އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ކުޑަކުއްޖަކާ ބެހުނު ކަމުގެ ތުހުމަތު ހިމެނޭ ލިޔެކިޔުންތައް އެޕްސްޓީން ފައިލްތައް ހާމަކުރި އިރު ޓްރަމްޕުގެ ސަރުކާރުން ސިއްރުކޮށްފައިވާ ކަމަށާއި މިއީ ފަހުގެ ތާރީހެއްގައި ސަރުކާރުން ސިއްރުކުރި އެންމެ ބޮޑު ކަންތައް ކަމަށް ޑިމޮކްރެޓިކް ޕާޓީން ބުނެފި އެވެ. 

މި ތުހުމަތާ އެކު ޖަސްޓިސް ޑިޕާޓްމެންޓުން ބުނީ ކުޑަކުދިންނާ ބެހުމާއި ޖިންސީ ބޭނުމަށް އަންހެނުން ޓްރެފިކްކުރުން ފަދަ ޖިންސީ އެކި ކުށްތަކުގައި ޖަލަށް ލާފައި ހުއްޓާ މަރުވި ޖެފްރީ އެޕްސްޓީންއާ ގުޅޭ ގޮތުން ހާމަކުރި އެތައް މިލިއަން ޑޮކިއުމެންޓެއް ރިވިއު ކުރަމުން އަންނަ ކަމަށެވެ. ގަސްތުގައި އެއްވެސް ކަމެއް އޮޅުވާލައި ގޯހެއް ހަދާފައި ނުވާނެ ކަމަށާއި މައްސަލައެއް އުޅޭތޯ ބަލަމުން އަންނަ ކަމަށް ވެސް ބުންޏެވެ. 

އެ ޑިޕާޓްމަންޓުން ވަނީ މިދިޔަ އަހަރު ފާސްކުރި ޓްރާންސްޕޭރެންސީ ގާނޫނުގެ ދަށުން ޖެފްރީ އެޕްސްޓީންއާ ގުޅޭ އެތައް މިލިއަން ފައިލެއް އާންމުކޮށްފަ އެވެ. ނަމަވެސް ޕަބްލިކް ބްރޯޑްކާސްޓަރު އެންޕީއާރް އިން ވަނީ ޓްރަމްޕުގެ ފަރާތުން ޖިންސީ ގޯނާއާ ކުރިމަތިވި ކަމަށް 2019 ވަނަ އަހަރު އަންހެނަކު ދީފައިވާ ބަޔާންތަކެއް ހާމަކުރުމުގައި ހުރި ހުސް ކަންތައްތަކެއް ފާހަގަކޮށްފަ އެވެ. 

ޓްރަމްޕު ވަނީ އެޕްސްޓީންއާ އޮތް ގުޅުމުގައި ގޯސް އަމަލެއް ހިންގާފައި ނުވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ. އަދި އެޕްސްޓީން ފައިލްތައް ހާމަކުރުމާ އެކު ހުރިހާ ތުހުމަތަކުން ޓްރަމްޕު ސަލާމަތްވެފައިވާ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ. 

އެޕްސްޓީންގެ ޓްރެފިކިން ރިންގާ ގުޅޭ ތަހުގީގު ޑޮކިއުމެންޓްތަކުގެ އިންޑެކްސްތަކާއި ސީރިއަލް ނަންބަރުތަކުން އެނގޭ ގޮތުގައި އެފްބީއައިގެ އެޖެންޓުން ވަނީ ތުހުމަތު ކުރެވޭ މީހާއާ ހަތަރު އިންޓަވިއުއެއް ކޮށް، އެ އިންޓަވިއުތަކާ ގުޅޭ ސަމަރީ އާއި އެއާ ގުޅޭ ނޯޓްތައް ތައްޔާރުކޮށްފައި ކަމަށް އެންޕީއާރުން ބުންޏެވެ. 

އެންއާރްޕީން ބުނީ ޕަބްލިކް ޑޭޓާބޭސްގައި ފެންނަން އޮތީ އެޕްސްޓީންއާ ދެކޮޅަށް ކުރާ ތުހުމަތުތަކުގެ މައްޗަށް ބިނާކޮށްފައިވާ  އެންމެ ސަމަރީއެއް ކަމަށެވެ. 

