އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އިގްތިސާދީ ސިޔާސަތުގެ އަސާސަކަށް ހަދައިގެން، ގައުމުތަކުގެ މުދަލުން އާދަޔާ ހިލާފް ބޮޑުކޮށް ޓެރިފް ނަގަން ނިންމަމުން ދިޔައީ ގާނޫނުން ލިބިދޭ ބާރުގެ ބޭރުން ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ އެކު އެ ކޯޓުގެ ފަނޑިޔާރުންނަށް ޓްރަމްޕު ބަހުގެ ހަމަލާތައް ދެއްވައިފި އެވެ. 

"ކޯޓުގެ ބައެއް ފަނޑިޔާރުންނާ މެދު ލަދުގެންފި. ގައުމަށް ރަނގަޅު ގޮތަށް ނިންމުމުގެ ހިތްވަރު ނުލިބުނީތީ ވަރަށް ބޮޑަށް ލަދު ގެންފި،" ފަނޑިޔާރުން ބޭރުގެ ނުފޫޒުތައް ފޯރާފައިވާ ކަމަށް ތުހުމަތުކުރައްވަމުން ޓްރަމްޕު ވައިޓް ހައުސްގެ ޕްރެސް ކޮންފަރެންސްގައި ވިދާޅުވި އެވެ. 

"އެ ބޭފުޅުންގެ ކިބައިގައި ގައުމިއްޔަތުކަމެއް ނެތް އަދި ގާނޫނު އަސާސީއަށް ވަފާތެރިއެއް ނޫން،" ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ މޮޔައިން ކަމަށް އަދި ކުއްތާގަނޑެއްގެ ގޮތުގައި ވެސް ސިފަކުރަމުން ޓްރަމްޕު ވިދާޅުވި އެވެ. 

މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެމެރިކާގެ ރައީސްކަމާ ޓްރަމްޕް ހަވާލުވެ ވަޑައިގަތީންސުރެ ބޮޑެތި ހުރިހާ ނިންމުންތަކެއްގައި ސުޕްރީމް ކޯޓުން ޓްރަމްޕާ އެއްކޮޅަށް ނިމިފައި ވާއިރު ޓެރިފްގެ މައްސަލަ އަކީ ކޮންޒަވެޓިވް ފިކުރުގެ އަޣުލަބިއްޔަތު އޮތް ސުޕްރީމް ކޯޓުން ޓްރަމްޕާ ދެކޮޅަށް ނިންމި ބޮޑު ފުރަތަމަ މައްސަލަ އެވެ.  

ޓެރިފް މައްސަލާގައި ޓްރަމްޕުގެ ނިންމެވުން ގޯސް ކަމަށް ވިދާޅުވި ފަނޑިޔާރުންގެ ތެރޭގައި ޓްރަމްޕު ސުޕްރީމް ކޯޓަށް އައްޔަންކުރެއްވި ދެ ފަނޑިޔާރުން ކަމަށްވާ އެމީ ކޯނީ ބެރެޓް އާއި ނީލް ގޮރްސަޗް ހިމެނިވަޑައިގަންނަވާއިރު އެ ބޭފުޅުން އައްޔަންކުރެވުނީތީ ހިތާމަކުރައްވަންތޯ ނޫސްވެރިޔަކު ސުވާލުކުރުމުން ޓްރަމްޕު ވިދާޅުވީ އެކަމާ އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށެވެ. 

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ސުޕްރީމް ކޯޓުގެ ހުކުމާ ގުޅޭ ގޮތުން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: އޭއެފްޕީ
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ސުޕްރީމް ކޯޓުގެ ހުކުމާ ގުޅޭ ގޮތުން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: އޭއެފްޕީ

"އަޅުގަނޑު ދެކޭ ގޮތުގައި އެ ބޭފުޅުންގެ ނިންމުމަކީ ވަރަށް ގޯސް ނިންމުމެއް،" ޓްރަމްޕު ވިދާޅުވި އެވެ. "ހަގީގަތް އެނގޭ ނަމަ އެއީ އެ ދެ ބޭފުޅުންގެ އާއިލާ އަށް ވެސް ލިބޭ ވަރަށް ބޮޑު ލަދުވެތިކަމެއް."

އެމެރިކާގެ އުއްތަމަ ފަނޑިޔާރު ޖޯން ރޮބާޓްސް އާއި ކޯނީ ބެރެޓް އަދި ގޯރްސަޗް ވެސް ވަނީ ޓްރަމްޕްގެ ޓެރިފް ނެގުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް، 6-3 އިން ނިންމި ނިންމުމުގައި އެ ކޯޓުގެ ލިބަރަލް ފިކުރުގެ ތިން ބޭފުޅުންނާ އެކު ތާއީދުކުރައްވައިފަ އެވެ.

ޓްރަމްޕް ވަނީ ޓެރިފް ނެގުމުގެ ބާރު ރައީސަށް އޮންނާނެ ަމަށް ވޯޓު ދެއްވި ކޮންޒަވޭޓިވް ފަނޑިޔާރުން ކަމަށްވާ ކްލެރެންސް ތޯމަސް އާއި ސެމިއުލް އެލީޓޯ އަދި ޓްރަމްޕް އައްޔަން ކުރެއްވި ބްރެޓް ކަވަނޯ އަށް ތައުރީފު ކުރައްވައިފަ އެވެ.

އެ ތިން ބޭފުޅުންގެ "ހިތްވަރާއި ވިސްނުންތެރިކަމާއި ގައުމަށް އޮތް ލޯތްބަށް" ޝުކުރު އަދާކުރައްވާ ކަމަށް ޓްރަމްޕު ވިދާޅުވި އެވެ. 

ޓެރިފްގެ ނިންމުން ދެމެހެއްޓޭނެ ނަމަ ތަފާތު ރައުޔުއެއް ދެއްވި ކަވަނޯގް އެކަމާ ބެހޭ ގޮތުން  63 ސަފުހާގެ ހުކުމެއް ލިޔުއްވިކަން ފާހަގަކުރައްވަމުން އެ ފަނޑިޔާރަށް ޓްރަމްޕު ވަކިން ބޮޑަށް ތައުރީފް ކުރެއްވި އެވެ. 

ސުޕްރީމް ކޯޓުގެ ހުކުމަށް ފަހު ޓްރަމްޕު ވަނީ ރައީސް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން 10 ޕަސެންޓުގެ ޓެރިފް، ކޯޓުން ބާތިލްކުރި ގިނަ ދާއިރާތަކުން އަލުން އިއުލާނުކުރައްވައިފަ އެވެ. ގައުމުތަކަށް ވަކިވަކިން ކަނޑައެޅި ބޮޑެތި ޓެރިފް ގާނޫނާ ހިލާފް ކަމަށް ކަނޑައެޅި ނަމަވެސް އެކި އިންޑަސްޓްރީތަކަށް ހާއްސަކޮށް ކަނޑައަޅާފައިވާ ޓެރިފަށް ހުކުމުގެ އަސަރެއް ނުކުރާނެ އެވެ.