އީރާނުން ދިން ދެ ހަމަލާއެއްގައި ގަތަރުގެ މައި ގޭސް މަރުކަޒަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް އެ ގައުމުގެ ހަކަތައާ ބެހޭ ދައުލަތުގެ ކުންފުނިން ބުރާސްފަތި ދުވަހު ބުނެފި އެވެ. މި ހަމަލާއާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، އެ މަރުކަޒަށް އިތުރު ހަމަލާއެއް ނުދިނުމަށް އީރާނަށް އިންޒާރު ދެއްވައިފަ އެވެ.
ދުނިޔޭގެ އެންމެ ބޮޑު ގޭސް ރިޒާވް ހިމެނޭ ސައުތު ޕާރްޒް ފީލްޑްގައި ހުރި އީރާނުގެ ވަސީލަތްތަކަށް އިޒްރޭލުން ހަމަލާދީފައިވާ ކަމަށް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން، އީރާނުން ވަނީ ގަލްފުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ހަމަލާދޭނެ ކަމަށް ބުނެފަ އެވެ.
ގަތަރު އެނާޖީން ނެރުނު ބަޔާނެއްގައި ބުނީ، ގަތަރުގެ އުތުރު އައްސޭރީގައި އޮންނަ ރާސް ލަފާން އިންޑަސްޓްރިއަލް ސިޓީއަށް ބުދަ ދުވަހު ދިން މިސައިލް ހަމަލާތަކުގައި "ގޭސް-ޓު-ލިކުއިޑް" ފެސިލިޓީއަކަށް ގެއްލުން ވެފައިވާ ކަމަށެވެ. އަދި ރޭ ފަތިހު ދިން ހަމަލާތަކުގައި ލިކުއިފިޑް ނެޗުރަލް ގޭސް (އެލްއެންޖީ) އުފައްދާ ބައެއް ތަންތަނުގައި ވަރަށް ބޮޑަށް ރޯވެ އިތުރު ގެއްލުންތައް ވެފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ގަތަރުގެ އިންޓީރިއާ މިނިސްޓްރީން ބުނީ ރާސް ލަފާންގައި ރޯވި ހުރިހާ އަލިފާން މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި، އެއްވެސް މީހަކަށް އަނިޔާވި ކަމުގެ ރިޕޯޓެއް ލިބިފައިނުވާ ކަމަށެވެ. އެ ގައުމުގެ ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި ގަތަރަށް ހަމަލާދީފައިވަނީ އީރާނުން ފޮނުވާލި ބެލިސްޓިކް މިސައިލްތަކުންނެވެ.
އިނގިރޭސިވިލާތުގެ މެރިޓައިމް އެޖެންސީން ބުރާސްފަތި ދުވަހު ރިޕޯޓްކުރި ގޮތުގައި، ރާސް ލަފާން ކައިރިން ދަތުރުކުރި އުޅަނދަކަށް ވެސް ހަމަލާއެއް އަރާފައިވެ އެވެ. ނަމަވެސް އުޅަނދުގެ ފަޅުވެރިން ތިބީ ސަލާމަތުންނެވެ.
ގަތަރަކީ އެމެރިކާ، އޮސްޓްރޭލިއާ އަދި ރަޝިއާ ފަދައިން، އެންމެ ގިނައިން އެލްއެންޖީ އުފައްދާ އެއް ގައުމެވެ.
