ޕާކިސްތާނުން ރޭ ދަންވަރު އަފްޣާނިސްތާނުގެ ބޯޑަރު ސަރަހައްދުގެ ޓެރަރިސްޓު މަރުކަޒުތަކަށް ކަމަށް ބުނެ ވަރުަގަދަ ހަމަލާތަކެއް ދީފި އެވެ. 

އަފްޣާނިސްތާނުން ވަނީ މި ހަމަލާތަކުގައި އެތައް ބަޔަކު މަރުވެ އަދި އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށާއި އޭގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭ ކަމަށް ބުނެފަ އެވެ. 

މިއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު މި ދެ ގައުމުން ބޯޑަރު ހުރަސްކޮށް ބަދަލުކުރި ހަމަލާތަކުގައި 70 އަސް ވުރެ ގިނަ މީހުން މަރުވި ފަހުން ދިން އެންމެ ވަރުގަދަ ހަމަލާތަކެވެ. އެ ހަމަލާތަކުގައި އެތައް ސަތޭކަ ބަޔަކު ޒަހަމް ވެފައިވެ އެވެ. 

ޕާކިސްތާނުގައި އަމިއްލައަށް މަރުވެގެން ހަމަލާތަކެއް ދީފައި ވަނިކޮށް ދިން މި ހަމަލާތައް އަމާޒުކުރީ ޕާކިސްތާނުން ބުނި ގޮތުގައި އެ ގައުމަށް ހަމަލާދޭ ޓެރަރިސްޓުން އުޅޭ ހަތް ތަނަކަށެވެ. 

މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން އިން ނެރުނު ބަޔާނުގައި ބުނީ އަސްކަރިއްޔާއިން ހަމަލާދީފައިވަނީ ތާލިބާން ހަނގުރާމަވެރިންނާއި އެ މީހުންނާ ގުޅިފައިވާ އިސްލާމިކް ޖިހާދު ފަދަ ޖަމާއަތްތަކުގެ މަރުކަޒުތަކަށް ކަމަށެވެ. 

އަފްޣާނިސްތާނުން ބުނީ އެ ހަމަލާތަކުގައި ނަންގަރްހާރާއި ޕަކްޓިކާ ޕްރޮވިންސުން އެތައް ބަޔަކު މަރުވެ، އަދި ގިނަ ބަޔަކު ޒަހަމްވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނޭ ކަމަށް ބުންޏެވެ. 

"ޕާކިސްތާނުގެ ޖެނެރަލުން އުޅެނީ އެ ގައުމުގެ ސަލާމަތީ ކަންތައް ދޯދިޔާކޮށް އޮތުމުގެ ބަދަލު މިފަދަ ޖަރީމާތައް ހިންގައިގެން ފޮރުވަން،" އަފްޣާނިސްތާނު ސަރުކާރުގެ ތަރުޖަމާނު ޒަބީހުﷲ މުޖާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ. 

ނަންގަރްހާރުގެ ބިހްސޫދު ޑިސްޓްރިކްޓްގައި ހުރި އޭއެފްޕީގެ ނޫސްވެރިއަކު ބުނީ ހަމަލާތައް އަމާޒުވި ތަންތަނުގައި ހަލާކުވެފައިވާ ބައިތަކުގެ ތެރެއިން މީހުން ހޯދަން ބުލްޑޯޒަރެއް ބޭނުންކޮށްގެން މަސައްކަތް ކުރަމުން ދިޔަތަން ފެނުނު ކަމަށެވެ. 

ނަން ނުޖެހުމަށް ޝަރުތުކޮށް އަފްޣާނިސްތާނުގެ ސަލާމަތީ އޮފިޝަލަކު އޭއެފްޕީއަށް ވިދާޅުވި ގޮތުގައި ބިހްސޫދުގެ ގެއަކަށް ދިން ހަމަލާއެއްގައި 17 މީހުން މަރުވެފައިވާ ކަމަށާއި އޭގެ ތެރޭގައި ފުރާވަރުގެ 12 ކުދިންނާއި ވަރަށް ކުޑަކުދިން ހިމެނޭ ކަމަށެވެ.

ތާލިބާނުން 2021 ވަނަ އަހަރު އަފްޣާނިސްތާނުގެ ކޮންޓްރޯލް އަނބުރާ ހޯދި ފަހުން ދެ ގައުމުގެ ދެމެދުގައި ވަނީ މައްސަލަ ވަރަށް ބޮޑުވެފަ އެވެ. އަދި މި މައްސަލަތައް މިދިޔަ އޮކްޓޫބަރު މަހުން ފެށިގެން އިތުރަށް ގޯސްވެފައިވެ އެވެ. 

ޕާކިސްތާނުން ބުނަނީ އެ ގައުމަށް ހަމަލާދޭން އަފްޣާނިސްތާނުގެ ބިން ބޭނުންކުރާއިރު އެކަން ހުއްޓުވުމުގައި އަފްޣާނިސްތާނު ސަރުކާރު ފެއިލްވެފައިވާ ކަމަށެވެ. އަދި ރޭ ދިން ހަމަލާތަކަކީ ޕާކިސްތާނުގެ ޝިއައީ މިސްކިތަކަށް އެންމެ ފަހުން ދިން ނުރައްކާތެރި ހަމަލާއާ ގުޅިގެން ދިން ހަމަލާތަކެއް ކަމަށް ވެސް ބުންޏެވެ. -- އޭއެފްޕީ