އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނަށް ހަމަލާދޭން މިއަދު ފެށުމާ އެކު، މެދުއިރުމަތީގައި ބޮޑު ހަނގުރާމައެއްގެ ބިރުވެރިކަން އުފެދި، އެ ސަރަހައްދުން ރާއްޖެ އަށް އަންނަ ހުރިހާ ފްލައިޓެއް ކެންސަލްވެއްޖެ އެވެ.
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން މިއަދު ވަނީ ނުވަ ފްލައިޓެއް ކެންސަލްކޮށްފަ އެވެ. އެއީ މެދުއިރުމަތީ ވައިގެ ސަރަހައްދު ބަންދުކުރުމުންނެވެ.
އެމެރިކާ އާއި އިޒްރޭލާ ގުޅިގެން އީރާނަށް ހަމަލާ ދިނުމާ ގުޅިގެން، އެ އަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ވަނީ އެ ސަރަހައްދުގެ ގިނަ ގައުމުތަކަށް ބޮމުގެ ހަމަލާތައް ދޭން ފަށައިފަ އެވެ.
ރާއްޖޭގެ މައި އެއާޕޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު މުހައްމަދު ވިދާޅުވީ، މެދުއިރުމަތީގެ ބޮޑު ސަރަހައްދެއްގެ ވައިގެ ސަރަހައްދު ބަންދުކުރުމާ ގުޅިގެން އެ ސަރަހައްދުގެ މައި ހުރިހާ މަންޒިލްތަކުން ރާއްޖެ އަށް ކުރާ ދަތުރުތައް ހުއްޓިފައިވާ ކަމަށެވެ. އެހެންވެ، ރިސޯޓުތަކާއި އެއާލައިންތަކާ ގުޅިގެން އެކަންކަން މެނޭޖު ކުރާނެ ގޮތްތައް ރާވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަނގުރާމައާ ގުޅިގެން ދުބާއީ އާއި ޝަރްޖާ އާއި ބަހްރެއިން، އަބޫދާބީ އާއި ދޯހާއަށް ކުރާ ހުރިހާ ދަތުރެއް ވަނީ ހުއްޓިފަ އެވެ.
ރާއްޖެ އަށް ޔޫރަޕުންނާއި އެހެން ސަރަހައްދުތަކުން އަންނަ ޓޫރިސްޓުން އެންމެ ގިނައިން ޓްރާންސިޓްވާ މަންޒިލަކީ ދުބާއީ އާއި ދޯހާ އެވެ. އެހެންވެ، ވައިގެ ސަރަހައްދު ބަންދުވުމާ ގުޅިގެން ރާއްޖެ އަށް ޓޫރިސްޓުން ވެސް އެ ސަރަހައްދުތަކުން އެއްކޮށް ހުއްޓޭނެ އެވެ.