އެންޕީއާރުން ބުނި ގޮތުގައި އެ ޑޮކިއުމެންޓްގެ ނަމްބަރު ރިވިއުކުރި އިރު އެއާ ގުޅޭ 50 އަށް ވުރެ ގިނަ ސަފުހާގެ ތިން ސަމަރީ އާއި އެއާ ގުޅުން ހުރި ނޯޓްތައް ޖަސްޓިސް ޑިޕާޓްމަންޓްގެ ވެބްސައިޓަކު ނެތެވެ.

ނިއު ޔޯކް ޓައިމްސް އާއި ކޭބަލް ނެޓްވޯކް އެމްއެސްއެންބީސީ އިން ވެސް ވަނީ ހަމަ މި މައްސަލަ މިގޮތަށް ފާހަގަވެފައިވާ ކަމަށް ބުނެފަ އެވެ.  

"މިއީ ފަހުގެ ތާރީހެއްގައި ސަރުކާރުން ހިންގި އެންމެ ބޮޑު ފޮރުވުން. އަޅުގަނޑުމެން ޖަވާބު ބޭނުން،" ހައުސް އޯވަސައިޓް ކޮމިޓީގައި ހިމެނޭ ޑިމޮކްރެޓިކް މެމްބަރުން ސޯޝަލް މީޑިއާގައި އާންމުކުރި ބަޔާނެއްގައި ބުނެފައިވެ އެވެ.

މި މައްސަލައާ ގުޅޭ އަންހެން މީހާ އެންމެ ފުރަތަމަ ކަމާބެހޭ އިދާރާތަކަށް ގުޅައި މައުލޫމާތު ދިނީ ސެކްސް ޓްރެފިކިންގެ ތުހުމަތަށް 2019 ވަނަ އަހަރުގެ ޖުލައި މަހު އެޕްސްޓީން ހައްޔަރުކުރުމާ އެކުގަ އެވެ. 

އަދި 1980ގެ މެދުތެރޭގައި، އުމުރުން 13 އަހަރާއި 15 އަހަރާ ދެމެދުގައި އެޕްސްޓީން އޭނާ ޓްރަމްޕަށް ތައާރަފްކޮށްދިން ކަމަށާއި އެ ދުވަސްވަރު ޓްރަމްޕުގެ ފަރާތުން ޖިންސީ އަނިޔާ ލިބުނު ކަމަށް ބުނެފައިވާ ކަމަށް، ހާމަކޮށްފައިވާ ލިޔުންތަކުގެ ރިފަރެންސްތަކުން އެނގެ އެވެ. 

ހަމަ މި ތުހުމަތު މިދިޔަ އަހަރު އެފްބީއައިގެ ޕަބްލިކް ޑޭޓާބޭސްގައި ޝާއިއުކޮށްފައިވާ ލިޔުމެއްގައި ވެސް ހިމެނެ އެވެ. އެކަމަކު އެ ތުހުމަތުގެ ހަގީގަތަކީ ކޮބައިކަމެއް ބަލައިފައެއް ނުވެ އެވެ. މި ތުހުމަތާ ގުޅޭ ގޮތުން  ކުރިއަށް ގެންދިޔަ ފޮލޯއަޕް އިންޓަވިއުތަކުގެ ތަފްސީލީ މެމޯތައް އެ އިންޑެކްސްގައި ހިމަނާފައެއް ނުވެ އެވެ.

ޑިމޮކްރެޓުން ބުނަމުން އަންނަނީ މި ލިޔުންތައް ޖަސްޓިސް ޑިޕާޓްމަންޓުން ހިފަހައްޓާފައިވަނީ ގާނޫނާ ހިލާފަށް ކަމަށާއި އެހެންވެ އެ ލިޔުންތައް އޯވަސައިޓް ކޮމިޓީގެ ތަހުގީގަށް ހުށަހަޅަން އަންގާނެ ކަމަށެވެ.