ރިޔާޒް (މެއި 15) - އަންނަ ފިތުރު އީދު ބަންދާ ދިމާކޮށް ސައުދީ އަރަބިއާ ފަސް ދުވަހަށް ފުލް ލޮކްޑައުނަކަށް ދާން ނިންމައިފި އެވެ.

ދާޚިލީ ވުޒާރާ އިން ބުނީ ސައުދީ ފުލް ލޮކްޑައުންގައި އޮންނާނީ މެއި 23-27 އަށް ކަމަށެވެ. އެއީ ރޯދަ މަހަށް ފަހު އަންނަ ފިތުރު އީދުގެ ދުވަސްތަކެވެ. ކަލަންޑަރުގައިވާ ގޮތުން ފިތުރު އީދު ދިމާވަނީ މެއި 24 ވަނަ ދުވަހަށެވެ.

ކޮރޯނާވައިރަސް ފެތުރެން ފެށުމާ އެކު ސައުދީގެ ބޮޑު ސަރަހައްދެއްގައި ކުރިން ވަނީ ކާފިއު ހިންގައިފަ އެވެ. ނަމަވެސް މިދިޔަ މަހުން ފެށިގެން ވަނީ ހެނދުނު 9 އިން ހަވީރު 5 އާ ދެމެދު ބޭރަށް ނުކުތުމުގެ ހުއްދަ ދީފަ އެވެ.

ކޮރޯނާވައިރަހުގެ ބިރުވެރިކަން ބޮޑުވުމުން ސައުދީން މާޗު މަހު ވަނީ އުމްރާގެ އަޅުކަން ސަސްޕެންޑްކޮށްފަ އެވެ. އަދި މިސްކިތުގައި ޖަމާއަތުގައި ނަމާދުކުރުން ވެސް ވަނީ މެދުކަނޑާލައިފަ އެވެ. ސައުދީން ވަނީ މި އަހަރުގެ ހައްޖުގެ ތައްޔާރީތައް ވެސް އަދި ނުވުމަށް މުސްލިމް ގައުމުތަކަށް އަންގައިފަ އެވެ. މިދިޔަ އަހަރުގެ ހައްޖުގެ އަޅުކަމުގައި 2.5 މިލިއަން މީހުން ބައިވެރިވި އެވެ. އަރަބި ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދު އޮތް ސައުދީން ވަނީ ވައިގެ ދަތުރުތައް ވެސް ހުއްޓާލައިފަ އެވެ.

ސައުދީން މިހާތަނަށް ވަނީ ކޮރޯނާވައިރަހަށް 46,869 މީހުން ޕޮޒިޓިވްވެ 283 މީހުން މަރުވެފަ އެވެ. ގަލްފުގެ ގައުމުތަކުން އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ ވެސް ސައުދީންނެވެ.