ސައުދީ އަރަބިއްޔާގެ ވައިގެ ދަތުރުފަތުރާ ބެހޭ މައި އިދާރާތަކުން، އެ ގައުމުގެ ސަރަހައްދީ ވައިގެ ސަރަހައްދުތައް ބަންދުކުރުމާ ގުޅިގެން ބައެއް ފްލައިޓްތައް މެދުކަނޑާލައި، ކެންސަލް ކުރަން ޖެހިއްޖެ އެވެ.
މި ރޯދަމަހުގެ އުމްރާ އަށް ގިނަ ގައުމުތަކަކުން ސައުދީ އަށް މީހުން ޖަމާވަމުންދާއިރު، ސައުދީން ވަނީ ދަތުރުވެރިންނަށް ސަމާލުވުމަށް އިލްތިމާސް ކޮށްފަ އެވެ. އެގޮތުން އެއާޕޯޓަށް ދިއުމުގެ ކުރިން އެއާލައިންތަކާ ގުޅައިގެން ފްލައިޓްގެ މައުލޫމާތު ސާފުކުރުމަށް ވަނީ އަންގައިފަ އެވެ.
ރިޔާޒުގެ ކިންގް ހާލިދު އިންޓަނޭޝަނަލް އެއާޕޯޓާއި ޖިއްދާ އެއާޕޯޓު އަދި ދަންމާމް އެއާޕޯޓުން ވަނީ، މިހާރު ހިނގަމުންދާ ކަންތައްތަކާ ގުޅިގެން ދަތުރުފަތުރަށް ބަދަލު އައިސްފައިވާތީ، ފްލައިޓްތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު އެއާލައިންތަކުން ކަށަވަރު ކުރުމަށް އިރުޝާދު ދީފަ އެވެ.
އެއާޕޯޓްތަކުން ނެރުނު ގުޅިފައިވާ ބަޔާނުގައި ބުނީ، މިހާރު ދެމުންދާ ހަމަލާތަކުގެ އަސަރު ފޯރާފައިވާ މަންޒިލްތަކަށް ދަތުރުކުރާ ފަސިންޖަރުން، އެއާޕޯޓަށް ދާން ނައްޓާލުމުގެ ކުރިން އެންމެ ފަހުގެ މައުލޫމާތު އެއާލައިންތަކުން ސާފުކުރުމަށް ބާރު އަޅާ ކަމަށެވެ.
މީގެ އިތުރުން، ސައްހަ މައުލޫމާތާއި އެހީތެރިކަން ހޯދުމަށްޓަކައި އެއާލައިންތަކާއި އެއާޕޯޓްތަކުގެ ރަސްމީ މުވާސަލާތީ ވަސީލަތްތަކަށް ބަރޯސާވުމަށް ވެސް ދަތުރުވެރިންނަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
ސައުދީ އަރަބިއްޔާގެ ގައުމީ އެއާލައިން، ސައުދިއާ އިން ނެރުނު ވަކި ބަޔާނެއްގައި ކަށަވަރުކޮށްދީފައިވާ ގޮތުގައި، ސަރަހައްދުގެ މަސްރަހަށް އަންނަމުންދާ ބަދަލުތަކާއި ވައިގެ ސަރަހައްދުތައް ބަންދުކުރުމާ ގުޅިގެން، ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމުގެ މިންގަނޑުތަކަށް ފެތޭގޮތަށް ބައެއް ފްލައިޓްތައް ވަނީ މެދުކަނޑާލައިފަ އެވެ.
އެ އެއާލައިނުން ބުނިގޮތުގައި، އެއާލައިންގެ އިމަޖެންސީ ކޯޑިނޭޝަން ސެންޓަރުން ދަނީ ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސްރަހު ވަރަށް ގާތުން ބަލަމުންނެވެ.
އެމެރިކާ އާއި އިޒްރޭލާ ގުޅިގެން އީރާނަށް ހަމަލާ ދިނުމާ ގުޅިގެން، އެ އަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ވަނީ އެ ސަރަހައްދުގެ ގިނަ ގައުމުތަކަށް ބޮމުގެ ހަމަލާތައް ދޭން ފަށައިފަ އެވެ.
ހަނގުރާމައާ ގުޅިގެން ދުބާއީ އާއި ޝަރްޖާ އާއި ބަހްރެއިން، އަބޫދާބީ އާއި ދޯހާ އަށް ކުރާ ހުރިހާ ދަތުރެއް ވަނީ ހުއްޓިފަ އެވެ.
ރާއްޖެ އަށް ޔޫރަޕުންނާއި އެހެން ސަރަހައްދުތަކުން އަންނަ ޓޫރިސްޓުން އެންމެ ގިނައިން ޓްރާންސިޓްވާ މަންޒިލަކީ ދުބާއީ އާއި ދޯހާ އެވެ. އެހެންވެ، ވައިގެ ސަރަހައްދު ބަންދުވުމާ ގުޅިގެން ރާއްޖެ އަށް ޓޫރިސްޓުން ވެސް އެ ސަރަހައްދުތަކުން އެއްކޮށް ހުއްޓޭނެ އެވެ.