އިޒްރޭލާއި އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށި ފަހުން އިޒްރޭލުގެ ބައެއް ސެކިއުރިޓީ ކެމެރާތައް އީރާނުން ހެކްކޮށް ޖާސޫސްކުރުމުގެ ގޮތުން ބޭނުންކުރަމުން އަންނަކަން ދެނެގަނެވިފައިވާ ކަމަށް އިޒްރޭލުގެ ސައިބަ ސެކިއުރިޓީ ޑައިރެކްޓަރޭޓުން ބުނެފި އެވެ.
"ޑައިރެކްޓަރޭޓުން މި އަންނަނީ ކެމެރާތައް ބޭނުންކުރާ އެތައް ސަތޭކަ ބައެއްގެ ސަމާލުކަމަށް މިކަން ގެންނަން. އަދި ޕާސްވޯޑް ބަދަލުކޮށް ސޮފްޓްވެއާ އަޕްޑޭޓް ކުރުމަށް ގޮވާލަން،" ސައިބާ އިޒްރޭލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.
އިޒްރޭލާއި އީރާނުން އެއްބަޔަކު އަނެއް ބަޔަކަށް ސައިބަ ހަމަލާތައް ދިނުން އާންމުވެފައިވާތާ އަހަރުތަކެއް ވެއްޖެ އެވެ. އަދި މިދިޔަ އަހަރުގެ ޖޫން މަހު އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާއި މިހާރު ދެމުންދާ ހަމަލާތަކާ އެކު އެކަން ވަނީ އިތުރަށް ބޮޑުވެފަ އެވެ.
އިޒްރޭލުގެ ސައިބާ ސެކިއުރިޓީ ފާމެއް ކަމަށްވާ "ޗެކް ޕޮއިންޓް" އިން ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލުގެ ހަމަލާތައް ފެށި ފަހުން ހެކަރުން ސަވައިލެންސް ކެމެރާތަކަށް އެކްސެސްވާކަން އެނގިފައިވާ ކަމަށެވެ. އަދި ބުނެފައިވަނީ މިއީ އާންމުކޮށް ބޭނުންކުރާ އެކަމަކު ސެކިއުރިޓީ ދަށް ކެމެރާތައް ކަމަށެވެ.
މި ކެމެރާތަކުގެ ފުޓޭޖުތައް ބޭނުންކުރަނީ ހަމަލާތަކުން ލިބޭ ގެއްލުން ވަޒަންކުރުމާއި އެފަދަ ކަންކަމަށް ބޭނުންވާ އެހެން މައުލޫމާތުތައް ހޯދުމާއި ހަމަލާތައް އަމާޒުކުރަން ބޭނުންވާ މީހުންގެ އަދި ތަންތަނުގެ ހަރަކާތްތައް ބަލައި މޮނިޓަކުރަން ކަމަށް ޗެކް ޕޮއިންޓްގެ ސައިބައިންޓެލިޖެންސް ހެޑް ގިލް މެސިން އޭއެފްޕީއަށް ބުންޏެވެ.
މި ހެކަރުންނަކީ އީރާން ސިފައިންގެ ބައެއް ކަމަށާއި އަދި ދައުލަތުގެ އެހީތެރިކަން އަދި ހާއްސަކޮށް އީރާން ސިފައިންގެ ވަރުގަދަ އިންގިލާބީ ލަޝްކަރާއި އިންޓެލިޖެންސް އެންޑް ސެކިއުރިޓީ މިނިސްޓްރީން އެހީތެރިކަން ލިބޭ ބައެއް ކަމަށް ވެސް ބުނެފައިވެ އެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ދެން އޮންނަ އިންތިހާބެއްގައި ވާދަކުރަން ތައްޔާރުވަމުން އަންނަ ކުރީގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވަނީ އޭނާގެ ޓެލެގްރާމް އެކައުންޓަށް އަމާޒުކޮށް ސައިބާ ހަމަލާއެއްދީ ފޯނުން މައުލޫމާތު ނަގާފައިވާ ކަމަށް ވެސް ބުނެފަ އެވެ.
އޭގެ ފަހުން ވަނީ ބެނެޓްގެ ފޯނުން ނަގާފައިވާ ކަމަށް ބުނާ ޕްރައިވެޓް މެސެޖްތަކާއި ވީޑިއޯތަކާއި ފޮޓޯތައް ފަލަސްތީނުގެ މިނިވަންކަމަށް އަޑު އުފުލާ "ހަންޟަލާ" ނަމަކަށް ކިޔާ ހެކަރުންގެ ސައިޓެއްގައި އަދި އެއާ ގުޅުން ހުރި އެކްސް އެކައުންޓެއްގައި ޝާއިއުކޮށްފަ އެވެ.
އޭއެފްޕީއަށް ވާހަކަ ދެއްކި ބައެއް ތަޖުރިބާކާރުން ބުނީ އީރާނާ ގުޅުން ހުރި ހެކަރުންގެ ހަމަލާތައް މެދުއިރުމަތީގައި މި ދުވަސްވަރު އިތުރުވެފައިވާ ކަމަށެވެ.
މިދިޔަ ހަފްތާގައި ފައިނޭންޝަލް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އީރާންގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލަން އިޒްރޭލުން ހަމަލާދިނީ އީރާންގެ ޓްރެފިކް ކެމެރާތައް އިޒްރޭލުން ހެކްކޮށްގެން ހޯދި މައުލޫމާތު ބޭނުންކޮށްގެންނެވެ. -- އޭއެފްޕީ