ދުޝްމަނުންނަށް ޖާސޫސްކޮށްދިނުމުގެ ތުހުމަތުގައ އީރާނުން 30 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އެ ގައުމުގެ އިންޓެލިޖެންސް މިނިސްޓްރީން ބުނެފި އެވެ.
އެމެރިކާ އާއި އިޒްރޭލުން އީރާނަށް ހަމަލާދޭތާ 12 ދުވަސް ވެފައި ވާއިރު އީރާންގެ އަސްކަރީ ތަންތަނަށާއި އިންފްރާސްޓްރަކްޗާ އަށް ވަނީ ބޮޑެތި ގެއްލުންތައް ދީފަ އެވެ.
އީރާނުން ބުނީ ހައްޔަރުކުރި މީހުންގެ ތެރޭގައި ބިދޭސީއަކު ވެސް ހިމެނޭ ކަމަށާއި އެއީ "އެމެރިކާ އާއި ޒަޔަނިސްޓުންނަށް" ޖާސޫސްކޮށްދެމުން ދިޔަ ގަލްފު ގައުމެއްގެ މީހެއް ކަމަށެވެ. އެކަމަކު އެއީ ކޮން ގައުމެއްގެ މީހެއް ކަމެއް ނުބުނެ އެވެ.
އީރާންގެ ޖުޑީޝަރީގެ "މީޒާން އޮންލައިން" ގައި އާންމުކުރި ބަޔާނެއްގައި ބުނީ ބިދޭސީ މީހާ ހައްޔަރުކޮށްފައިވަނީ އީރާންގެ އިރު އުތުރު ސަރަހައްދުން ކަމަށެވެ.
އެ މީހާ ދިޔައީ ސިފައިންނާއި ފުލުހުންގެ އުޅޭ ސަރަހައްދުތައް ދުޝްމަނުންނަށް އަންގައި އަސްކަރީ ތަންތަނުގެ ލޮކޭޝަންތައް ވެސް ފޮނުވަމުން ކަމަށް ބަޔާނުގައިވެ އެވެ.
މިދިޔަ އަހަރުގެ ޖޫން މަހު އިޒްރޭލުން އީރާނަށް ދިން ހަމަލާތަކުގެ ތެރޭގައި އީރާނުން ވަނީ ޖާސޫސްކޮށްދިނުމުގެ ތުހުމަތަށް ގިނަ ބަޔަކު ހައްޔަރުކޮށްފަ އެވެ. އަދި އޭގެ ތެރެއިން އެތައް ބަޔަކަށް ވަނީ މަރުގެ ހުކުމް އިއްވައި ހުކުމް ތަންފީޒު ވެސް ކޮށްފަ އެވެ.