މޮރިޝަސް އަށް ޗާގޯސް ދޭން އިނގިރޭސި ވިލާތުން ނިންމި ނިންމުން ތަންފީޒުކުރަން ފެށުން ސިޔާސީ ހިޔާލު ތަފާތުވުމާ އެކު އިނގިރޭސި ވިލާތުގައި ފަސްވެފައި ވަނިކޮށް މޮރިޝަސްގެ ބޮޑުވަޒީރު ނަވިންޗަންދުރަ ރަމްގޫލަމް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފޯނުން ގުޅުއްވައި ކަނޑުގެ ސަރަހައްދު ބެލެހެއްޓުމާ ބެހޭ ގޮތުން މަޝްވަރާކުރައްވައިފި އެވެ. 

މޯދީގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އިންޑިއާ އާއި މޮރިޝަސް ގުޅިގެން ކުރިއަށް ގެންދާ އެކި ޕްރޮގްރާމްތަކާއި މަޝްރޫއުތަކުގެ ފަހުގެ މައުލޫމާތު ދެ ބޭފުޅުން ހިއްސާކުރެއްވި ކަމަށެވެ. އަދި ދެ ގައުމުގެ މަންފާއަށް ސްޓްރެޓީޖިކް ގޮތުން މަސައްކަތްކުރުމުގައި ދެމި ތިބުމަށާއި އެކަން އިތުރަށް ކުރިއަށް ގެންދިއުމާ ބެހޭ ގޮތުން ވެސް ވާހަކަ ދެއްކެވި ކަމަށް މޯދީގެ އޮފީހުން ބުންޏެވެ. 

"ދެބޭފުޅުން ވަނީ އިންޑިއާ ކަނޑުގެ ސަރަހައްދުގެ ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށް އެކުގައި މަސައްކަތްކުރުމުގައި ދެމިތިބުމަށް އެއްބަސްވެވަޑައިގެންފައި،" ބަޔާނުގައިވެ އެވެ. 

މޮރިޝަސްގެ ބޮޑުވަޒީރު އިންޑިއާގެ ބޮޑުވަޒީރަށް ގުޅުއްވައި ވާހަކަ ދައްކަވާފައި ވާއިރު ޗާގޯސްގެ ސިޔާދަތީ ބާރު ދިވެހިރާއްޖެއަށް މާ ހައްގުކަން ބޮޑުކަމަށް ބުނާތީ އާއި ރާއްޖޭން މޮރިޝަސް އާއި ރާއްޖެއާ ދެމެދު އިގްތިސާދީ ސަރަހައްދުން ފުށުއަރާ ބައި ވެސް ރާއްޖޭގެ ބައެއްގެ ގޮތުގައި ބަލަހައްޓަމުން ގެންދާނެ ކަމަށް ބުނެފައި ވާތީ އިންޑިއާގެ މީޑިއާގައި ދަނީ ފާޑު ކިޔަމުންނެވެ. 

މޮރިޝަސް އަކީ އިންޑިއާއިން އަސްކަރީ އެކި އެއްބަސްވުންތައް ގާއިމުކޮށް އިންޑިއާގެ މަދަދު އަބަދުވެސް ދެމުން އަންނަ ގައުމަކަށް ވާއިރު އެ ސަރަހައްދުގައި ޗައިނާގެ ބާރު ގަދަވެދާނެ ގޮތަކަށް ކަންތައް ބަދަލުވުމަކީ އިންޑިއާގެ ކަންބޮޑުވުމެއްގެ ގޮތުގައި، ތަޖުރިބާކާރުން ފާހަގަކުރެ އެވެ.