ނިއުކްލިއާ މަޝްރޫއުއާ ގުޅުވައި އެމެރިކާއިން އީރާނަށް ހަމަލާދީފި ނަމަ އެމެރިކާގެ މަސްލަހަތު ހިމެނޭ ތަންތަނަށް ރައްދު ހަމަލާ ދޭނެ ކަމަށާއި އެކަމަކު އަދިވެސް މަޝްވަރާއިން ސިޔާސީ ހައްލަކަށް ދެވިދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރަޣްޗީ ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ސީބީއެސްއަށް ދެއްވި އިންޓަވިއުއެއްގައި އަރަޣްޗީ ވިދާޅުވީ ބުރާސްފަތި ދުވަހު އަލުން މަޝްވަރާތައް ފެށޭނެ ކަމަށް އުންމީދުކުރައްވާ ކަމަށާއި އެއްބަސްވުމެއްގައި ހިމެނޭ ކަންކަމުގެ އޮނިގަނޑެއް އެކުލަވާލެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
އޭނާ މިހެން ވިދާޅުވި ފަހުން އޮމާނުން ވަނީ އެމެރިކާ އާއި އީރާންގެ އާ މަޝްވަރާތަކެއް އެ ގައުމުގައި ބުރާސްފަތި ދުވަހަށް ތާވަލްކުރިކަން އިއުލާނުކޮށްފަ އެވެ.
މަޝްވަރާގެ އާ ބުރެއް ފެށުމަށް ނިންމައި އެކަން އިއުލާނުކުރި އިރު އެމެރިކާއިން އީރާނަށް ހަމަލާ ދިނުމަށް ދެމުން ގެންދާ އިންޒާރާ ގުޅުވައި އެ ސަރަހައްދަށް ޖަމާކުރަމުންދާ އަސްކަރީ ބާރުތައް ވަނީ ކުރިއަށް ވުރެ ވެސް އިތުރުކޮށްފަ އެވެ.
އީރާނަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ދެއްވަން ފެއްޓެވީ މި އަހަރު އީރާންގައި ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތައް ކޮންޓްރޯލްކުރަން އެތައް ހާސް ބަޔަކު މެރި ކަމުގެ ތުހުމަތާ އެކުގަ އެވެ. އަދި މި ހަފްތާގައި އީރާންގެ އެކި ޔުނިވަސިޓީތަކުގެ ދަރިވަރުން އަލުން މުޒާހަރާކުރަން ފަށާފައިވާ ކަމަށް މީޑިއާތަކުން ދަނީ ރިޕޯޓްކުރަމުންނެވެ.
"އެމެރިކާއިން އަހަރެމެންނަށް ހަމަލާ ދީފި ނަމަ އަމިއްލަ ދިފާއުގައި ހަމަލާ ދިނުމުގެ ހުރިހާ ހައްގެއް ލިބިގެންވާނެ،" ސަރަހައްދުގައިވާ އެމެރިކާގެ މަސްލަހަތު ހިމެނޭ ތަންތަނަކީ މައިގަނޑު އަމާޒަށް ހަދާނެ ކަމުގެ އިންޒާރާ އެކު އަރަޣްޗީ ވިދާޅުވި އެވެ.
އެކަމަކު އޭނާ ވިދާޅުވީ މައްސަލައަށް ޑިޕްލޮމެޓިކް ހައްލެއް ހޯދުމަށް ވަރަށް ބޮޑު ފުރުސަތެއް އެބަ އޮތް ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ބުރާސްފަތި ދުވަހު، ފަހަރެއްގައި ޖެނީވާގައި ބައްދަލު ކުރާއިރު، އެ ބައިތަކާ މެދު މަސައްކަތް ކޮށް، ރަނގަޅު ލިޔުމެއް ތައްޔާރުކޮށް، އަވަސް އެއްބަސްވުމަކަށް އާދެވިދާނެ،" އަރަޣްޗީ ވިދާޅުވި އެވެ.
އެމެރިކާގެ އިސް އޮފިޝަލަކާ ހަވާލާދީ އެކްސިއޯސް އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި އީރާނުން އާ ހުށަހެޅުމެއް ހުށަހަޅައިފި ނަމަ، މި ހަފުތާގެ ފަހުކޮޅު އަލުން ބައްދަލު ކުރަން އެމެރިކާ އޮތީ ތައްޔާރަށެވެ.
އެމެރިކާއިން މެދުއިރުމައްޗަށް، ދެ އެއާކްރާފްޓް ކެރިއަރާއި ޖެޓްތައް ފޮނުވާފައި ވާއިރު ސަރަހައްދުގައިވާ އަސްކަރީ ތަންތަނުގައި ވަނީ ވައިގެ ދިފާއީ ނިޒާމުތައް ވެސް ވަރުގަދަކޮށްފަ އެވެ.
މެދުއިރުމައްޗަށް ޓްރަމްޕު ކަނޑައަޅުއްވާފައި ހުންނަވާ ހާއްސަ މަންދޫބު ސްޓީވް ވިކްޓޮފް ހޮނިހިރު ދުވަހު ވިދާޅުވެފައިވާ ގޮތުގައި އީރާނަށް އެމެރިކާއިން އަސްކަރީ ޕްރެޝަރު މިހާ ބޮޑުކުރަމުން ދާއިރު ވެސް އީރާނުން ގޮތް ދޫނުކޮށް އޮންނަނީ ކީއްވެގެންކަމާ މެދު ޓްރަމްޕު ވަނީ އުފައްދަވައިފަ އެވެ.
"ޓްރަމްޕު އެނގިވަޑައިގަންނަވަން ބޭނުންވަނީ އެއީ ކީއްވެތޯ. "އަމާންދިނުން" މި ބަސް ބޭނުން ކުރަން ބޭނުމެއް ނޫން، އެކަމަކު އެ މީހުން އަމާން ނުދެނީ ކީއްވެ،" އޭނާ ވިދާޅުވި އެވެ.
ވިކްޓޮފް ވިދާޅުވި ގޮތުގައި ނިއުކްލިއާ ހަތިޔާރު އުފެއްދޭ މިންވަރަށް ޔުރޭނިއަމް މުއްސަނދި ކުރުމަށް އީރާނަށް ދެން ބޭނުވަނީ ހަފްތާއެއްހާ ދުވަސް ކަމަށް ބެލެވެ އެވެ. އެހެންވެ ހާލަތު ނާޒުކު ކަމަށާއި އީރާނަށް ނިއުކްލިއާ ލިބިގެން ނުވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ. -- އޭއެފްޕީ