އީރާނާއި އެމެރިކާއާ ދެމެދު ކުރިއަށްދާ މަޝްވަރާތަކުން ހަނގުރާމަ ނިމުމަކަށް ގެނައުމުގައި ނަތީޖާއެއް ނުނެރެވިގެން އުޅެނީ އެމެރިކާގެ ސަބަބުން ކަމަށް އީރާނުގެ އެންމެ އިސް ޑިޕްލޮމެޓް، ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ މިއަދު ވިދާޅުވެއްޖެ އެވެ.
އަރަގްޗީ މިހެން ވިދާޅުވީ ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިންއާ ބައްދަލުކުރެއްވުމަށް ރަޝިޔާގެ ސެއިންޓް ޕީޓަސްބާގަށް ވަޑައިގަތުމަށް ފަހުގަ އެވެ. މި ދަތުރުގެ ކުރިން އޭނާ ވަނީ ސުލްހައިގެ މެދުވެރިއެއްގެ ދައުރު އަދާކުރާ ޕާކިސްތާނަށާއި އުމާނަށް ވެސް ޒިޔާރަތް ކުރައްވައިފަ އެވެ.
އިސްލާމްއާބާދުގައި ބޭއްވި ފުރަތަމަ ބުރުގެ މަޝްވަރާތަކަށްފަހު، އާ މަޝްވަރާތަކެއް ފެށޭނެ ކަމުގެ އުންމީދު އޮތް ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އޭނާގެ މަންދޫބުން ކަމަށްވާ ސްޓީވް ވިޓްކޮފް އާއި ޖެރެޑް ކުޝްނާ ޕާކިސްތާނަށް ފޮނުވަން އޮތް ދަތުރު ކެންސަލް ކުރައްވައިފަ އެވެ. އަރަގްޗީ ވިދާޅުވި ގޮތުގައި ކުރީގެ މަޝްވަރާތަކުން ކުރިއެރުންތަކެއް ލިބުނު ނަމަވެސް، އެމެރިކާގެ "ޑިމާންޑުތައް މާބޮޑުވާތީ" އެ މަޝްވަރާތައް ނާކާމިޔާބުވީ އެވެ.
ޓްރަމްޕް ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ އީރާނުން މަޝްވަރާ ކުރަން ބޭނުން ނަމަ "އަހަރެމެންގެ ގާތަށް އަންނަންވީ ނުވަތަ ގުޅަންވީ" ކަމަށެވެ. ނަމަވެސް، މަންދޫބުންގެ ދަތުރު ކެންސަލް ކުރުމަކީ އަލުން ހަނގުރާމައަކަށް ދިއުން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ބޮޑެތި ގެއްލުންތައް ދަނީ ވަމުންނެވެ. އީރާނުން ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމުން ތެލާއި، ގޭސް އަދި ގަސްކާނާގެ އަގު ވަނީ އުފުލިފަ އެވެ. އަދި ރައްދުގައި އެމެރިކާއިން ވަނީ އީރާނުގެ ބަނދަރުތައް ބަންދުކޮށްފަ އެވެ.