ވަޓްސްއެޕްގެ ޕްރައިވެސީ ޕޮލިސީ އޮންނަ ގޮތުން އާންމުންގެ ޒާތީ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކުރާ ކަމަށް ބުނެ އިންޑިއާގެ ސުޕްރީމް ކޯޓުން އޭގެ މައި ކުންފުނި ކަމަށްވާ މެޓާ ޕްލެޓްފޯމްސްއަށް ވަރުގަދަ އިންޒާރެއް ދީފި އެވެ.

މިއަދު ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ، ބައިނަލްއަގުވާމީ ބޮޑު ކުންފުންޏެއްގެ ވިޔަފާރީގެ މަންފާއަށްޓަކައި ރައްޔިތުންގެ ޒާތީ މައުލޫމާތާއި ސިއްރުތައް ހިފެހެއްޓުމުގެ ހައްގު ގުރުބާން ނުކުރެވޭނެ ކަމަށެވެ.

އުއްތަމަ ފަނޑިޔާރު ސޫރިޔާ ކާންތު ރިޔާސަތު ބެލެހެއްޓެވި، ތިން ފަނޑިޔާރުންގެ ބެންޗަކުން ވިދާޅުވީ އެ މައްސަލައާ ގުޅޭ ތަފްސީލީ އަމުރެއް މި މަހުގެ 10 ވަނަ ދުވަހު ނެރޭނެ ކަމަށެވެ. އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި، ރައްޔިތުންގެ މައުލޫމާތު ރައްކާތެރިކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް ނާޅާ ނަމަ މައުލޫމާތު ހިއްސާކުރުން މުޅިން މަނާކުރުމުގެ ފުރުސަތު އެބައޮތެވެ.

ސުޕްރީމް ކޯޓުން އެފަދަ އިންޒާރެއް ދިނީ ވަޓްސްއެޕުން ޕްރައިވެސީ ޕޮލިސީއެއް ތައާރަފްކޮށް، އޭގެ ބޭނުން ނަހަމަ ގޮތުގައި ހިފާފައިވާތީ އިންޑިއާގެ ކޮމްޕެޓިޝަން ކޮމިޝަނުން (ސީސީއައި) އިން މެޓާ އާއި ވަޓްސްއެޕް 213 ކްރޯޑް ރުޕީސްއިން ޖޫރިމަނާކުރި މައްސަލަ އެ ކުންފުނިން އިސްތިއުނާފު ކުރުމުންނެވެ. ކޯޓުން ވަނީ ބޭނުންކުރާ ފަރާތުގެ ރުހުން އޮތް ކަމަށް ދައްކައިގެން ނުވަތަ އެ ނޫން ވެސް ބަހަނާއެއްގައި ޒާތީ މައުލޫމާތު ހިއްސާނުކުރެވޭނެ ކަމަށް ބުނެފަ އެވެ. 

މީގެ އިތުރުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ އިންޑިއާގެ ރައްޔިތެއްގެ ޒާތީ އެންމެ މައުލޫމާތެއް ވެސް ހިއްސާކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށާއި އަދި ގައުމުގެ ރައްޔިތުންގެ ހައްގުތަކާ ކުޅުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނޯންނާނެ ކަމަށެވެ.

މެޓާ އަދި ވަޓްސްއެޕްގެ އާ ސިޔާސަތާ ގުޅޭގޮތުން ކޯޓުން ވަނީ ވަރަށް ވަރުގަދަ ސުވާލުތަކެއް އުފައްދައިފަ އެވެ. އެގޮތުން، އެތައް މިލިއަން ފަގީރު އަދި ތައުލީމީ ގޮތުން ބަލިކަށި މީހުންނަށް އެ ސިޔާސަތު ފަހުމްވާނެތޯ ކޯޓުން ސުވާލު އުފެއްދި އެވެ.

"ނިކަމެތި އަންހެނަކަށް ނުވަތަ މަގުމަތީގައި ވިޔަފާރިކުރާ މީހަކަށް ނުވަތަ ހަމައެކަނި ތަމަޅަ ބަހުން ވާހަކަދައްކާ މީހަކަށް މިއީ ކޮން އެއްޗެއްކަން އެނގޭނެބާ؟" އުއްތަމަ ފަނޑިޔާރު ސުވާލު އުފެއްދެވި އެވެ.

"ބައެއް ފަހަރު ތިޔަ ސިޔާސަތުތައް ދެނެގަތުމަކީ އަހަރެމެންނަށް ވެސް އުނދަގޫ ކަމެއް. އެހެންވީމާ ބިހާރުގެ ރަށްފުށު ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަށް މިއީ ކޮން އެއްޗެއްކަން އެނގޭނީ ކިހިނެއް؟ މިއީ އަމިއްލަ މައުލޫމާތު ވަގަށް ނެގުމަށް ހުޅުވާލެވޭ ދޮރެއް. މިކަމަކަށް އަހަރެމެން ހުއްދައެއް ނުދޭނަން."

ކޯޓުން އިތުރަށް ފާހަގަކުރި ގޮތުގައި ވަޓްސްއެޕް މެދުވެރިކޮށް ޑޮކްޓަރަކަށް މެސެޖެއް ފޮނުވައި، ބަލިވެ އުޅޭކަމަށް ބުނުމުން އެ ޑޮކްޓަރު ބޭހެއްގެ ރެސިޕީއެއް ފޮނުވައިފި ނަމަ، ހަމަ އެ ވަގުތުން ފެށިގެން އެކަމާ ގުޅޭ އިޝްތިހާރުތައް ފެންނަން ފަށަ އެވެ.