އެެމެރިކާއަށް އެތެރެކުރާ މުދަލުން ބޮޑެތި އަދަދުތަކުން ޓެރިފް ނަގަން ރައީސް ޑޮނަލްޑް ޓްރަމްޕު ނިންމެވި ގިނަ ނިންމެވުންތައް ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާ އެކު، ގާނޫނީ ގޮތުން ނެގޭނެ އެންމެ ބޮޑު އަދަދު ކަމަށްވާ 15 ޕަސެންޓުގައި ޓެރިފް ނަގަން ނިންމައި އެކަން އިއުލާނުކޮށްފި އެވެ.
ޓްރަމްޕު އޭނާގެ ސޯޝަލް ޕްލެޓްފޯމް ޓްރޫތުގައި ބުނެފައިވަނީ ހުކުރު ދުވަހު ސުޕްރީމް ކޯޓުން ކުރި "އެެމެރިކާއާ ދެކޮޅު ބޮޑު ނިންމުމަށް ފަހު" ގާނޫނީ ގޮތުން ނެގޭނެ ކަމަށް ސާފުކޮށް އެނގޭ އެންމެ ބޮޑު އަދަދު ކަމަށްވާ 15 ޕަސެންޓަށް އިމްޕޯޓް ޓެރިފް ބޮޑުކޮށްފައިވާ ކަމަށެވެ.
ޓްރަމްޕު އާދަޔާ ހިލާފް ބޮޑު ރޭޓުތަކުން އެކި ގައުމުތަކުގެ މުދަލުން އިމްޕޯޓް ޓެރިފް ނަގަން ނިންމަމުން ދިޔައީ 1977 ވަނަ އަހަރު އަމަލުކުރަން ފެށި އިކޮނޮމިކް އިމަޖެންސީ ގާނޫނެއްގެ ދަށުންނެވެ. އެކަމަކު ސުޕްރީމް ކޯޓުގެ ނުވަ ފަނޑިޔާރުންގެ ތެރެއިން ހަ ފަނޑިޔާރުންގެ އިއްތިފާގުން ވަނީ އެ ގާނޫނުގެ ދަށުން ޓެރިފް ބޮޑުނުކުރެވޭނެ ކަމަށް ކަނޑައަޅައިފަ އެވެ. މި ހުކުމާ އެކު ޓްރަމްޕު ވަނީ ޓެރިފް ރޭޓް 10 ޕަސެންޓަށް ކަނޑައަޅައިފަ އެވެ. އަދި މުޅި ދުނިޔެއަށް މިހާރު ވަނީ 15 ޕަސެންޓް ޓެރިފް ކަނޑައަޅައިފަ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން ޓްރަމްޕު ވަނީ ފަނޑިޔާރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
"ކޯޓުގެ ބައެއް ފަނޑިޔާރުންނާ މެދު ލަދުގެންފި. ގައުމަށް ރަނގަޅު ގޮތަށް ނިންމުމުގެ ހިތްވަރު ނުލިބުނީތީ ވަރަށް ބޮޑަށް ލަދު ގެންފި،" ފަނޑިޔާރުން ބޭރުގެ ނުފޫޒުތައް ފޯރާފައިވާ ކަމަށް ތުހުމަތުކުރައްވަމުން ޓްރަމްޕު ވައިޓް ހައުސްގެ ޕްރެސް ކޮންފަރެންސްގައި ވިދާޅުވި އެވެ.
"އެ ބޭފުޅުންގެ ކިބައިގައި ގައުމިއްޔަތުކަމެއް ނެތް އަދި ގާނޫނު އަސާސީއަށް ވަފާތެރިއެއް ނޫން،" ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ މޮޔައިން ކަމަށް އަދި ކުއްތާގަނޑެއްގެ ގޮތުގައި ވެސް ސިފަކުރަމުން ޓްރަމްޕު ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެމެރިކާގެ ރައީސްކަމާ ޓްރަމްޕް ހަވާލުވެ ވަޑައިގަތީންސުރެ ބޮޑެތި ހުރިހާ ނިންމުންތަކެއްގައި ސުޕްރީމް ކޯޓުން ޓްރަމްޕާ އެއްކޮޅަށް ނިމިފައި ވާއިރު ޓެރިފްގެ މައްސަލަ އަކީ ކޮންޒަވެޓިވް ފިކުރުގެ އަޣުލަބިއްޔަތު އޮތް ސުޕްރީމް ކޯޓުން ޓްރަމްޕާ ދެކޮޅަށް ނިންމި ބޮޑު ފުރަތަމަ މައްސަލަ އެވެ.
ޓެރިފް މައްސަލާގައި ޓްރަމްޕުގެ ނިންމެވުން ގޯސް ކަމަށް ވިދާޅުވި ފަނޑިޔާރުންގެ ތެރޭގައި ޓްރަމްޕު ސުޕްރީމް ކޯޓަށް އައްޔަންކުރެއްވި ދެ ފަނޑިޔާރުން ކަމަށްވާ އެމީ ކޯނީ ބެރެޓް އާއި ނީލް ގޮރްސަޗް ހިމެނިވަޑައިގަންނަވަ އެވެ.