ސްރީ ލަންކާގެ ބަންޑާރަނައިކެ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގަތް މަސްތުވާތަކެތި.
25 ނޮވެމްބަރ 2025 - 10:11
ސްރީ ލަންކާގެ ބަންޑާރަނައިކެ އިންޓަނޭޝަނަލް އެއާޕޯޓުން އެ ގައުމަށް އެތެރެވާން އުޅުނު މެލޭޝިއާ މީހެއްގެ އަތުން، ޗޮކްލެޓްގެ ލޭބަލްގައި ބަންދުކޮށްފައި ހުރި ފަސް ކިލޯގެ ކޮކެއިން ފެނިގެން ރޭ ހައްޔަރުކޮށްފި އެވެ.
ސްރީ ލަންކާ ކަސްޓަމްސް އިން ބުނީ 250 މިލިއަން ރުޕީސްގެ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރީ އިއްތިހާދު އެއާވޭސްގެ ފްލައިޓް އީވައި-396 އިން އަބޫ ދާބީން އައި 25 އަހަރުގެ މެލޭޝިއާ މީހެއް ކަމަށެވެ.
ސްރީ ލަންކާގެ ބަންޑާރަނައިކެ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގަތް މަސްތުވާތަކެތި.
ކަސްޓަމްސް އޮފިސަރުންނަށް މަސްތުވާތަކެތި ފެނުނީ އަތްދަބަހުގައި އޮތް ޗޮކްލެޓް ދަޅުތަކަކުންނެވެ. ކަސްޓަމްސް އިން ބުނި ގޮތުގައި މަސްތުވާތަކެތި ހުރީ ޗޮކްލެޓްގެ ލޭބަލްގައި ވަރަށް ރީތިކޮށް ބަންދުކޮށް، ވަރަށް ރަނގަޅަށް ބެލުމުން ނޫނީ ނޭނގޭ ގޮތް ހަދައިފަ އެވެ.
ސްރީ ލަންކާގެ ބަންޑާރަނައިކެ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގަތް މަސްތުވާތަކެތި ދައްކާލަނީ.
މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ އާއި އަތުލައިގަތް ކޮކެއިން އިތުރަށް ތަހުގީގު ކުރުމަށް ކަޓުނަޔަކަ އެއާޕޯޓް ޕޮލިސްގެ ނާކޮޓިކްސް ޑިވިޒަންއާ ވަނީ ހަވާލުކޮށްފަ އެވެ.
ލަންކާ އެއާޕޯޓުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައި ވާއިރު މި ދުވަސްވަރު ލަންކާއިން ގެންދަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ބޮޑެތި އޮޕަރޭޝަންތައް ހިންގަމުންނެވެ. މި އޮޕަރޭޝަންތަކުގައި އެތައް ސަތޭކަ ކިލޯއެއްގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފަ އެވެ.
މިހާރު ކުރިއަށްގެންދާ "އަ ނޭޝަން ޔުނައިޓެޑް" އޮޕަރޭޝަންގައި އެންމެ ދުވަހެއްގެ ތެރޭގައި ވެސް 1،000 މީހަކު މަސްތުވާތަކެތީގެ އެކި މައްސަލަތަކުގައި ވަނީ ހައްޔަރުކޮށްފަ އެވެ. މިއީ ޑްރަގް އޮޕަރޭޝަންތަކުގައި އެ ގައުމުން އެއް ދުވަހެއްގެ މައްޗަށް މިހާތަނަށް އެންމެ ގިނަ މީހުން ހައްޔަރުކުރި ފަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސިލްމާ
27 November 2025
ރާއްޖެއަށް ވެސް މިހެން އެތެރެކޮށްފަ ހުންނާނެކަން މިހާރު ޔަޤީން.
ރެޑުވޭވު
25 November 2025
ބޮޑެތި ވިޔަފާރިތަކުން މިކަން ކުރަންޏާ ކިހިނެއް ހުއްޓުވާނީ.
އަފްރާސިޔާބު
25 November 2025
މި ގައުމުގައިވެސް ތިޔަކަހަލަ އެއްޗެހި ވިއްކާމީހުން ވަރަށް އަވަހަށް މުއްސަނދިވޭ. ރަނގަޅަށް ބަލާބަލަ އެމީހުން އެތެރެކުރަނީ ޗޮކްލެޓް ތޯ. ގައިމުން މަހަކު 75 ހާސްރުފިޔާގެ ތަންތަން ކުއްޔަށް ހިފައިގެން އެތައް ބައިވަރު މުވައްޒަފުންނެއްލައިގެން ހިންގާހާ ފައިސާ ނުވަންނާނެ އެތަނުގައި ހުރި އެއްޗެހި ވިއްކައިގެން.
ޑަރުހީވޭ
25 November 2025
މިގައުމުގަ ބަދަރުތައް ކައިރީގާ ސިފައިން އަދި ފުލުހުން ބެހެއްޓި ދުވަހުން ރަގަޅުވާނީ
ހަމަތަ؟
25 November 2025
ޙަބަރު ރަނގަޅަށް ކިޔާފަ ކޮމެންޓޫ ކޮއްބަލަ
ޙަމަފެ
25 November 2025
ޔޫ މެން ހަމަތަ؟ ވިލިމާލެ ފުލުސް ސްޓޭޝަނުން ދޯ ސިގިރެޓް ކާޓަންތައް ކަޓުވާލީ ވެސް