އީރާންގެ ސިޔާސީ ބޭފުޅުންގެ ތެރެއިން ނުފޫޒު ގަދަ ބޭފުޅެއް ކަމަށްވާ ގައުމީ ސަލާމަތާ ބެހޭ ވެރިޔާ އަލީ ލަރިޖާނީ އަދި ބަސީޖް ޕެރަމިލިޓަރީ ފޯސްގެ ކޮމާންޑަރު ގުލާމްރޭޒާ ސުލައިމާނީ ރޭގެ ވަގުތެއްގައި އަވަހާރަކޮށްލާފައިވާ ކަމަށް އިޒްރޭލުން ބުނެފި އެވެ.
އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އިސްރޭލް ކާޒްގެ މި ވާހަކަ އަކީ ތެދެއް ނަމަ ލަރިޖާނީގެ މަރަކީ މިދިޔަ މަހުގެ 28 ގައި އިޒްރޭލާއި އެމެރިކާއިން އީރާނަށް ހަމަލާދީ އެ ގައުމުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލި ފަހުން އިޒްރޭލުގެ ހަމަލާއެއްގައި އަވަހާރަކޮށްލި އެންމެ އިސް މީހަކަށް ވާނެ އެވެ.
ކާޒް ބުނީ ލަރިޖާނީ އާއި ސުލައިމާނީ އަވަހާރަކޮށްލިކަމުގެ މައުލޫމާތު އިޒްރޭލުގެ އަސްކަރިއްޔާގެ ވެރިޔާ އޭނާއަށް ދީފައިވާ ކަމަށެވެ.
އިޒްރޭލުގެ އަސްކަރިއްޔާގެ އޮފިޝަލަކު ބުނީ ފަލަސްތީނުގެ އިސްލާމިކް ޖިހާދުގެ އިސް ކޮމާންޑަރެއް ކަމަށްވާ އަކްރަމް އަލް އަޖޫރީއަށް ވެސް ހަމަލާ ދީފައިވާ ކަމަށާއި، އޭނާ އަވަހާރަވެފައިވޭތޯ ބަލަމުން އަންނަ ކަމަށެވެ.
އަޖޫރީ އަކީ ހުޅަނގު އައްސޭރި އާއި ޣައްޒާގައި ހަރަކާތްތެރިވާ އެ ޖަމާއަތުގެ އަސްކަރީ ގޮފި އަލްގުދުސް ބްރިގޭޑްސްގެ ވެރިޔާ އެވެ.
އޭއެފްޕީއާ ވާހަކަ ދެއްކި އިޒްރޭލުގެ އޮފިޝަލް ސިފަކުރި ގޮތުގައި ލަރިޖާނީ ހުންނެވީ ޚާމަނާއީ އަވަހާރަކޮށްލި ފަހުން އީރާންގެ "ވަގުތީ ވެރިޔާ" ގޮތުގައި ކަމަށެވެ.
އިޒްރޭލުގެ ބޮޑުވަޒީރުގެ އޮފީހުން ވެސް ވަނީ އީރާންގެ އިސް ބޭފުޅުންނަށް ހަމަލާ ދިނުމުގެ އަމުރު ނެރެނީ ކަމަށް ބުނެ ބެންޖަމިން ނަތަންޔާހޫ ފޯނުން ވާހަކަ ދައްކާ ފޮޓޯއެއް ވެސް އާންމުކޮށްފަ އެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި ލަރިޖާނީ އާއި ސުލައިމާނީ އަވަހާރަކޮށްލީ ތެހެރާންގައި ސީދާ އެ ބޭފުޅުންނަށް އަމާޒުކޮށް ދިން ހަމަލާއެއްގަ އެވެ.
"އިއްޔެ (ހޯމަ ދުވަހު) އިޒްރޭލުގެ ވައިގެ ސިފައިން އައިޑީއެފްގެ އިންޓެލިޖެންސަށް ބަލައި، ފާއިތުވި ހަ އަހަރު ބަސީޖް ޔުނިޓްގެ ކޮމާންޑަރުކަން ކުރެއްވި ގުލާމްރޭޒާ ސުލައިމާނީއަށް ހަމަލާދީ އަވަހަރާކޮށްލާފައިވޭ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްގެ ވޮލަންޓިއަ ފޯސްއެއް ކަމަށްވާ ބަސީޖް ޖަމާއަތަކީ ދާދި ފަހުން އީރާނުގައި ކުރި މުޒާހަރާތައް ހުއްޓުވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ޖަމާއަތް އިޒްރޭލު ސިފައިން ބުނެ އެވެ.