އީދު ބަންދާ ގުޅިގެން އޭޕްރީލް 3 ވާ ބުރާސްފަތި ދުވަހު ވެސް ސަރުކާރު ބަންދުވާނެ.
މިދިޔަ އަހަރުގެ ފިތުރު އީދު ދުވަސް ކުލަގަދަކޮށް ފާހަގަކުރަން މާލޭގައި ބޭއްވި ބޮޑުމަސް ދުއްވުމާއި މާލި ޕެރޭޑްގައި ބޮޑު މަސް ބޭނުމުގެ ހަރަކާތް ކުރިއަށް ގެންދަނީ.--- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު
14 މާޗް 2025 - 17:40
މި އަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން އެ ހަފުތާ އެއްކޮށް ސަރުކާރު ބަންދު ކުރަން ނިންމައިފި އެވެ.
އެ ގޮތަށް ހަމަޖެހުނީ ފިތުރު އީދު ދުވަހަކީ ކަލަންޑަރުގައިވާ ގޮތުން މި މަހުގެ 31 ވަނަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފި ނަމަ ޖެހިގެން އަންނަ އޭޕްރީލް މަހުގެ 1،2 އަދި 3 ވަނަ ދުވަހު ވެސް ސަރުކާރު ބަންދު ވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ކަނޑަައެޅުއްވުމުންނެވެ.
ރައީސް ނިންމެވި ގޮތުން ނަމަ މި މަހުގެ 29 ވާ ހޮނިހިރު ދުވަހުގެ ރޭ ޝައްވާލް މަހުގެ ހަނދު ސާބިތުވެ، މި މަހުގެ 30 ވާ އާދިއްތަ ދުވަހަކީ ޝައްވާލް މަހުގެ 1 ވަނަ ދުވަސް ކަމަށް މިނިސްޓްރީން ކަނޑައަޅައިފި ނަމަ ފިތުރު އީދުގެ ބަންދު ދުވަސްތައް މާޗު 31 އިން ފެށިގެން އޭޕްރީލް 3 ވާ ބުރާސްފަތި ދުވަހާ ހަމައަށް ލިބޭނެ އެވެ. އޭގެ ފަހުން ހުކު ދުވަހާއި ހޮނިހިރު ދުވަހަކީ ހަފުތާ ބަންދު ކަމަށް ވާތީ ދެން ސަރުކާރު ހުޅުވޭނީ ހަފުތާއެއްހާ ދުވަހުގެ ބޮޑު ބަންދަކަށް ފަހު އޭޕްރީލް 6 ގަ އެވެ.
ކަލަންޑަރުގައި މިހާރު ކަނޑައަޅާފައިވާ ގޮތުން ނަމަ އޭޕްރީލް 3 ވާ ބުރާސްފަތި ދުވަސް ބަންދެއް ނޫނެވެ. އެކަމަކު، ރައީސް ނިންމެވި ގޮތުން ނަމަ މި މަހުގެ 30 ނުވަތަ 31 އަކީ އީދު ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައެޅިޔަސް އޭޕްރީލް 3 ވާ ބުރާސްފަތި ދުވަސް ބަންދުވާނެ އެވެ.
"މިގޮތަށް މި ހަމަޖެއްސެވީ، ފިތުރު އީދުގެ ބަންދާ ގުޅިގެން، އާއިލާއާއެކު ވީހާ ވެސް ގިނަ ދުވަސްތަކެއް އެކުގައި ހޭދަކުރުމަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން، މެދުނުކެނޑޭގޮތަށް ބަންދު ދުވަސްތައް މުވައްޒަފުންނަށް ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމަށްޓަކައި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ،" ރައީސް އޮފީހުގެ ވެބްސައިޓުގައި ވެ އެވެ.
ފިތުރު އީދާ ގުޅިގެން ބޮޑު ބަންދެއް ލިބޭއިރު، މި މަހުގެ 20 ވާ ބުރާސްފަތި ދުވަހުން ފެށިގެން ވެސް ސަރުކާރު ބަންދުވާނެ އެވެ. އެއީ ކޮންމެ ރޯދަމަހެއްގެ ފަހު 10 ބަންދުކުރަން ރައީސް މުއިއްޒު ނިންމަވާފައިވާތީ އެވެ.
އެހެންވެ، ރޯދަމަހުގެ ފަހު 10 އާއި ކުޑައީދު ބަންދު ދުވަސްތަކާ އެކު 15 ދުވަހަށް ސަރުކާރު ބަންދުވާނެ އެވެ.
ރޯދަމަހުގެ ފަހު 10 ގައި ސަރުކާރު ބަންދުކުރަން ރައީސް ނިންމެވީ، އިސްލާމީ އުސޫލުތައް ގާއިމު ކުރެއްވުމަށާއި ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުމާއި ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުސަތު ދިނުމަށް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.
