ޝައްވާލް މަހުގެ ހަނދު މިރޭ ސައޫދީ އަރަބިއްޔާއަށް ނުފެންނަ ކަމަށާއި އެހެންވެ މާދަމާ އަކީ ރަމަޟާން މަހުގެ 30 ކަމަށާއި އީދު ދުވަހަކީ ހުކުރު ދުވަސް ކަމަށް ދެންމެ އިއުލާނުކޮށްފި އެވެ. 

ސައޫދީގެ ކަމާބެހޭ އިދާރާތަކުން ބުނީ ސައޫދީ އަރަބިއްޔާގެ އެއްވެސް ސަރަހައްދަކަށް މިރޭ ޝައްވާލް މަހުގެ ހަނދު ފެނިފައި ނުވާ ކަމަށެވެ. އެހެންވެ ރަމަޟާން މަހުގެ 30 ދުވަސް ހަމަކޮށް އީދު ދުވަސް ކަމަށް ވާނީ ހުކުރު ދުވަހެވެ. 

ފަލަކީ ހިސާބުން ދައްކާ ގޮތުން ވެސް ސައޫދީއަށް މިއަދު އިރު އޮއްސޭއިރު ހަނދު ފެންމައްޗަކު ނުހުންނާނެ އެވެ. އާ މަހެއް ފެށުނު ކަމަށް ބެލެވޭނީ އާ މަހުގެ ހަނދު އުފަންވުމަށް ފަހު، އެ ދުވަހަކު އިރު އޮއްސުމަށް ފަހު ކިތަންމެ ކުޑަ އިރުކޮޅަކަށް ވިޔަސް ހަނދު ފެންމަތީ ހުރެއްޖެ ނަމަ އެވެ. 

ސައޫދީގެ އިތުރުން ތުރުކީން ވެސް ވަނީ އީދު ދުވަހަކީ ހުކުރު ދުވަސް ކަމަށް އިއުލާނުކޮށްފަ އެވެ. 

ހިސާބުތަކުން ދައްކާ ގޮތުން މައްކާއަށް ޝައްވާލް މަހުގެ ހަނދު އުފަންވާނީ މިރޭ ފަތިހު 4:23 ގަ އެވެ. އެ ހަނދު އޮއްސޭނީ މާދަމާ 18:31 ގައި އޮއްސޭތާ ބަރާބަރު ބައިގަޑިއިރު ފަހުން 19:01 ގަ އެވެ. 

ރާއްޖެ އާއި ސައޫދީއަށް ވުރެ އެއް ދުވަސް ފަހުން ރޯދަ މަސް ފެށި ގައުމުތައް ކަމަށްވާ އިންޑިއާ، ބަންގްލާދޭޝް، ޕާކިސްތާން، އިންޑޮނީޝިއާ އަދި މެލޭޝިއާ ފަދަ ގައުމުތަކުން ޝައްވާލް މަހަށް ހަނދު ބަލާނީ މާދަމާ އެވެ.