އެމެރިކާ އާއި އިޒްރޭލުން އީރާނަށް ހަމަލާދިނުމާ ގުޅިގެން މެދުއިރުމަތީގައި ހަނގުރާމައެއް ފެށި ވައިގެ ސަރަހައްދުތައް ބަންދުކޮށްފައިވާތީ، އެ ސަރަހައްދަށް ދަތުރުކުރާ މީހުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލުން ހާއްސަ އެޑްވައިޒަރީއެއް މިއަދު ނެރެފި އެވެ.
އެ ކުންފުނިން ނެރުނު އެޑްވައިޒަރީގައި މެދުއިރުމަތީގެ ގައުމުތަކަށް ދަތުރުކުރާ މީހުން ސަމާލުވާން އަންގާފައިވެ އެވެ.
އެގޮތުން އެއާޕޯޓަށް ދިއުމުގެ ކުރިން އެ ފަސިންޖަރަކު ފުރުމަށް ހަމަޖެހިފައިވާ ފްލައިޓުގެ މައުލޫމާތު އެއާލައިންގެ ވެބްސައިޓާއި ޓުއާއޮޕަރޭޓަރުން މެދުވެރިކޮށް ހޯދަން ވަނީ އަންގައިފަ އެވެ.
އެެޑްވައިޒަރީގައި ސަމާލުކަން ދޭން އެންގި ކަންކަން:
- ދަތުރުކުރާ އެއާލައިންގެ ވެބްސައިޓް ނުވަތަ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ދަތުރުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުން
- ޓުއާ އޮޕަރޭޓަރުން މެދުވެރިކޮށް ދަތުރު އަދި ފްލައިޓްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމާ އެކު އެ ފަރާތްތަކުން ފޯރުކޮށްދޭ އިރުޝާދަށް ތަބާވުން
- ދުރާލާ ދަތުރުގެ ކަންކަން ރޭވުން.
އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނަށް ހަމަލާދޭން މިއަދު ފެށުމާ އެކު، މެދުއިރުމަތީގައި ބޮޑު ހަނގުރާމައެއްގެ ބިރުވެރިކަން އުފެދިފައިވާއިރު އެ ސަރަހައްދުން ރާއްޖެ އަށް އަންނަ ހުރިހާ ފްލައިޓެއް ވެސް ވަނީ ކެންސަލްވެފަ އެވެ.
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން މިއަދު ވަނީ ނުވަ ފްލައިޓެއް ކެންސަލް ކޮށްފަ އެވެ. އެއީ މެދުއިރުމަތީ ވައިގެ ސަރަހައްދު ބަންދުކުރުމުންނެވެ.
އެމެރިކާ އާއި އިޒްރޭލާ ގުޅިގެން އީރާނަށް ހަމަލާ ދިނުމާ ގުޅިގެން، އެ އަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ވަނީ އެ ސަރަހައްދުގެ ގިނަ ގައުމުތަކަށް ބޮމުގެ ހަމަލާތައް ދޭން ފަށައިފަ އެވެ.
ހަނގުރާމައާ ގުޅިގެން ދުބާއީ އާއި ޝަރްޖާ އާއި ބަހްރެއިން، އަބޫދާބީ އާއި ދޯހާއަށް ކުރާ ހުރިހާ ދަތުރެއް ވަނީ ހުއްޓިފަ އެވެ.
ރާއްޖެ އަށް ޔޫރަޕުންނާއި އެހެން ސަރަހައްދުތަކުން އަންނަ ޓޫރިސްޓުން އެންމެ ގިނައިން ޓްރާންސިޓްވާ މަންޒިލަކީ ދުބާއީ އާއި ދޯހާ އެވެ. އެހެންވެ، ވައިގެ ސަރަހައްދު ބަންދުވުމާ ގުޅިގެން ރާއްޖެ އަށް ޓޫރިސްޓުން ވެސް އެ ސަރަހައްދުތަކުން އެއްކޮށް ހުއްޓޭނެ އެވެ.