"ރަމަޟާންމަހުގެ ފަހު ދިހައަކާ ގުޅިގެން ސަރުކާރު ބަންދުވާ ދުވަސްތަކުގައި، އެކިއެކި މުއައްސަސާތަކުން ރައްޔިތުންނަށް ކޮންމެހެން ދެއްވަންޖެހޭ ޚިދުމަތްތައް، އެ މުއައްސަސާތަކުން ކަނޑައަޅުއްވާ ގޮތެއްގެ މަތިން ދެއްވުމުގެ އިންތިޒާމު، އެ މުއައްސަސާއަކުން ހަމަޖެއްސެވުމަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުމުގައި ވަނީ އަންގަވައިފަ އެވެ،" ރައީސް އޮފީހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަނބިލި
16 March 2025
ސަރުކާރު މުވައްޒަފުންނަށް ރަނގަޅުވާނީ ބަންދު ދުވަސްތައް ގިނަވި ވަރަކަށް. ރައްޔިތުން ރުއްސައިގެން ކަންނެތް ކުރުން
ޑާޓުކް ޚައިރުލްއިސްލާމް
15 March 2025
މުޅިއަހަރަށްވެސް ބަންދުކުރިއްޔާ ރަނގަޅުވާނީ އަނެއްހެން ކަމެއްކުރާބަޔަކު އުޅެނީކީނޫން
ހަމަދު ސަލީމް
15 March 2025
އިސްތިއުފާދީފަ ގޭގަ އޮންނަންވީނު، އޭރުން ސަރުކާރު ހިންގަން ނޭގިގެން އުޅޭކަށް ނުޖެހޭނެ.
ރަބްޝާ
15 March 2025
ވަރަށް އުފާވެއްޖެ. ކުޑަ ދުވަސްކޮޅެއް އާއިލާއާ އެއްކޮށް ހިތްހަމަ ޖައްސާލަން މި ލިބުނީ
ލާމިއު
15 March 2025
މިކަމާ ހިތްހަމަ ނުޖެހިގެން މިއުޅެނީ މަދު ބަޔަކު. މިއީ އެތައްހާސް ރައްޔިތުންނެއްގެ ހުވަފެން
އަބްޑޫޅް +
16 March 2025
ކަންނެތް ރައްޔިތުން.
ނުއުމާން ހެލްމެޓް
15 March 2025
ސަރުކާރު ބަންދުވިޔަސް ކޮންމެހެން ލިބެންޖެހޭ ހިދުމަތްތައް ދާނީ ލިބެމުން
މަގޭ ހިޔާލު
15 March 2025
ޕްރައިވެޓް ސެކްޓަރުންވެސް ވިޔަފާރިތައް 6 ގެ ފަހުން ބަންދުކޮށް އާއިލާއެކު އަޅުކަމުގައި އުޅެބަލަ. ރޭނގަނޑު ނުނިދާ ފިހާރަ ހިންގާނީއެއްނޫން
ޙިސެން
15 March 2025
ބަންގްލަދޭޝް ގެ މުސްލިލް އަހުންނަށް ބަންދު ލިބޭތޯ؟
ސުރުޚީ
15 March 2025
ސުރުޚީގައި ލިއެފައިއޮތީ " ރޯދަމަހުގެ ފަހުގެ 10 ގެ ދުވަސްތަކަކީ އީދުގެ ބަންދުތަކާއި އެކު 15 ދުވަހުގެ ބޮޑު ބަންދެއް!" މިސުރުޚީގައި "ގެ" ގިނަކަމުން ވައްނަންވީ ގެއެއް އޮޅުންފިލާގޮތެއްނުވި. ރޯދަމަހުގެ ފަހުދިހަ އެއީ ސަރުކާރު ބަންދު ދުވަސްތަކެއްކަމަށް ހަމަޖެހުނީހެންވެސް އެބަހީވޭ !
ފަރަންޖީ
15 March 2025
ސަރުކާރުން ހުއްދަ ނަގަންޖެހޭ ކަންކަން އިންތިހާއަށް ގިނަ. ސަރވިސް އެހާ ސްލޯ. 15 ދުވަހު ބަންދުކުރީމައި ޕްރައިވެޓް ސެކްޓަރަށް ބޮޑެތި ގެއްލުން ލިބޭ. މުޅި ސަރުކާރު ބަންދު ކުރުމުގެ ބަދަލުގައި ގަޑި 10 އިން 2 އަށް ބަދަލުކުރިއަސް ރޭއަޅުކަމަށް ފުރުސަތު ދެވޭނެ. މުވައްޒަފުން ރޮޓޭޓް ކޮށްގެންވެސް ކުރެވޭނެ. ވޯކް ފްރޮމް ހޯމްވެސް ހެދޭނެ. އިސްލާމްދީން ގޮވާލަނީ ރޭ އަޅުކަންކޮށްފައިވެސް ރޯދަހަމު މަސައްކަތްކުރަން. ދުވާލު ނިދާކަށް ނޫން.
ރާހިލް ރަޝީދު
15 March 2025
ތިހެންވީރު ހުކުރު ހޮނިހިރެއްވެސް ބަންދު ކުރާނެ ކަމެއްނެތް. ރޮޓޭޓް ކުރަންވީ އެކި ގަޑިތަކުގަ. ގޭގަ ކައްކަމުން ކުދިން ބަލަމުން ވެސް ވޯކް ފްރޮމް ހޯމް ހަދަންވީ. ހަމަ މޮޔަ ވާހަކަ ނޫން ވާހަކައެއް ތިއަކު ނެތް