އިނގިރޭސި ވިލާތުން މޮރިޝަސް އަށް ޗާގޯސް ދިނުމަށް ހެދި އެއްބަސްވުމަށް ގާނޫނީ ބާރު ދިނުމާ ބެހޭ ގޮތުން ހުށަހަޅާފައިވާ ބިލަށް، ގާނޫނު ހަދާ މަޖިލިހުގެ މަތިގޭގައި ބަހުސްކުރުން ފަސްކޮށްފި އެވެ. 

ކުރިން ތާވަލްކޮށްފައި އޮތީ ޗާގޯސްގެ ރަށްތައް މޮރިޝަސްއާ ހަވާލުކުރުމާއި އެ ތަނުގެ އެންމެ ބޮޑު ރަށް އަދި އެމެރިކާ އާއި އިނގިރޭސި ވިލާތުގެ އަސްކަރީ މަރުކަޒު ޑިއެގޯ ގާސިއާ އަހަރަކު 101 މިލިއަން ޕައުންޑަށް ކުއްޔަށް ހިފާފައި ބޭއްވުމާ ބެހޭ ޑީލަށް ހޯމަ ދުވަހު ލޯޑްސްގައި ބަހުސްކުރާށެވެ. 

އެކަމަކު މި ޑީލަށް ދެކޮޅުހަދަމުން އަންނަ ކޮންޒަވެޓިވް މެންބަރުން ހުކުރު ދުވަހު ވަނީ ޖިއޮޕޮލިޓިކަލް ކަންތައްތައް ބަދަލުވަމުންދާ ކަމަށް ބުނެ އެކަމާ ގުޅުވައި މި ބަހުސް މި ވަގުތަށް މަޑުޖައްސާލަށް އިސްލާހެއް ހުށަހަޅައިފަ އެވެ. 

އެހެންވެ ސަރުކާރުން ބުނީ ބިލާ ބެހޭ ބަހުސް މި ވަގުތު ކުރިއަށް ނުގެންދާނެ ކަމަށާއި އެކަމަކު އަދި މި ބިލް އަލުން ފޮނުވާނެ ކަމަށެވެ. 

"ސަރުކާރު އޮތީ ޑިއެގޯ ގާސިއާގައި އެމެރިކާ އާއި އިނގިރޭސި ވިލާތުން ގާއިމުކޮށްފައިވާ އަސްކަރީ ބޭސް ހިމާޔަތްކުރެވޭ މި ޑީލް ކުރިއަށް ގެންދާ ގޮތަށް. މިއީ ގައުމީ ސަލާމަތާ ގުޅުން ހުރި ކަމެއް،" ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވި އެވެ. 

ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ ބީބީސީން ބުނީ މިކަމުގައި ރައްދު ދޭނެ ގޮތަކާ މެދު ސަރުކާރުން ވިސްނަމުން އަންނަ ކަމަށާއި އެކަމަކު ކުރިއަށް އޮތް ތަނުގައި މިގޮތަށް ބިލްތަކަށް ހުރަސްއެޅުމަށް މިފަދަ އުކުޅުތައް ބޭނުންކުރިޔަ ނުދޭން ކުރެވިދާނެ ކަންކަން އެބަހުރި ކަމަށެވެ. 

"މިއީ ޒިންމާދާރުކަން ކުޑަ އަމަލެއް. މެންބަރުންގެ ޒިންމާއަކަށް ވާން ޖެހޭނީ ގާނޫނު ހެދުން. ގައުމީ ސަލާމަތާ ގުޅުން ހުރި އިސްކަންދޭ ކަންކަމަށް ހުރަސްއެޅުމެއް ނޫން،" ތަރުޖަމާނު ވިދާޅުވި އެވެ.  

ޑިއެގޯ ގާސިއާ މިލިޓަރީ ބޭސް އަދި އިންޑިއަން އޯޝަން ޓެރިޓަރީ ބިލް މަޖިލީހުގައި އެންމެ ފަހު މަރުހަލާތަކާ ހިސާބަށް ގޮސްފައި ވާއިރު މިއީ "ޕިންގް ޕޮންގް" ބިލްތަކުގެ ގޮތުގައި ވަނީ މަޝްހޫރުވެފަ އެވެ. އެއީ ހައުސް އޮފް ކޮމަންސް (ތިރިގެ) އާއި ހައުސް އޮފް ލޯޑްސް (މަތިގެ) އާ ދެމެދު ތާށިވެ އެއް ގެއިން ބަދަލު ގެނެސް އަނެއް ގެޔަށް ފޮނުވާލަ ފޮނުވާލަ ތިބޭތީ އެވެ. 

