މެލޭޝިއާގައި ޓީބީގެ ކޭސްތައް އިތުރުވަމުންދާތީ އެ ބަލިން ރައްކާތެރިވުމަށް ފިޔަވަޅު އަޅަން އެ ގައުމުގެ ހެލްތު މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.
އެ މިނިސްޓްރީން މި މަހުގެ 21 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ފެބްރުއަރީ 8 އިން 14 އަށް މުޅި ގައުމުން ޓީބީގެ 596 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި ކޭސްތަކާ އެކު، ޓީބީ ޖެހިގެން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 3161 އަށް އަރައިފަ އެވެ.
"މީހުން ގިނަ، ބަންދު އަދި ރަނގަޅަށް ވައި ދައުރުނުވާ ތަންތަނުގައި ބަލި ފެތުރުމުގެ ފުރުސަތު ބޮޑު. އަދި ހާއްސަކޮށް، ޓީބީ ޖެހި، ފަރުވާ ހޯދަމުން ނުދާ މީހަކު އެތަނުގައި ހުރި ނަމަ ނުރައްކާ ބޮޑު،" ބަޔާނުގައިވެ އެވެ.
ރޯދަ މަހަކީ އާއިލާތަކާއި އެކުވެރިންގެ އެއްވުންތައް ގިނަ މަހެއް ކަމަށް ވާތީ ސަމާލުވާން އެދެމުން މިނިސްޓްރީން ބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ އަވަހަށް ޓެސްޓުކޮށް ބަލި ހުރިކަން ދެނެގަތުމަކީ ބަލި ކޮންޓްރޯލްކުރުމާއި ބަލިން އަވަހަށް ރަނގަޅުވުމަށް އެންމެ މުހިންމު އެއް ފިޔަވަޅު ކަމަށެވެ.
"އިންފްލުއެންޒާ އަދި ކޮވިޑް-19 އާ ހިލާފަށް ޓީބީ އަކީ ހަލުވިކަމާ އެކު ފެތުރޭ ބައްޔެއް ނޫން. މި ބަލި އާންމު ގޮތެއްގައި ފެތުރެނީ ގިނައިރު އަދި ތަކުރާރުކޮށް މި ބަލީގެ ވައިރަހަށް ހުށަހެޅުމުން،" މިނިސްޓްރީން ބުންޏެވެ.
ކެއްސައި ކިނބިހި އަޅާއިރު އަނގަ އާއި ނޭފަތް ރަނގަޅަށް ނިވާކުރުމާއި ހޯލް ފަދަ ތަންތަނުގައި ރަނގަޅަށް ވައި ދައުރުވާ ގޮތަށް ބެހެއްޓުމަށާއި ބަލީގެ އަލާމާތްތައް ފެންނަ ނަމަ މާސްކް އެޅުމަށާއި، ދެ ހަފްތާއަށް ވުރެ ދިގު މުއްދަތަކަށް ކެއްސައި ކިނބިހި އަޅާ ނަމަ ނުވަތަ ޓީބީގެ އެހެން އަލާމާތްތައް ފެނިއްޖެ ނަމަ އަވަހަށް ޑޮކްޓަރަށް ދެއްކުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.
ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު (ޕަބްލިކް ހެލްތު) ޑރ. އިސްމުނީ ބޯހާރީއާ ހަވާލާދީ މެލޭމެއިލް ރިޕޯޓްކޮށްފައިވާ ގޮތުގައި ޓބީގެ ކޭސްތައް ކުރީ އަހަރާ އަޅާބަލާއިރު މަތިކޮށް ފެނުނު ކަމުގައި ވިޔަސް 2015 ވަނަ އަހަރުން ފެށިގެން މި ބަލީގެ ރޭޓް ހުރީ ކޮންމެ 100،000 މީހުންގެ ތެރެއިން 61 އާއި 80 އާ ދެމެދުގައި ކަމަށެވެ. އޭނާ ވިދާޅުވީ ޓީބީ ޖެހޭ މީހުންގެ ނިސްބަތް ހިފެހެއްޓިފައިވާ ކަމަށާއި ނަމަވެސް އެކަމާ ފަރުވާ ކުޑަކޮށްލައިގެން ނުވާނެ ކަމަށެވެ.
އަލަށް ފެނުނު ޓީބީގެ ކޭސްތަކަށް ބަލާއިރު އެންމެ ގިނަ ކޭސް ރިޕޯޓްކޮށްފައިވަނީ ސަބާހް އިންނެވެ. އެއީ 755 އެވެ. ސެލަންގޯ އިން 596 ކޭސް އަދި ސަރަވާކް އިން 332 ކޭސް ރިޕޯޓް ކޮށްފައިވެ އެވެ.
ޖޮހޯރުން 280 ކޭސް ރިޕޯޓް ކޮށްފައި ވާއިރު، ކުއާލަ ލަމްޕޫރު އަދި ޕުޓްރަޖާޔާ އިން 244 ކޭސް ރިޕޯޓް ކޮށްފައިވެ އެވެ.
ކެޑާ އިން 181 ކޭސް ރިޕޯޓް ކޮށްފައިވާއިރު، ޕެނަންގް އިން 172 ކޭސް އަދި ޕެރަކް އިން 154 ކޭސް ވަނީ ރިޕޯޓްކޮށްފަ އެވެ. ކެލަންޓަން އިން 121 ކޭސް، ޕަހަންގް އިން 103 ކޭސް، ޓެރެންގަނޫ އިން 74 ކޭސް އަދި ނެގެރީ ސެމްބިލާން އިން 62 ކޭސް ރިޕޯޓް ކޮށްފައިވެ އެވެ. މީގެ އިތުރުން މެލަކާ އިން 48 ކޭސް، ޕާލަސް އިން 21 ކޭސް ރިޕޯޓް ކޮށްފައިވާ އިރު، އެންމެ މަދުން 18 ކޭސް ރިޕޯޓް ކޮށްފައި ވަނީ ފެޑެރަލް ޓެރިޓަރީ އޮފް ލަބުއާން އިންނެވެ.