިރު ނޫސްވެރިޔަކު އެ މައުޟޫގައި ސުވާލުކުރުމުން ޓްރަމްޕު ވަނީ ވަގުތުން ރައްދު ދެއްވައިފަ އެވެ.
"ތިޔަ ދައްކަނީ ވަރަށް 'ކޮންޓްރަވާޝަލް' މީހެއްގެ ވާހަކަ،" ސައޫދީ ޝާހީ އާއިލާއަށް ވަރަށް ބޮޑަށް ފާޑު ކިޔައި ލިޔަމުން ދިޔަ ޚާޝުގްޖީއަށް އިޝާރާތްކުރައްވައި އެމެރިކާގެ ރައީސް ވިދާޅުވި އެވެ.
"ތިޔަ އިޝާރާތްކުރާ ބޭފުޅަކީ މީހުން އެހާ ގަޔާވި ބޭފުޅެއް ވެސް ނޫން" ކަމަށް ވެސް ޓްރަމްޕު ވިދާޅުވި އެވެ.
"ވަލީއަހުދަށް ތިޔަ ކަމަކާ ބެހޭ ގޮތުން އެއްވެސް ކަމެއް އެނގިވަޑައެއްނުގަންނަވާ،" ޓްރަމްޕު ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ މެހެމާނު ލަދުގަންނަވަން އުޅޭނެ ކަމެއް ނެތް."
ނޫސްވެރިޔާގެ ސުވާލާ ގުޅިގެން މުހައްމަދު ވަނީ އެ މަރާ ގުޅިގެން ސައޫދީން އަޅަންޖެހުނު ފިޔަވަޅުތައް އަޅައި ކަންކަން ރަނގަޅުކުރަން މަސައްކަތްކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ. މައްސަލަ ތަހުގީގުކޮށް އެކަމުގައި ހިމެނޭ މީހުންނަށް އަދަބު ދީފައިވާ ކަމަށާއި އެ ހިނގި ކަމަކީ ވަރަށް ބޮޑު ގޯހެއް ކަމަށް ވިދާޅުވި އެވެ.
އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަންގެ ވެރިކަމުގައި 2021 ވަނަ އަހަރު ނެރުނު އެމެރިކާގެ އިންޓެލިޖެންސް ރިޕޯޓުގައި ބުނެފައި ވަނީ އިސްތަންބޫލްގައި ޚާޝުގްޖީ ހައްޔަރު ކުރުމަށް ނުވަތަ މަރާލުމުގެ ޕްލޭނެއް ސައުދީ ވަލީއަހުދު ރުހުން ދެއްވާފައިވާ ކަމަށެވެ. ޓްރަމްޕްގެ ފުރަތަމަ ދައުރުގައި ވައިޓް ހައުސްގެ އޮފިޝަލުން ވަނީ އެ ރިޕޯޓް ހާމަ ނުކުރަން ނިންމަވައިފަ އެވެ.
ސައުދީ އަރަބިއްޔާގެ އެތައް އޮފިޝަލަކަށް މި މައްސަލައާ ގުޅިގެން ދަތިކުރުމުގެ ފިޔަވަޅު އެޅި ނަމަވެސް މުހައްމަދާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް ނާޅަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަޝޯގީ
19 November 2025
ތިޔަ ދެމީހުން ދިފާޢަށް ކުޅެން މަޖުބޫރުވާނެތާ.. މިޒަމާނުގެ ގާރޫނު، އެޕްސްޓީންގެ ދެ ބެސްޓީ ވިއްޔާ.
ހސބސސ
19 November 2025
އިޒުރޭލުގެ ވަހަކަ ދައްކަބަލަ. މިދެން މާބޮޑުކަމަކަށް ހެދުމަށްވުރެ ރަނގަޅުވާނެ. 20،000 ޅަަދަރިން ޗަސްކުރީ އެތަންމިތަނުގައި.