އީދު ނަމާދު ގޭގައި ކުރުން ވަކި ހާލަތްތަކެއްގައި ހުއްދަވާނެ ކަމަށާއި ކޮވިޑް-19 ގެ ސަބަބުން މިހާރު މި އޮތީ އެގޮތަށް ނަމާދު ކުރެވޭނެ ހާލަތެއް ކަމަށް ސައޫދީ އަރަބިއްޔާގެ އިސް މުފްތީ އަދި އިލްމުވެރިންގެ މަޖިލީހުގެ ވެރިޔާ ޝައިޚް އަބްދުލްއަޒީޒް އާލް ޝައިޚް ވިދާޅުވެއްޖެ އެވެ.

ޝައިޚް އަބްދުލް އަޒީޒް، ސައޫދީ ގެޒެޓް/އޮކާޒް އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ މިފަދަ ހާއްސަ ހާލަތުގައި އީދު ނަމާދުކުރާނީ ގިނައިން ތަކުބީރުކުރުމާ އެކު ޚުތުބާ ނުހިމަނާ ކަމަށެވެ.

މުފްތީ ވަނީ އީދު ނަމާދުގެ ކުރިން ފިތުރު ޒަކާތް ދެއްކުމަށް ހަނދާންކޮށްދެއްވައިފަ އެވެ. މުފްތީ ވިދާޅުވީ އިތުބާރު ހިފޭ، އެހީގެ ޖަމާއަތެއް މެދުވެރިކޮށް ވެސް ޒަކާތް ދެއްކިދާނެ ކަމަށެވެ. އީދުގައި ކުޑަކުދިންނާއި އާއިލާތަކަށް އުފާވެރިކަން ގެނެސްދިނުމަށްޓަކައި އެ މީހުންނަށް އިތުރަށް ޚަރަދު ކުރުމަށް ވެސް މުފްތީ އެދިވަޑައިގަތެވެ.

ސައޫދީގެ ދީނީ އިލްމުވެރިންގެ މަޖިލީހާއި ފަތުވާ ކޮމިޓީގެ މެންބަރެއް ކަމަށްވާ ޝައިޚް އަބްދުއްސަލާމް އަބްދުﷲ އާލް ސުލައިމާން ވިދާޅުވީ އީދު ނަމާދު އެކަނި ނުވަތަ ޖަމާއަތް ހަދައިގެން ގޭގައި ވެސް ކުރެވިދާނެ ކަމަށެވެ.

އޮކާޒް/ސައޫދީ ގެޒެޓް އަށް ޝައިޚް އާލް ސުލައިމާން ވިދާޅުވީ އީދު ނަމާދު ފެށުމުގެ ކުރިން ތަކުބީރު ކިޔައި އަދި ނަމާދުގެ ފުރަތަމަ ރަކުއަތުގައި އިތުރު ހަ ތަކުބީރު ކިޔައި އޭގެ ފަހުން އަޑު ހަރުކޮށް ފާތިހާ ސޫރަތާއި ޤާފް ސޫރަތް، ފުރަތަމަ ރަކުއަތުގައި ކިޔުން އިތުރުވެގެންވާ ކަމަށެވެ.

ދެ ވަނަ ރަކުއަތުގައި ފަސް ތަކުބީރު ކިޔައި ފާތިހާ ސޫރަތާއި ޤަމަރު ސޫރަތް ކިޔެވުމަކީ ސުންނަތެއްކަން ޝައިޚް އަބްދުއްސަލާމް ފާހަގަކުރެއްވި އެވެ.

ޤާފް ސޫރަތް ނުވަތަ އަލް އައުލާ އަދި އަލް ޣާޝިޔާ ސޫރަޔް ވެސް ކިޔުން އެދެވިގެންވާ ކަމަށް ޝައިޚް ވިދާޅުވި އެވެ.

ޝައިޚް އާލް ސުލައިމާން ވިދާޅުވީ ކީރިތި ރަސޫލާގެ އަސްހާބުންގެ ތެރެއިން ހާއްސަ ބޭފުޅެއް ކަމަށްވާ އަނަސް ބިން މާލިކް ވެސް ބަސަރާ ކައިރި ސަރަހައްދެއްގައި، ޖަމާއަތުގައި އީދު ނަމާދު ކުރެވެން ނެތުމުން އާއިލާގެ ބޭފުޅުންނާއި އަރިސް ބޭފުޅުންނާ އެކު އީދު ނަމާދު ކުރެއްވިކަން އެނގެން އޮންނަ ކަމަށެވެ.

މުޅި ދުނިޔެ އަށް ފެތުރިފައިވާ ކޮވިޑް-19 ސައޫދީގައި ވެސް ވަނީ ވަރަށް ބޮޑަށް ފެތުރި އެތައް ބަޔަކު މަރުވެފަ އެވެ. ބަލި ކޮންޓްރޯލް ކުރުމަށް، މީހުން އެއްވެ އުޅުން މަދުކުރުމަށްޓަކައި ސައޫދީގައި ވެސް ވަނީ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލައިފަ އެވެ. އަދި ހަރަމްފުޅުގައި ވެސް މިހާރު އަޅުކަމުގައި އުޅެނީ އެ ތަނުގެ މުވައްޒަފުން އެކަންޏެވެ. ސައޫދީން ކޮވިޑް-19 ފެނުމާ އެކު އުމްރާގެ އަޅުކަން ވެސް ވަނީ މެދުކަނޑާލައިފަ އެވެ.

ރަމަޟާން މަހަކީ މުސްލިމުން އަޅުކަމަށް ހާއްސަ ސަމާލުކަމެއް ދީ މިސްކިތުގައި ވަގުތު ހޭދަކުރުން އިތުރުކުރާ މަހަކަށް ވިޔަސް މިފަހަރު ކޮވިޑް-19އާ ހެދި ރަމަޟާން މަހު ކުރަންޖެހުނީ ހިތްދަތި ތަޖުރިބާއެކެވެ.