އީރާނުން ބޭރުގައި އުޅޭ އެ ގައުމުގެ ރައްޔިތުންގެ ތެރެއިން އިޒްރޭލާއި އެމެރިކާއަށް އެހީވެ އެއްބާރުލުން ދޭ މީހުންގެ މުދާ ދައުލަތަށް ނަގާނެ ކަމަށް އީރާންގެ ޖުޑީޝަރީން މިއަދު ބުނެފި އެވެ. 

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާ ހަވާލާދީ ޖުޑިޝަރީގެ މިޒާން އޮންލައިން ވެބްސައިޓްގައި ބުނެފައި ވަނީ އެމެރިކާ-ޒަޔަނިސްޓް ދުޝްމަނުންނާ ގުޅިގެން ބޭރު ގައުމުތަކުގައި ތިބި އީރާނުގެ ރައްޔިތުންގެ މުދަލާއި އެނޫންވެސް ގާނޫނީ އަދަބުތައް ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އަތުލާނެ ކަމަށެވެ.

"އެމެރިކާ-ޒަޔަނިސްޓް ދުޝްމަނުންނާ ގުޅިގެން ބޭރު ގައުމުތަކުގައި ތިބި އީރާނުގެ ރައްޔިތުންގެ މުދާ ދައުލަތަށް ނަގައި ގާނޫނުގައިވާ އެހެން ފިޔަވަޅުތައް ވެސް އަޅާނަން،" ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާ ހަވާލާދީ ޖުޑިޝަރީގެ މިޒާން އޮންލައިން ވެބްސައިޓްގައި ބުނެފައިވެ އެވެ. 

އެ ނޫހުގައި މިކަމާ ގުޅޭ ގޮތުން ހަވާލާ ދީފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހު އިޒްރޭލާއި އީރާނާ ދެމެދު ކުރި 12 ދުވަހުގެ ހަނގުރާމައިގެ ތެރޭގައި ހަދާފައިވާ ގާނޫނަކަށެވެ. 

އެޓާނީ ޖެނެރަލްގެ އޮފީހުން މިކަމާ ބެހޭ ގޮތުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އިޒްރޭލާއި އެމެރިކާ އަދި ދުޝްމަނު ގައުމުތަކަށް އެއްބާރުލުން ދިނުމަކީ އިސްލާމީ ގާނޫނުލްއުގޫބާތުގެ ދަށުން "ހުރިހާ މުދަލެއް އަތުލައި" ގާނޫނީ އަދަބު ދޭންޖެހޭ ކުށެއް ކަމަށެވެ.

އެ ސަރުކާރުތަކާއި ދައުލަތްތަކާއި ޖަމާއަތްތަކަށް ނުވަތަ އެ ޖަމާއަތްތަކާ ގުޅުން ހުރި އެއްވެސް ބަޔަކާ ގުޅިގެން އިންޓެލިޖެންސް ނުވަތަ ޖާސޫސީ ހަރަކާތެއް ހިންގާ ނަމަމަރުގެ އަދަބު ދެވޭނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ އިސްލާމީ އިންގިލާބުގެ ލީޑަރު އާޔަތުالله ސައްޔިދު އަލީ ޚާމަނާއީގެ ލެއިން ގައުމުގެ އެއްބައިވަންތަކަން އިތުރަށް ވަރުގަދަވެއްޖެ ކަމަށާއި ހަނގުރާމައިގެ ތެރޭ ގައުމީ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ރައްޔިތުން އަދާކުރާ ދައުރަށް ޝުކުރު ހައްގު ކަމަށެވެ. 

މިދިޔަ މަހުގެ 28 ވަނަ ދުވަހުން ފެށިގެން އެމެރިކާ އާއި އިޒްރޭލުން އީރާނަށް ހަމަލާދޭން ފަށައި އެ ގައުމުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލާފައި ވާއިރު އަސްކަރީ އަދި މަދަނީ އެތައް ތަނަކަށް ހަމަލާދީ ބޮޑެތި ގެއްލުންތައް ވަނީ ދީފަ އެވެ. އަދި ހާހަކަށްވުރެ ގިނަ މީހުން ވެސް ވަނީ މަރާލައިފަ އެވެ. 

ރައްދުގައި އީރާނުން ގެންދަނީ ގަލްފުގެ ގައުމުތަކުގައިވާ އެމެރިކާގެ އެކި ތަންތަނަށް ހަމަލާ ދެމުންނެވެ. ނަމަވެސް ބައެއް ހަމަލާތައް އާންމުންގެ ސަރަހައްދުތަކަށް އަމާޒުވެ އެ ގައުމުތަކުގެ ނުރުހުން ވަނީ ވަރަށް ބޮޑުވެފަ އެވެ.