ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް ބޭނުންކުރެވޭ ފެންވަރަށް ހަފްތާއެއްގެ ތެރޭގައި އީރާނުން ޔުރޭނިއަމް މުއްސަނދިކޮށްފާނެ ކަމަށް، މެދުއިރުމައްޗަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ކަނޑައަޅާފައި ހުންނަވާ މަންދޫބު ސްޓީވް ވިކްޓޮފް ވިދާޅުވެއްޖެ އެވެ. 

ހާލަތު "ވަރަށް ނުރައްކާ" ހިސާބެއްގައި އޮތް ކަމަށް ވިދާޅުވެ ފޮކްސް ނިއުސްގެ އިންޓަވިއުއެއްގައި ވިކްޓޮފް ވިދާޅުވީ އީރާނުން ވަނީ 60 ޕަސެންޓަށް ޔުރޭއަނިއަމް ފައްކާކޮށްފައި ކަމަށާއި މިހާރުވެސް އެއީ މަދަނީ ބޭނުންތަކަށް ބޭނުންވާ ވަރަށްވުރެ މާ ބާރުގަދަ މިންވަރެއް ކަމަށެވެ. 

"ފަހަރެއްގައި އީރާނުން އިންޑަސްޓްރިއަލް ފެންވަރުގެ، ބޮން ހެދުމަށް ބޭނުންވާ މެޓީރިއަލް އުފެއްދުމަށް ދެން ނަގާނީ ހަފްތާއެއްހާ ދުވަސް،" ވިކްޓޮފް ވިދާޅުވި އެވެ. "ހަގީގަތުގައި ވެސް މިއީ ވަރަށް ނުރައްކާ ހާލަތެއް. އެ މީހުންނަށް އެ ލިބިގެން ނުވާނެ." 

އޭނާ ވިދާޅުވީ އީރާނާ އެކު މަޝްވަރާ ކުރުމުގެ ކުރިން ޓްރަމްޕް އޭނާއަށާއި ޓްރަމްޕްގެ ދަނބިދަރިކަލުން އަދި ނުރަސްމީ ގޮތުން ހުންނަވާ އެޑްވައިޒަރު ޖެރެޑް ކުޝްނާ އަށް ވަނީ "ޒީރޯ އެންރިޗްމަންޓް" ނުވަތަ ޔުރޭނިއަމް އުފެއްދުން ހުއްޓާލަން އީރާނަށް މަޖުބޫރުކުރަން ޖެހޭނެ ކަމަށް ވިދާޅުވެފައި ކަމަށެވެ.  އަދި އީރާނުން އުފައްދާފައިވާ ނިއުކްލިއާ މެޓީރިއަލްސް އަނބުރާ ހޯދުމަށް އެމެރިކާ މަސައްކަތް ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ވިޓްކޯފް ވިދާޅުވީ އީރާނުން ޔުރޭނިއަމް މުއްސަނދިކުރަން ނުޖެހޭނެ ކަމަށް އެމެރިކާއިން ދެކޭ ކަމަށެވެ.

"ވަރަށް ހަރުކަށި ރަތް ރޮނގުތަކެއް ވަނީ ކަނޑައެޅިފައި،" އޭނާ ވިދާޅުވި އެވެ.

ވިޓްކޯފް ވިދާޅުވީ އީރާނާ ދެކޮަޅަށް ބާރުގެ ބޭނުންކުރާނެ ކަމުގެ އިންޒާރާ އެކު ސަރަހައްދުގައި އަސްކަރީ ބާރުތައް ޖަމާކުރަމުން ދާއިރު ވެސް ނިއުކްލިއާ ހަތިޔާރު ނުއުފައްދާނެ ކަމަށް އީރާނުން ފާޅުގައި ނުބުނާ ކަމަށާއި އެހެންވެ އެކަމާ ޓްރަމްޕު ސުވާލު އުފައްދަވާ ކަމަށެވެ. 

ވިކްޓޮފްގެ މި ވާހަކަތަކާ ގުޅިގެން އީރާނުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.