އެމެރިކާ އާއި އިޒްރޭލުން ހަމަލާދޭނެކަމުގެ ބިރު އޮތުމުން، އުޅަނދުތަކަށް ރައްކާތެރިނޫން ކަމަށް ބުނެ، ހޮރްމުޒް ކަނޑުއޮޅި އީރާނުން ބަންދުކޮށްފި އެވެ.
އިޒްރޭލާއި އެމެރިކާ ގުޅިގެން އީރާނަށް ހަމަލާދެމުންދާއިރު، އީރާނުގެ އަސްކަރިއްޔާއިން ބުނީ، ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް ރައްކާތެރި މާހައުލެއް މިވަގުތު ނެތް ކަމަށެވެ.
މުޅި ދުނިޔެއަށް ތެލާއި ގޭސް އުފުލާ މައި މަގު މިއަދު ބަންދުކަމަށް އީރާނުގެ އަސްކަރިއްޔާއާ ހަވާލާދީ އެ ގައުމުގެ ބައެއް މީޑިއާތަކުން ބުނި ނަމަވެސް މިހާ ކިހާ ދުވަހަކަށް އެޅި ފިޔަވަޅެއް ކަމެއް ނުބުނެ އެވެ.
މެދުއިރުމަތިން ތެލާއި ގޭސް، ޔޫރަޕަށް ފޯރުކޮށްދިނުމަށް ހޮރްމުޒް ކަނޑުއޮޅިއަކީ އޮތް ހަމައެކަނި މަގެވެ.
އެމެރިކާއިން ހަމަލާދީފިނަމަ، އެ ކަނޑުއޮޅި ބަންދުކުރާނެކަމުގެ އިންޒާރު އީރާނުން މީގެކުރިން ވެސް ދީފައިވެ އެވެ.
އީރާނުގެ ވެރިރަށް ތެހެރާނުގެ އިތުރުން މައި ސިޓީތަކަށް ވައިގެ ހަމަލާތައް އަމާޒުކޮށްފައިވާއިރު، އޭގެ ތެރެއިން ހަމަލާއެއް ސްކޫލަކަށް އަމާޒުވެ، 85 މީހުން ވަނީ މަރުވެފަ އެވެ. އޭގެތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ހިމެނެ އެވެ.
އެ ހަމަލާތަކުގެ ރައްދުގައި، އީރާނުން ވަނީ އިޒްރޭލުގެ އިތުރުން މެދުއިރުމަތީގެ އެކި ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާތައް ދީފަ އެވެ.
އޭގެ ތެރޭގައި ގަތަރާއި ބަހްރެއިން، އުރުދުން، ޔޫއޭއީ އަދި ސައުދީ އަރަބިއްޔާ ވެސް ހިމެނެ އެވެ.
ވައިގެ ހަމަލާތަކާ އެކު، މެދުއިރުމަތީގެ ގިނަ ގައުމުތަކުން ވަނީ ވައިގެ ސަރަހައްދު ބަންދުކޮށްފަ އެވެ.