ކޮންޒަވެޓިވް މެންބަރުން ބުނަމުންދަނީ މި އެއްބަސްވުމައިގެން ކުރިއަށް ގޮސްފި ނަމަ އެކަން ވާނީ 1966 ވަނަ އަހަރު އެމެރިކާއާ އެކު ހެދި މުއާހަދާއާ ހިލާފް އަމަލަކަށެވެ. އަދި މިއީ ބައިނަލްއަގުވާމީ ގާނޫނާ ހިލާފްވުމުން ކަމަށް ވާނެ ކަމަށް ވެސް އެ މެންބަރުން ބުނެ އެވެ. 

އެ މުއާހަދާގައި "އެ ސަރަހައްދު އިނގިރޭސި ވިލާތުގެ ސިޔާަދަތީ ބާރުގެ ދަށުގައި ބާއްވަން ޖެހޭނެ" ކަމަށް އޮވެ އެވެ. 

އެހެންވެ އެ މެންބަރުން ބުނަނީ ލޯޑްސް އަށް އަލުން ބިލް ހުށަހެޅުމުގެ ކުރިން 1966 ވަނަ އަހަރުގެ މުއާހަދާއާ ގުޅޭ ގޮތުން އެމެރިކާއާ ބައްދަލުކޮށް އެކަމުގައި ގޮތެއް ނިންމަން ޖެހޭނެ ކަމަށެވެ. 

މޮރިޝަސްއާ އެކު މިހާރު ޔޫކޭ އިން ހަދާފައިވާ އެއްބަސްވުމުގައި ބުނާ ގޮތުން ޗާގޯސްގެ ހުރިހާ ރަށެއް މޮރިޝަސްއާ ހަވާލުކުރި ކަމުގައި ވިޔަސް ޑިއެގޯ ގާސިއާ އޮންނަނީ ޔޫކޭއަށް ކުއްޔަށް ނަގައިފަ އެވެ. އަދި އެ ރަށުގެ ވަށައިގެން 24 މޭލުގެ ބަފަ ޒޯނެއް ގާއިމުކޮށް، އެ ޒޯނުގައި ޔޫކޭގެ ހުއްދަ އޮވެގެން ނޫން ގޮތަކަށް އެއްވެސް ތަނެއް ބިނާކުރުން މަނާވެ އެވެ. 

މިދިޔަ އަހަރުގެ މެއި މަހު ބޮޑުވަޒީރު ކިއާ  ސްޓާމާ ސޮއިކުރެއްވި އެއްބަސްވުމުގެ ދަށުން މޮރިޝަސްއަށް އެ ރަށްތަކުގެ ސިޔާދަތީ ބާރު އިނގިރޭސިވިލާތުން ދޫކޮށްލަން ޖެހެ އެވެ. އަދި ޑިއެގޯ ގާސިއާ 99 އަހަރަށް ޔޫކޭއަށް ކުއްޔަށް ދޭނެ އެވެ. 

ބޮޑުވަޒީރު ވިދާޅުވެފައި ވަނީ އިނގިރޭސި ވިލާތުން މި ޑީލް ނުހަދައިފި ނަމަ ޑިއެގޯ ގާސިއާ ވެސް ބީވެގެން ހިނގައިދާނެ ގާނޫނީ މައްސަލައަކާ ކުރިމަތިވުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. އޭނާ ވިދާޅުވީ އެއްބަސްވުމެއް ނުހަދައި ތިބެފި ނަމަ ޗައިނާ ނުވަތަ އެހެން ގައުމަކުން ވެސް ޗާގޯސްގެ އެހެން ރަށްތަކުގައި އަސްކަރީ މަރުކަޒުތައް ހަދާފާނެ ކަމަށާއި އަދި ޑިއެގޯ ގާސިއާ ކައިރީގައި އަސްކަރީ ތަމްރީންތައް ވެސް ކުރިއަށް ގެންގޮސްފާނެ ކަމަށެވެ. 

"މިކަން މިހެން ވާން، ޒިންމާދާރު ސަރުކާރަކުން ދުލެއް ނުކުރާނެ،" އޭނާ ވިދާޅުވި އެވެ.