އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދެމުން ގެންދާ ހަމަލާތަކުގެ ބަދަލު އޭގެ ފުރިހަމަ ގޮތުގައި ހިފުމަކީ އެންމެ އިސް އެއް އަމާޒު ކަމަށާއި އީރާނަށް ދިން ގެއްލުމުގެ ބަދަލު ނުދީފި ނަމަ އެވަރުގެ ގެއްލުމެއް ދޭނެ ކަމަށް އާ ލީޑަރު އާޔަތުﷲ މުޖްތަބާ ޚާމަނާއީ ވިދާޅުވެއްޖެ އެވެ. 

މިއީ މިދިޔަ މަހުގެ 28 ގައި އިޒްރޭލާއި އެމެރިކާގެ ހަމަލާތައް ފަށައި އަވަހާރަކޮށްލި ކުރީގެ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ދަރިކަލުން މަގާމަށް އައްޔަންކުރި ފަހުން ދެއްވި ފުރަތަމަ ބަޔާން ކަމަށް ވިޔަސް އެ ބަޔާން އިއްވީ ދައުލަތުގެ ޓީވީގެ ޕްރެޒެންޓަރެކެވެ. 

"ބަދަލުހިފުމުގެ މިންވަރަކުން މިހާރުވެސް ނަތީޖާ ފެންނަނީ ރަނގަޅަށް. އެކަމަކު މިކަން ފުރިހަމައަށް ހާސިލްވަންދެން މިކަމުގައި ދެމިތިބުމަކީ އެންމެ އިސް އެއް އަމާޒު،" މުޖްތަބާއާ ހަވާލާދީ ބަޔާނުގައި ބުންޏެވެ. 

"ދުޝްމަނުން އަހަރެމެންނަށް ބަދަލު ދޭންޖެހޭނެ. ނުދީފި ނަމަ އެ މީހުންގެ މުދަލުން ނަގާނެ މިންވަރެއް ކަނޑައަޅާނީ އަހަރެމެން އަމިއްލައަށް. އަދި އެކަން އެހެން ނުވެއްޖެ ނަމަ އެ މީހުންގެ މުދަލަށް ހަމަ އެވަރުގެ ގެއްލުމެއް ދޭނަން."

އީރާނުގެ ހެލްތު މިނިސްޓްރީން ބުނެފައިވާ ގޮތުގައި ހަމަލާތަކުގައި މިހާތަނަށް 1،200 އަށް ވުރެ ގިނަ މީހުން މަރުވެ، 10،000 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވެ އެވެ.

ޚާމަނާއީ އަވަހާރަކޮށްލި ހަމަލާތަކާ އެކު ފެށި ހަނގުރާމައިން މިހާރު މުޅި މެދުއިރުމަތި ވަނީ ހަނގުރާމައިގެ ތެރޭގަ އެވެ. އީރާނުން ގެންދަނީ ގަލްފުގެ ގައުމުތަކުގައި ހުރި އެމެރިކާގެ ތަންތަނަށް ކަމަށް ބުނެ އެ ގައުމުތަކަށް ހަމަލާތައް ދެމުންނެވެ. އަދި ތެލާއި ގޭސް އުފުލާ މައި މަގު ކަމަށްވާ ހޮރްމުޒް ކަނޑޯޅި ބަންދުކޮށް އުޅަނދުތަކަށް ހަމަލާ ދެމުން ދާތީ ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ. 

އުމުރުން 56 އަހަރުގެ މުޖްތަބާ ރޫހީ ލީޑަރުކަމަށް އައްޔަންކުރި ފަހުން މިހާތަނަށް އާންމުންނަށް ފެނިފައެއް ނުވެ އެވެ. ދައުލަތުގެ ޓީވީން ބުނެފައިވާ ގޮތުގައި އޭނާ ވެސް ވަނީ ހަމަލާތަކުގައި ޒަހަމްވެފަ އެވެ. 

ސަރަހައްދުގެ ގައުމުތަކުގައި ހުރި އެމެރިކާގެ ބޭސްތައް ބަންދުކުރުމަށް ގޮވާލައްވަމުން މުޖްތަބާ ވިދާޅުވީ ސަލާމަތާއި ރައްކާތެރިކަން ދިނުމުގެ ނަމުގައި އެމެރިކާއިން ހަދަނީ ބޮޑު ދޮގެއް ކަމަށެވެ. 

ހޮރްމުޒް ކަނޑޯޅި ބަންދުކުރުން ކުރިއަށްދާނެ ކަމަށް ވިދާޅުވެ މުޖްތަބާ ވަނީ ލުބްނާންގެ ހިޒްބުﷲ އާއި ޔަމަންގެ ހޫތީން އަދި އިރާގުގެ ހަނގުރާމަވެރި ޖަމާއަތްތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ. 

މުޖްތަބާގެ ބަޔާނަށް ފަހު އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ މުޖްތަބާއަށް އާންމުންގެ ތެރެއަށް ނުކުމެވަޑައިގެން މޫނު ދައްކަން ކެރިވަޑައިނުގަންނަވާނެ ކަމަށް ބުނެ އިންޒާރު ދީފަ އެވެ. ނަތަންޔާހޫ ސިފަކުރި ގޮތުގައި މުޖްތަބާ އަކީ އީރާންގެ އިންގިލާބީ ލަޝްކަރުގެ 'ޕަޕެޓް" އެވެ.