އެމެރިކާއިން ހުށަހެޅި ސުލްހައިގެ ހުށަހެޅުން އީރާނުން ގަބޫލުނުކުރާނެ ކަމަށާއި، ހަނގުރާމަ ހުއްޓާލުމަށް އަމިއްލަ ޝަރުތުތަކެއް އީރާނުން ކުރިމަތިކޮށްފައިވާ ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ބުދަ ދުވަހު ރިޕޯޓްކޮށްފި އެވެ.

އީރާނުގެ ދައުލަތުގެ ބްރޯޑްކާސްޓަރު، ޕްރެސް ޓީވީން، އެ ގައުމުގެ ސަލާމަތީ އިސް އޮފިޝަލަކާ ހަވާލާދީ ބުނި ގޮތުގައި، އީރާނުން ހުށަހެޅި ފަސް ނުކުތާގެ ޕްލޭންގެ ދަށުން ހޮރްމޫޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އޮންނަންޖެހޭނީ އީރާނަށެވެ ކަމަށެވެ.

ނަމަވެސް، މިއީ އެމެރިކާއިން އެއްބަސްވާނެ ކަމެއް ނޫން ކަމަށް ބެލެވެ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޯމަ ދުވަހު ވަނީ، ދުނިޔޭގެ ތެލުގެ ވިޔަފާރީގެ އެންމެ މުހިންމު މަގު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅި، "އަޅުގަނޑާއި އާޔަތުﷲ" ގުޅިގެން ކޮންޓްރޯލް ކުރުމުގެ ފުރުސަތު އޮތް ކަމަށް ވިދާޅުވެފަ އެވެ. އެއީ އެމެރިކާ އާއި އީރާނުން އެ ސަރަހައްދު މޮނިޓަކޮށް ބެލެހެއްޓުމުގެ ޕްލޭނަކަށް ކުރެއްވި އިޝާރާތެކެވެ. 

އީރާނުގެ ދައުލަތުގެ މީޑިއާއަށް ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވެފައިވާ ގޮތުގައި، ހަނގުރާމައިގެ ބަދަލު ހޯދުމަށް ވެސް އީރާނުން އެދޭނެ އެވެ. ޕްރެސް ޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހަނގުރާމަ ހުއްޓާލުމަށް އީރާނުން ހުށަހެޅި ޝަރުތުތަކަކީ:

  1. އުދުވާނީ ހަމަލާތަކާއި އިސް ބޭފުޅުން އަވަހާރަކޮށްލަން ދޭ ހަމަލާތައް ހުއްޓާލުން.
  2. އަލުން ހަނގުރާމަ ނުފެށޭނެކަމުގެ ކަށަވަރުވާނެ ގޮތެއް ހަމަޖެއްސުން.
  3. ހަނގުރާމައިގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ބަދަލު ދޭނެ ގޮތް ސާފުކޮށް ކަނޑައަޅައި، އެ ފައިސާ ދޭނެކަމުގެ ކަށަވަރުކަން ދިނުން.
  4. ސަރަހައްދުގައި ހިމެނޭ ހުރިހާ ހަނގުރާމަވެއި [ރެސިސްޓެންސް] ޖަމާއަތްތަކަކަށް ވެސް އަމާޒުވާ ގޮތަށް، ހުރިހާ ދިމާލަކުން ހަނގުރާމަ ނިމުމަކަށް ގެނައުން.
  5. ހޮރްމޫޒް ކަނޑުއޮޅީގެ ސިޔާދަތީ ފުރިހަމަ ބާރު ތަބައީ ގޮތުންނާއި ގާނޫނީ ގޮތުން އީރާނަށް ހައްގުވާކަން ބަލައިގަތުން. އަދި މިއީ އަނެއް ފަރާތުން އެއްބަސްވުންތަކަށް އަމަލުކުރާކަން ކަށަވަރުކުރާނެ ވަސީލަތެއްގެ ގޮތުގައި ބޭނުންކުރުން.

އީރާނުގެ ދައުލަތުން ހިންގާ އެހެން މީޑިއާއެއް ކަމަށްވާ "ފާސް ނިއުސް އެޖެންސީ" އިން މިއަދު ބުނެފައިވަނީ، ހަނގުރާމަ ހުއްޓާލުމަށާއި އީރާނާ އެކު ނުސީދާ މަޝްވަރާތައް ފެށުމަށް އެމެރިކާއިން ކުރާ މަސައްކަތްތައް ވަރަށް ބޮޑަށް އިތުރުކޮށްފައިވާ ކަމަށެވެ.

"އީރާނުން ހަމައެކަނި، ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލުމަކަށް އެއްބަހެއް ނުވޭ،" ފާސް ނިއުސްގެ ޓެލެގްރާމް ޗެނަލްގައި ރިޕޯޓްކޮށްފައިވާ އިންޓަވިއުއެއްގައި، އޮފިޝަލަކާ ހަވާލާދީ ބުނެފައިވެ އެވެ. "އުސޫލެއްގެ ގޮތުން ބަލާއިރު، އެއްބަސްވުންތަކާ ހިލާފުވާ ބަޔަކާ އެކު މިފަދަ މަރުހަލާއަކަށް ވަނުމަކީ ބުއްދިވެރި ކަމެއް ނޫން."

އީރާނުން ބޭނުންވަނީ މި ހަނގުރާމައިގައި އެ ގައުމުން ކަނޑައަޅާފައިވާ ސްޓްރެޓީޖިކް ލަނޑުދަނޑިތައް ހާސިލުކުރަން ކަމަށާއި މިދިޔަ މަހުގެ 28 ގައި ފެށި ހަނގުރާމަ ނިމުމަކަށް އައުމުގެ ފުރުސަތު އޮތީ އެކަންކަން ހާސިލުވުމުން ކަމަށް އެ ނޫހުން ބުނެފައިވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޕާކިސްތާން މެދުވެރިކޮށް އީރާނަށް އެމެރިކާއިން ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި މަސް ދުވަހަށް ހަނގުރާމަ މެދުކަނޑާލައި އެ މުއްދަތުގައި ފުރިހަމަ އެއްބަސްވުމެއް އެކުލަވާލުމާއި އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓާލަން އެއްބަސްވުމާއި އީރާނާ ދެކޮޅު ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި އީރާނުގެ މަދަނީ ނިއުކްލިއާ މަޝްރޫއަށް އެހީތެރިވުމާއި ހޮރްމޫޒް ކަނޑުއޮޅި ހުޅުވުން ހިމެނެ އެވެ.