އީރާނާ 4،000 ކިލޯމީޓަރު ދުރުގައިވާ، އެމެރިކާ އާއި ޔޫކޭގެ އަސްކަރީ މަރުކަޒު ޑިއެގޯ ގާސިއާ (ފޯޅަވަހި) އަށް އަށް އަމާޒުކޮށް އީރާނުން ދެ މިސައިލެއް ފޮނުވާލި ކަމަށް ވޯލް ސްޓްރީޓް ޖާނަލް އާއި އީރާންގެ ނިއުސް އެޖެންސީތަކުން ބުނެފައި ވިޔަސް އެއީ ދޮގެއް ކަމަށް އީރާންގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.
އީރާންގެ އޮފިޝަލަކާ ހަވާލާދީ އަލް ޖަޒީރާއިން ބުނީ ފޯޅަވައްސަށް އަމާޒުކޮށް މިސައިލްތަކެއް ފޮނުވާލާފައިވާ ނަމަ އެއީ އީރާނާ ގުޅުން ހުރި ކަމެއް ނޫން ކަމަށާއި އެފަދަ ހަމަލާއެއް އީރާނުން ނުދޭ ކަމަށެވެ.
ފޯޅަވައްސަށް ހަމަލާދޭން އީރާނުން މަސައްކަތްކުރި ކަމަށް ބުނާ ރިޕޯޓްތަކާ ބެހޭ ގޮތުން އެމެރިކާއިން އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އެކަމަކު ޔޫކޭގެ އޮފިޝަލަކު އޭއެފްޕީއަށް ވަނީ އެފަދަ ހަމަލާއެއް އަމާޒުކުރި ކަމަށާއި އެ ހަމަލާ ނާކާމިޔާބުވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.
ވޯލް ސްޓްރީޓް ޖާނަލް އިން ބުނެފައިވަނީ އީރާނުން ފޮނުވާލި ދެ މިސައިލްގެ ތެރެއިން އެއް މިސައިލް ވައިގެ ތެރޭ ފެއިލްވީ ކަމަށާއި އަނެއް މިސައިލް ވައްޓާލަން އެމެރިކާގެ ދިފާއީ ނިޒާމުން ހަމަލާ ދިން ކަމަށެވެ. އެކަމަކު ހަމަލާ ދިނީ ކޮން ދުވަހަކު ކަމެއް ބުނެފައެއް ނުވެ އެވެ.
އޭގެ ފަހުން އީރާންގެ "ސެމީ-އޮފިޝަލް" މެހްރު ނިއުސް އެޖެންސީން ވަނީ ހަމަލާދިން ކަމަށް ބުނެފަ އެވެ. އެ އެޖެންސީން ބުނީ ދުޝްމަނުން ހީކުރާ ވަރަށްވުރެ މާ ދުރަށް އީރާންގެ މިސައިލްތައް ފޯރާނެކަން، ފޯޅަވައްސަށް އަމާޒުކުރި ހަމަލާއިން އަންގައިދޭ ކަމަށެވެ. އޮފިޝަލުންނާ ހަވާލާދީ އެ ނިއުސް އެޖެންސީން ބުނީ މިއީ އީރާނުން އެޅި މުހިންމު ފިޔަވަޅެއް ކަމަށާއި ހުޅަނގު އޭޝިއާގެ ބޭރުގައިވާ އެމެރިކާގެ ތަންތަނަށާއި އެމެރިކާގެ ބައިވެރިންނަށް ވެސް ނުރައްކާ އޮންނާނެ ކަމަށެވެ.
އެކަމަކު އަލް ޖަޒީރާއިން ބުނީ އީރާންގެ އޮފިޝަލަކު އެ ވާހަކަ ދޮގުކުރައްވާފައިވާ ކަމަށެވެ.
އީރާންގެ މިސައިލްތަކުގެ ރާސްތާގެ ގޮތުގައި ކަނޑައަޅާފައިވާނީ 2،000 ކިލޯމީޓަރު ކަމަށް މިދިޔަ މަހު އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރަޣްޗީ ވިދާޅުވެފައިވެ އެވެ. އެހެންވެ، ފޯޅަވައްސަކީ އީރާނާ 4،000 ކިލޯމީޓަރު ދުރުގައި އޮންނަ ތަނަކަށް ވުމުން އަރަޣްޗީގެ އެ ވާހަކައާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.
ފޯޅަވައްސަން ދޭން އުޅުނު ކަމަށް ބުނާ ހަމަލާގެ ވާހަކައަށް ފަހު އިޒްރޭލުގެ ޑިފެންސް މިނިސްޓްރީން ވަނީ އީރާނުން 4،000 ކިލޯމީޓަރަށް ހަމަލާ ދެވޭ ވަރުގެ މިސައިލް ހަދަން އުޅޭ ކަމަށް އިޒްރޭލުން ކުރިން ވެސް ބުނެފައިވާނެ ކަމަށާއި އީރާނަކީ މުޅި ދުނިޔެއަށް ނުރައްކަލެއް ކަމަށް އިޒްރޭލުން ބުނަނީ އެހެންވެ ކަމަށެވެ.
މީގެ ކުރިން ސައޫދީ އާއި އޮމާނަށް އީރާނުން ދިން ކަމަށް ބުނާ ހަމަލާތަކަކަށް ފަހު ވެސް އީރާނުން ވަނީ ހަމަލާ ނުދޭ ކަމަށް ބުނެފަ އެވެ. އަދި އޭގެ ފަހުން ތުރުކީއަށް ފޮނުވާލި މިސައިލެއްގެ މައްސަލާގައި ވެސް އީރާނުން ވަނީ އެއީ އެ ގައުމުން ދިން ހަމަލާއެއް ނޫން ކަމަށް ބުނެފަ އެވެ. އީރާނުން ބުނަނީ އިޒްރޭލުގެ މަގްސަދުތައް ހާސިލްކުރުމަށް އީރާންގެ ބޮލުގައި އަޅުވަން އިޒްރޭލުން އެކި ޖަރީމާތައް ހިންގަމުން ގެންދާ ކަމަށެވެ.