ޓްރަމްޕްގެ "ޓްރުތް ސޯޝަލް" ޕްލެޓްފޯމްގައި އޭނާ ވަނީ، ރާސް ލަފާންއަށް އިތުރު ހަމަލާއެއް ދީފި ނަމަ، އީރާނުގެ ސައުތު ޕާރްޒް ގޭސް ފީލްޑް އެއްކޮށް ނައްތާލާނެ ކަމުގެ އިންޒާރު ދެއްވައިފަ އެވެ. ސައުތު ޕާރްޒްއަށް ދިން ހަމަލާގެ ޒިންމާ އުފުލަންޖެހޭނީ އިޒްރޭލުން ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް، އިޒްރޭލުން މިކަމާ ބެހޭގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
މިދިޔަ މަހުގެ 28 ގައި ފެށުނު ހަނގުރާމާގައި އެމެރިކާ އާއި އިޒްރޭލުން ދޭ ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން އީރާނުން ދޭ ހަމަލާތަކުގެ އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވަނީ ގަލްފުގެ ގައުމުތަކަށެވެ. މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އުފުލިފަ އެވެ. މިއަދު އެކަނިވެސް ތެލުގެ އަގު ފަސް ޕަސެންޓަށް ވުރެ މައްޗަށް ގޮސްފައިވާ އިރު، ހަކަތަ އުފައްދާ މަރުކަޒުތަކަށް ދޭ ހަމަލާތަކުގެ ސަބަބުން އިންވެސްޓަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ގަތަރުގެ ފޮރިން މިނިސްޓްރީން ވަނީ ރާސް ލަފާންއަށް ދިން ހަމަލާ ކުށްވެރިކޮށް، އެއީ ގައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ބުނެފަ އެވެ. އަދި ގަތަރުގައި ތިބި އީރާނުގެ މިލިޓަރީ އަދި ސެކިއުރިޓީ އަޓާޗޭއިންނާއި އެމީހުންގެ މުވައްޒަފުން 24 ގަޑިއިރު ތެރޭގައި ގައުމުން ބޭރުވުމަށް ވެސް ވަނީ އަމުރުކޮށްފައެވެ.
"މިކަމެއް ނުހުއްޓާނަން"
މަސްރަހު އިތުރަށް ގޯސްވީ އީރާނާއި ގަތަރު ހިއްސާކުރާ ގޭސް ފީލްޑުގެ އީރާނު ފަޅި ކަމަށްވާ ސައުތު ޕާރްޒްއަށް ބުދަ ދުވަހު ދިން ހަމަލާއާ ގުޅިގެންނެވެ. އީރާނުން އިންޒާރު ދީފައިވަނީ އެ ގައުމުގެ ހަކަތައިގެ ދާއިރާއަށް އިތުރު ހަމަލާއެއް އަތުވެއްޖެ ނަމަ، މުޅި ގަލްފުގެ ހަކަތައިގެ އިންފްރާސްޓްރަކްޗާ ސުންނާފަތިކޮށްލާނެ ކަމަށެވެ.
އީރާނުގެ އިންގިލާބީ ލަޝްކަރުން ނެރުނު ބަޔާނެއްގައި ބުނީ، އީރާންގެ ހަކަތައިގެ ވަސީލަތްތަކަށް ހަމަލާދިނުމަކީ ހެދުނު ބޮޑު ގޯހެއް ކަމަށެވެ.
ބުދަ ދުވަހުގެ ރޭ އީރާނުން ވަނީ ގަލްފުގެ ގައުމުތަކަށް އަމާޒުކޮށް ގިނަ އަދަދެއްގެ ޑްރޯން އާއި މިސައިލް ފޮނުވައިފަ އެވެ. ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟުން ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވިފައިވާ އިރު، ޔޫއޭއީން ވެސް ވަނީ މިސައިލް ހަމަލާއެއް ހުއްޓުވައިފަ އެވެ. ރިޔާޟްގެ މީހުން ދިރިއުޅޭ ސަރަހައްދަކަށް މިސައިލެއްގެ އެތިކޮޅުތައް ވެއްޓި ހަތަރު މީހަކު ވަނީ ޒަހަމްވެފަ އެވެ.
ސައުދީގެ އިރުމަތީ ޕްރޮވިންސްގައި ހުރި ގޭސް މަރުކަޒުތަކަށް އަމާޒުކޮށް ފޮނުވާލި ގިނަ އަދަދެއްގެ ޑްރޯންތައް ވެސް ވައްޓާލާފައިވާ ކަމަށް އެ ގައުމުން ބުންޏެވެ.
މީގެ ކުރިން، އީރާނުގެ ގޭސް މަރުކަޒުތަކަށް ދިން ހަމަލާތައް ކުށްވެރިކޮށް، ގަތަރާއި ޔޫއޭއީ އިން ވަނީ އެއީ ދުނިޔޭގެ ހަކަތައިގެ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބުނެފަ އެވެ. ނަމަވެސް އީރާނުން މިހާރު ދޭން ފަށާފައިވާ ހަމަލާތަކާއެކު މުޅި ސަރަހައްދުގެ މަސްރަހު ވަނީ ބިރުވެރި ހާލަތަކަށް ގޮސްފަ އެވެ. -- އޭއެފްޕީ