އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެކޮޅަށް އެމެރިކާގައި ކުރާ ސިލްސިލާ މުޒާހަރާ "ނޯ ކިންގްސް" ހަރަކާތްތައް، އިމިގްރޭޝަން ރެއިޑްތަކެއްގައި ބަޔަކު މަރުވުމާ ގުޅިގެން ބޮޑެތި ހަމަނުޖެހުންތައް އުފެދުނު އުތުރުގެ ސިޓީއެއް ކަމަށްވާ މިނިއާޕޮލިސްގައި އިއްޔެ ދެ ލައްކައެއްހާ މީހުންނާ އެކު އަލުން ފަށައިފި އެވެ.
ޔޫއެސް އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް (އައިސް) އިން ޖެނުއަރީ މަހު ހިންގި ރެއިޑްތަކުގައި ފެޑަރަލް އެޖެންޓުންގެ އަތުން އެމެރިކާގެ ދެ މީހަކު ވަނީ މަރުވެފަ އެވެ. މި ހާދިސާއާ އެކު، ރައީސް ޓްރަމްޕްގެ ހަރުކަށި އިމިގްރޭޝަން ސިޔާސަތުތަކާ ދެކޮޅަށް އަޑުއުފުލާ މައި މަރުކަޒަކަށް މި ސިޓީ ވަނީ ވެފަ އެވެ.
މިއީ ޓްރަމްޕްގެ ބާރުގަދަ ސިޔާސީ ލީޑަރޝިޕާއި ކަނާތު ފިޔައިގެ އެޖެންޑާއާ ދެކޮޅަށް މިދިޔަ އަހަރު ފެށި "ނޯ ކިންގްސް" ނުވަތަ "ރަސްކަލެއް ބޭނުމެއް ނޫން" ހަރަކާތުގެ ތިން ވަނަ ބޮޑު އެއްވުމެވެ. އެއްވުން އިންތިޒާމުކުރި ފަރާތްތަކުން ބުނާ ގޮތުގައި މި ހަރަކާތުގައި ގާތްގަނޑަކަށް 200,000 މީހުން ބައިވެރިވި އެވެ.
އެމެރިކާގެ މަޝްހޫރު މިއުޒީޝަން ބްރޫސް ސްޕްރިންގްސްޓީން ވަނީ މިނިއާޕޮލިސްއާ އިންވެގެން އޮންނަ ސެއިންޓް ޕޯލްގައި ބޭއްވި އެއްވުމުގައި ބައިވެރިވެފަ އެވެ. މި އެއްވުމުގައި އޭނާ ވަނީ އައިސް އެޖެންޓުންގެ އަތުން މަރުވި ދެ މީހުންގެ ހަނދާނުގައި ލިޔެފައިވާ "ސްޓްރީޓްސް އޮފް މިނިއާޕޮލިސް" ލަވަ ކިޔައިފަ އެވެ.
މަރުވި ދެ މީހުންނާ ބެހޭގޮތުން ވާހަކަ ދައްކަމުން ސްޕްރިންގްސްޓީން ބުނީ، "އެމީހުންގެ ހިތްވަރާއި، ގުރުބާނީ އަދި އެ މީހުންގެ ނަންތައް ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ" ކަމަށެވެ.
މި އެއްވުމުގައި ބައިވެރިވި އެތައް ހާސް ބަޔަކު ދިޔައީ "ރަސްކަލަކު ބޭނުމެއް ނޫން، އައިސް ބޭނުމެއް ނޫން، ހަނގުރާމައެއް ބޭނުމެއް ނޫން!" ކަމަށް ގޮވަމުންނެވެ.
"ތިޔަބޭފުޅުންގެ ހިތްވަރުގަދަކަމާއި ސާބިތުކަމުން ހާމަވަނީ މިއީ އަދިވެސް އެމެރިކާކަން. އަދި މި ބިރުވެރި ހާލަތާއި އެމެރިކާގެ ސިޓީތަކަށް އަރައިގަތުމަށް ކުރާ މަސައްކަތްތަކަށް ޖާގައެއް ނެތްކަން،" އެއްވި މީހުންނާ މުހާތަބުކޮށް ސްޕްރިންގްސްޓީން ބުންޏެވެ.
ޓްރަމްޕްގެ އިމިގްރޭޝަން ސިޔާސަތުތައް ތަންފީޒުކުރާ އެމެރިކާގެ އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓަށް ނިސްބަތްކޮށް އެއްވުމުގެ ބައިވެރިން ގެންގުޅުނު ބޯޑުތަކުގައި "އައިސް އައުޓް" ފަދަ ޝިއާރުތައް ލިޔެފައިވެ އެވެ.
މިނެސޯޓާގެ ގަވަރުނަރު ޓިމް ވޯލްޒް ވަނީ ޓްރަމްޕާ ދެކޮޅަށް ތެދުވީތީ ރައްޔިތުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ. އޭނާ ޓްރަމްޕް ސިފަކުރެއްވީ "ޑިކްޓޭޓަރަކަށް ވާން އުޅޭ މީހެއްގެ" ގޮތުގަ އެވެ.
ވާތުފިޔައިގެ ސިޔާސީ ލީޑަރު ބާނީ ސޭންޑާސް ވެސް ވަނީ އެއްވުމުގައި ވާހަކަ ދައްކަވައިފަ އެވެ.
"ކޮންމެ ދުވަހަކު ގާނޫނުއަސާސީ އާއި ގާނޫނީ ހަމަތަކާ ހިލާފުވާ، އަމިއްލަ އެދުން ބޮޑު، ދޮގުވެރި ރައީސަކު އަހަރެމެން ދުވަހަކުވެސް ގަބޫލެއް ނުކުރާނަން،" އޭނާ ވިދާޅުވި އެވެ.