އީރާންގެ ނިއުކްލިއާ މަޝްރޫއާ ގުޅޭ ގޮތުން އެމެރިކާ އާއި އީރާނާ ދެމެދު ބާއްވަން ނިންމި މަޝްވަރާތައް މާދަމާ އޮމާންގައި ފަށަން ހަމަޖައްސާފައިވާ ކަމަށް އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރަޣްޗީ ވިދާޅުވެއްޖެ އެވެ. 

އީރާން ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތައް ރޫޅާލުމުގައި އެތައް ހާސް ބަޔަކު މެރި ކަމުގެ ތުހުމަތާ އެކު އެމެރިކާއިން ހަމަލާދޭނެ ކަމުގެ އިންޒާރު ދެމުން ދަނިކޮށް އީރާނުން އެއްބަސްވި މަޝްވަރާތަކުގައި ނިއުކްލިއާ ޕްރޮގްރާމާ ބެހޭ ގޮތުން ނޫނީ ވާހަކަ ނުދައްކާނެ ކަމަށް އެ ގައުމުން ވަނީ ބުނެފަ އެވެ. އީރާނުން ބުނީ މިއީ ހަމައެކަނި ނިއުކްލިއާ މަޝްރޫއާ ބެހޭ ގޮތުން ކުރާ މަޝްވަރާއެއް ކަމަށާއި މިސައިލް ޕްރޮގްރާމާއި ދިފާއީ އެހެން މަޝްރޫއުތަކާ ބެހޭ ގޮތުން ވާހަކަ ނުދައްކާނެ ކަމަށެވެ. 

"އެމެރިކާއާ އެކު ނިއުކްލިއާ ޕްރޮގްރާމްގެ މަޝްވަރާތައް ހުކުރު ދުވަހުގެ ހެނދުނު 10 ޖަހާއިރު މަސްކަޓްގައި ފެށުމަށް ވަނީ ތާވަލްކޮށްފައި،" އަރަޣްޗީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ. 

އެ ޕޯސްޓްގައި އަރަޣްޗީ ވަނީ މި މަޝްވަރާތައް އިންތިޒާމްކުރުމުގައި އޮމާނުން އަދާކުރާ ދައުރަށް ޝުކުރު އަދާކުރައްވައިފަ އެވެ. 

އެމެރިކާގެ ނޫސް ވެބްސައިޓެއް ކަމަށްވާ އެކްސިއޯސް އިން ކުރިން ރިޕޯޓް ކޮށްފައިވާ ގޮތުގައި މި މަޝްވަރާތައް ބާއްވާނެ ތަނަކާއި މަޝްވަރާތައް ބައްޓަންކުރާނެ އޮނިގަނޑަކާ މެދު އެއްބަސްވުމަކަށް ނާދެވި މަޝްވަރާތައް ދަނީ ފެއިލްވުމާ ދިމާލަށެވެ. އެކަމަކު ފަހުން ރިޕޯޓްކޮށްފައިވާ ގޮތުގައި މެދުއިރުމަތީގެ އެތައް ގައުމެއްގެ ވެރިންގެ އިލްތިމާސްއާ އެކު މަޝްވަރާތައް "ހަމަ މަގަށް" އައިސް މިހާރު ވަނީ އޮމާންގައި މާދަމާ ފަށަން ނިންމައިފަ އެވެ. 

އީރާންގައި މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ގައުމުން މަޝްވަރާތަކުގައި އިސްކޮށް ހުންނަވާނީ ފޮރިން މިނިސްޓަރު އަރަޣްޗީ އެވެ. އޭނާގެ އިތުރުން ސީނިއާ ޑިޕްލޮމެޓުން ކަމަށްވާ މާޖިދު ތަޚްތު-ރަވަންޗީ އާއި ކާޒިމް ޣަރީބްއަބާދީ ވެސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ބުނެފައިވެ އެވެ. 

އެމެރިކާގެ ވަފުދުގައި އިސްކޮށް ހުންނަވާނީ ޓްރަމްޕުގެ ހާއްސަ މަންދޫބު ސްޓީވް ވިކްޓޯފް ކަމަށް ބެލެވެ އެވެ. 

އީރާން ސަރުކާރާ ދެކޮޅު މުޒާހަރާތައް ބާރުގެ ބޭނުންކޮށްގެން ރޫޅާލި ގޮތުން އީރާނަށް ހަމަލާދޭނެ ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ދެއްވި އިންޒާރުތަކަށް ފަހު މެދުއިރުމައްޗަށް ވަނީ އެމެރިކާގެ އަސްކަރީ މަނަވަރުތައް ޖަމާކޮށްފަ އެވެ. 

މުޒާހަރާތަކުގައި 3،000 މީހުން މަރުވި ކަމަށާއި އޭގެ ތެރޭގައި ގިނައީ ސަލާމަތީ ބާރުތަކުގެ މީހުން ކަމަށް އީރާނުން ބުނެފައިވެ އެވެ. އެކަމަކު އެމެރިކާގެ ޖަމާއަތެއް ކަމަށްވާ ހިއުމަން ރައިޓްސް އެކްޓިވިސްޓްސް ނިއުސް އެޖެންސީން ބުނެފައިވާ ގޮތުގައި 6،872 މީހަކު މަރުވިކަން ކަށަވަރުވެފައިވެ އެވެ. އަދި މީގެ ތެރޭގައި ގިނައީ ސަލާމަތީ ބާރުތަކުން ހަމަލާ ދިނުމުން މަރުވި މުޒާހަރާގެ ބައިވެރިން ކަމަށް ވެސް ބުނެފައިވެ އެވެ. -- އޭއެފްޕީ