އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ރިޔާސީ ގަރާރެއްގައި ސޮއިކުރެއްވުމަށް ފަހު ގަލަން ހިފައިގެން: ޓްރަމްޕު ވަނީ ފަލަސްތީނު މީހުން އެމެރިކާއަށް ވަނުން މަނާކޮށްފައި. -- ފޮޓޯ: އޭއެފްޕީ
17 ޑިސެމްބަރ 2025 - 13:36
އެމެރިކާއަށް ވަނުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ހަތް ގައުމެއް ހިމަނައި އޭގެ އިތުރުން ފަލަސްތީނު ޕާސްޕޯޓް އޮންނަ މީހުންނަށް ވެސް ނުވަދެވޭ ގޮތް ހަދައިފި އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ މި ހަރުކަށި ސިޔާސަތުގެ ދަށުން، އެތައް ގައުމެއްގެ މީހުންނަށް މިހާރު ވަނީ އެމެރިކާއަށް ވަނުން މަނާވެފަ އެވެ. އަންގާރަ ދުވަހު ވަނީ ސީރިއާ އާއި ލާއޯސްގެ އިތުރުން އެފްރިކާގެ އެންމެ ފަގީރު ގައުމުތައް ކަމަށްވާ ބުކްކީނާ ފާސޯ، މާލީ، ނައިޖާ، ސިއެރަލިއޯން އަދި ސައުތު ސޫދާން ވެސް ލިސްޓުގައި ހިމަނައިފަ އެވެ.
މިހާރު ވަނީ އެމެރިކާއަށް ވަނުން މަނާ ގައުމުތަކުގެ އަދަދު 40 އާ ގާތްކޮށްފަ އެވެ.
ވައިޓް ހައުސް އިން ބުނީ މިއީ އެމެރިކާއަށް ނުރައްކަލަކަށް ވެދާނެ ބިދޭސީން އެތެރެވުން ހުއްޓުވަން އަޅަމުންދާ ފިޔަވަޅެއް ކަމަށެވެ.
އެމެރިކާގެ ސަގާފަތާއި ސަރުކާރާއި މުއައްސަސާތައް އަދި އެމެރިކާ ގަބޫލުކުރާ ހަމަތަކާ ދެކޮޅަށް މަސައްކަތްކުރާ ބޭރު މީހުން ހުއްޓުވަން ވެސް ޓްރަމްޕް ބޭނުންވާ ކަމަށް ވައިޓް ހައުސް އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ސީރިއާ މީހުން އެމެރިކާއަށް ވަނުން މަނާކޮށްފައި މި ވަނީ ބައްޝާރުލް އަސަދުގެ ވެރިކަން ވެއްޓުނު ފަހުން ސީރިއާގައި ފުރަތަމަ ފަހަރަށް އެމެރިކާ ސިފައިންގެ ބަޔަކަށް ހަމަލާދީ ދެ މީހަކު މަރާލިތާ ދެތިން ދުވަސް ފަހުންނެވެ. ސީރިއާ ސަރުކާރުން ބުނެފައިވަނީ އެ ހަމަލާ ދިނީ ސަލާމަތީ ބާރުތަކުގެ މީހެއް ކަމަށާއި އެއީ އައިއެސްގެ ފިކުރާ އެއްގޮތަށް މަސައްކަތްކުރާތީ ވަޒީފާއިން ވަކިކުރަން ނިންމާފައިވާ މީހެއް ކަމަށެވެ.
ފަލަސްތީނު ޕާސްޕޯޓް އޮންނަ މީހުން އެމެރިކާއަށް ވަނުން ރަސްމީކޮށް މަނާކޮށްފައި މި ވަނީ އެކި ގައުމުތަކުން ފަލަސްތީނުގެ ދައުލަތް ބަލައިގަންނަން ފެށުމުން، އިޒްރޭލަށް ތާއީދު އޮތްކަން ދެއްކުމުގެ ގޮތުން ނުރަސްމީ ސިފައެއްގައި އެކަން މަނާކޮށްފައި އޮތުމަށް ފަހުގަ އެވެ.
މިއީ އެމެރިކާއަށް ވަނުން ވަކި ޝަރުތެއް ނެތި އެއްކޮށް މަނާވެފައިވާ ގައުމުތައް ކަމަށް ވާއިރު އެންގޯލާ، އެންޓީގުއާ އެންޑް ބާބިއުޑާ، ބެނިން، ޑޮމިނިކާ، ގެބޮން، ގެމްބިއާ، މަލާވީ، މޮރިޓޭނިއާ، ޓެންޒޭނިއާ، ޒެމްބިއާ އަދި ޒިމްބާބްވޭގެ އިތުރުން ޓޮންގާ އަށް ވަނީ ބައެއް ހުރަސްތައް ކުރިމަތިކޮށްފަ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދސދސް
18 December 2025
ފަލަސްތީނުގެ ނަސްލު ނައްތާލަން ނަތަނޔާހޫ އާ އެއްބައިވާ ބައެއް މީ. ކާފަރުންނަކީ އެކަކު އަނެކުންގެ ވާގިވެރިންކަން މުސްލިމުން ދަނެގެން ބައިބައިވުން ދޫކޮށްގެން މެނުވީ މިމީހުން ކިބައިން މުސްލިމުން ސަލާމަތެއްނުވާނެ. އެއީ އިންޑިއާއަކަސް ކާފަރުންނަކީ އެކަތިގަނޑެއް.
ވަރިހަމަ
17 December 2025
އެމެރިކާ ޔޫރަޕްގެ ރަންޒަމާން ގޮއްސި. މިހާރު ތިގައުމުތަކަށް ދާން އުޅޭނެ ކަމެއް ނެތް. މިމީހުން އަތުގަ ފައިސާއާ ނިއުކްލއަރ ހަތިޔާރު ހުރޭ. އެކަމަކު މަގުމަތީ ނިދާ އުޅޭ ސަލާމް ޖަހާ މީހުން އެހާމެ ގިނަ. ސަރުކާރުން ދޭ ކޫޕަނަށް ކައިބޮއި އުޅޭ އެތަށް މިލިއަން މީހުން އެމެރިކާގަ އުޅޭ. ނިކަމެތި ދިވެހި ރާއްޖެ އުޅެނީ މާ ފުދިގެން. ދަރާފަ އޮތަސް.
ކޮރަލް
17 December 2025
މިހާރު ވަނީ އެމެރިކާއަށް ވަނުން މަނާ ގައުމުތަކުގެ އަދަދު 40 އާ ގާތްކޮށްފަ އެވެ. އެންމެ ބޮޑު ޑިމޮކްރަސީ ކަމަށް ދައުވާ ކުރާ މީހުންގެ ހާލަތު ހުރި ގޮތެވެ.
ތިނާ
17 December 2025
މިދެންމާމޮޅު މީހެއް، ހުރިހާ ގައުމަކުން އެމެރިކާ ބާކީކުރަންވީ، މިމީހުންނަކީ މުޅި ދުނިޔެ ފަސާދަކުރާ ބައެއް