އަލްޖަޒީރާ ނިއުސް ނެޓްވޯކްގެ އެންމެ ފުރަތަމަ ޚަބަރު ބުލެޓިން ކިޔައިދިން، އަދި އެ ޗެނަލްގެ އެންމެ މަޝްހޫރު އެއް ނޫސްވެރިޔާ ޖަމާލް ރައްޔާން، އުމުރުން 73 އަހަރުގައި އިއްޔެ ނިޔާވެއްޖެ އެވެ.
ފަލަސްތީނަށް އުފަން ޖަމާލް ރައްޔާން ނިޔާވީ އިއްޔެ ގަތަރުގެ ވެރިރަށް ދޯހާގަ އެވެ.
ޖަމާލް ރައްޔާންއަކީ 1996 ވަނަ އަހަރު އަލްޖަޒީރާގެ އަރަބި ޗެނަލް އިފްތިތާހުކުރި އިރު، އެންމެ ފުރަތަމަ ސްކްރީނުން ފެނުނު ނިއުސް އޭންކަރެވެ.
އޭނާ ވަނީ މިދިޔަ 30 އަހަރު ދުވަހު އެ ނެޓްވޯކްގައި މަސައްކަތް ކުރައްވައި، މެދުއިރުމައްޗާއި ދުނިޔޭގެ ބޮޑެތި ޚަބަރުތައް ގެނެސްދިނުމުގައި މުހިންމު ދައުރެއް އަދާކުރައްވައިފަ އެވެ.
ޖަމާލްއަކީ ފަލަސްތީނުގެ ތުލްކަރަމްއަށް އުފަން ބޭފުޅެކެވެ.
އޭނާ ވަނީ އުރުދުންގެ ރޭޑިއޯ އަދި ޓީވީ، ބީބީސީ އަރަބި އަދި ކޮރެއާގެ ބްރޯޑްކާސްޓިން ކޯޕަރޭޝަންގައި ވެސް މަސައްކަތްކުރައްވައިފަ އެވެ.
ޖަމާލް ނިޔާވުމާ ގުޅިގެން އަލްޖަޒީރާގެ ގިނަ ނޫސްވެރިންނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުން ވަނީ ތައުޒިޔާ ކިޔައިފަ އެވެ.
އޭނާއަކީ ފަލަސްތީނުގެ މައްސަލައާ ގުޅޭ ގޮތުން ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ވަކާލާތުކުރި، އަދި ސޯޝަލް މީޑިއާގައި ވެސް ވަރަށް ނުފޫޒުގަދަ ނޫސްވެރިއެކެވެ.