ވެނެޒުއޭލާއާ ގުޅުންހުރި، ރަޝިޔާގެ ދިދަޖެހި ތެޔޮޓޭންކަރެއް ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން ދަތުރުކުރަނިކޮށް އެމެރިކާގެ ކޯސްޓްގާޑާއި އަސްކަރިއްޔާ ގުޅިގެން ހިފަހައްޓައިފި އެވެ.
ރޮއިޓާސް ނޫހުން ބުނީ ވެނެޒުއޭލާއިން ތެޔޮ އެކްސްޕޯޓްކުރުން ހުއްޓުވަން ކުރާ މަސައްކަތުގެ ތެރެއިން، އެ ތެޔޮޓޭންކަރު ހިފަހައްޓަން އެމެރިކާއިން މަސައްކަތް ފެށިތާ ހަފުތާއެއް ވެއްޖެ ކަމަށާއި އެ ޓޭންކަރާ އެކު ރަޝިޔާގެ ސަބްމެރިންއެއް ހަރަކާތްތެރިވާތީ އެކަމަށް ހުރަސް އެޅުނު ކަމަށެވެ. އެހެން ނަމަވެސް އެމެރިކާ ސަރުކާރާ ހަވާލާދީ އެގައުމުގެ ބައެއް ނޫސްއެޖެންސީތަކާއި އިނގިރޭސިވިލާތުގެ ބީބީސީން ބުނީ އެމެރިކާއިން އެ ޓޭންކަރު މިހާރު ހިފަހައްޓާފައިވާ ކަމަށެވެ.
މިއީ ފަހުގެ ތާރީހެއްގައި ރަޝިޔާގެ ދިދަޖެހި އުޅަނދަކަށް އެމެރިކާއިން ހުރަސްއެޅި ފުރަތަމަ ފަހަރެވެ.
އެމެރިކާގެ އެ ފިޔަވަޅު އެންމެ ފުރަތަމަ ރިޕޯޓްކުރި އެޖެންސީއަކީ ރޮއިޓާސް އެވެ. އެ އެޖެންސީން ބުނީ ކުރިން ބެއްލާ1 ގެ ނަމުގައި އޮތް އެ ޓޭންކަރަކީ ކެރީބިއަން ސަރަހައްދުގައި އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އެޅި އުޅަނދުތަކުގެ ތެރެއިން ފިލައިގެން ނުކުތް އުޅަނދެއް ކަމަށެވެ.
ނަން ހާމަނުކުރާ އެެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސް އިން ބުނީ އައިސްލޭންޑްގެ ކައިރިން ދަތުރުކުރަނިކޮށް، އެ އުޅަނދަށް ހުރަސްއެޅީ އެމެރިކާގެ ކޯސްޓްގާޑާއި ކަނޑުގެ ސިފައިން ގުޅިގެން ކަމަށެވެ. އެ ޓޭންކަރާ އެކު ރަޝިޔާގެ ސަބްމެރިން އެއް ދަތުުރުކުރި ނަމަވެސް އެ ސަބްމެރިން އޮތީ ޓޭންކަރާ ކިހާ ކައިިރިއެއްގައި ކަމެއް އަދި ނޭނގެ އެވެ. ޓޭންކަރު ހުއްޓުވަން އެމެރިކާއިން ކުރި މަސައްކަތުގައި ރަޝިޔާ ސިފައިންނާ ކުރިމަތިލުމެއް ހިނގިކަމަކަށް ނުބެލެވެ އެވެ.
ރަޝިޔާގެ މޮސްކޯ ޓައިމްސް ނޫހުން ބުނީ ތެޔޮޓޭންކަރު ހިފަހައްޓަން އެމެރިކާއިން މިދިޔަ ޑިސެމްބަރުމަހު ކުރި މަސައްކަތް ކާމިޔާބުނުވީ ރަޝިޔާގެ ސަބްމެރިންއާ ހެދި ކަމަށެވެ. ރަޝިޔާގެ ފޮރިން މިނިސްޓްރީއާ ހަވާލާދީ އެ ނޫހުން ބުނީ އެމެރިކާއިން އެ އުޅަނދު އަތުލައިގަންނާތީ ރަޝިޔާއިން ކަންބޮޑުވާ ކަމަށެވެ.
ރަޝިޔާގެ ފޮރިން މިނިސްޓްރީއާ ހަވާލާދީ އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ބުނީ އެ ޓޭންކަރު ދަތުރުކުރަމުން އައީ ރަޝިޔާގެ ދިދަ ޖަހައިގެން ކަމަށާއި ދަތުރުކުރަމުން އައީ އެމެރިކާގެ އައްސޭރިއާ ވަރަށް ދުރުން ކަމަށެވެ.
"އަަހަރެމެންނަށް ނޭނގޭ ސަބަބުތަކާ ހެދި އެމެރިކާއާއި ނޭޓޯގެ އަސްކަރިއްޔާގެ ސަމާލުކަން އެ އުޅަނދަށް ވަނީ ބޮޑުވެފައި،" ރަޝިޔާގެ ފޮރިން މިނިސްޓްރީން އިއްޔެ ބުނި ކަމަށް މޮސްކޯ ޓައިމްސްގެ ރިޕޯޓްގައި ވެ އެވެ.
ރޮއިޓާސް އިން ބުނި ގޮތުގައި އެމެރިކާއިން ފުރަތަމަ ފާރަލާން ފެށި އިރު އެ އުޅަނދުގެ ނަމަކީ ބެއްލާ1 އެވެ. އެހެން ނަމަވެސް ފަހުން އެ އުޅަނދުގައި ރަޝިޔާގެ ދިދަ ޖަހައި، ނަން ވެސް ވަނީ މެރިނީރާއަށް ބަދަލުކޮށްފަ އެވެ.
ވެނެޒުއޭލާއިން ތެޔޮ އެކްސްޕޯޓްކުރަން ކުރާ މަސައްކަތަށް އެމެރިކާއިން މިގޮތަށް ހުރަސް އަޅަމުންދާއިރު އެމެރިކާއިން ވަނީ ޖެނުއަރީ ދެވަނަ ދުވަހުގެ ރޭ ވެނެޒުއޭލާއަށް ހަމަލާދީ އެގައުމުގެ ރައީސް ނިކޮލަސް މަދޫރޯއާއި އޭނާގެ އަނބިކަނބަލުން ގަދަކަމުން އެމެރިކާއަށް ގެންގޮސްފަ އެވެ.
ވެނެޒުއޭލާގެ އޮފިޝަލުން ސިފަކުރާ ގޮތުގައި އެމެރިކާއިން ވަނީ އެ ގައުމުގެ ރައީސް ރަހީނުކޮށްފަ އެވެ. އަދި އެމެރިކާއިން ދަނީ ވެނެޒުއޭލާގެ ތެޔޮ ވަގަށް ގެންދަން މަަސައްކަތްކުރަމުންނެވެ. ވެނެޒުއޭލާއާ އަކީ ދުނިޔޭގެ އެންމެ ބޮޑު ތެލުގެ ރިޒާވް އޮތް ގައުމެވެ.