ދުނިޔެ / މިސްރު

އައިއެސްގެ ހަމަލާ އަށް ފަހު މިސްރުގައި ކުއްލި ހާލަތު އިއުލާންކޮށްފި

މިސްރުގެ އިސްކަންދަރިއްޔާގެ ކްރިސްޓިއަން ފައްޅިއަކަށް ބޮމުގެ ހަމަލާ ދިން ތަނަށް މީހުން ޖަމާވެފައި. --ފޮޓޯ:އޭއެފްޕީ

ގާހިރާ (އެޕްރީލް 10) - މިސްރުގެ ދެ ފައްޅިއެއްގައި އިސްލާމިކް ސްޓޭޓް (އައިއެސް) އިން ދިން ބޮމުގެ ހަމަލާ އަށް ފަހު ރައީސް އަބްދުލް ފައްތާހު އަލް ސީސީ އެ ގައުމުގައި ތިން މަސް ދުވަހުގެ މުއްދަތަށް ކުއްލި ހާލަތު އިއުލާންކޮށްފި އެވެ.

ކުއްލި ހާލަތުގެ މުއްދަތުގައި ކޯޓު އަމުރެއް ނެތި ވެސް މީހުން ހައްޔަރުކޮށް، ތަންތަން ބަލާ ފާސްކުރެވޭނެ އެވެ. ކުއްލި ހާލަތު ތަންފީޒު ކުރަން ފެށުމުގެ ކުރިން ޕާލަމެންޓުން ރުހުން ހޯދަން ޖެހޭނެ އެވެ. ޕާލަމެންޓުގެ އަޣުލަބިއްޔަތު އޮންނަނީ ސީސީ އަށެވެ.

ކްރިސްޓިއަނުންގެ ކަލަންޑަރުގައި މާތް ދުވަހެއްގެ ގޮތުގައި ބަލާ ޕާމް ސަންޑޭގައި ތަންތާ ސިޓީ އާއި އިސްކަންދަރިއްޔާގެ ކޮޕްޓިކް ފައްޅިއަކަށް ދިން ބޮމުގެ ހަމަލާގައި ވަނީ 44 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ. މި ދެ ހަމަލާގެ ޒިންމާ ވެސް އައިއެސް އިން ވަނީ އުފުލައިފަ އެވެ. ވޭތުވެދިޔަ ދުވަސްތަކުގައި އައިއެސް އިން ވަނީ ކޮޕްޓިކް ކްރިސްޓިއަނުންނަށް ހަމަލާތައް އަމާޒުކޮށް އިތުރު ހަމަލާ ދޭނެކަމުގެ އިންޒާރު ދީފަ އެވެ.

ފައްޅި އަށް ދިން ހަމަލާ އަށް ފަހު ސިފައިން ވަނީ ނެރެފައި. --ފޮޓޯ:ރޮއިޓާސް

ރައީސް ސީސީ ކުއްލި ހާލަތު އިއުލާން ކުރެއްވީ ރިޔާސީ ގަނޑުވަރުގައި ބޭއްވި ނޭޝަނަލް ޑިފެންސް ކައުންސިލްގެ ބައްދަލުވުމަކަށް ފަހު އެވެ. ސީސީ ވަނީ ހަނގުރާމަވެރިންނާ ދެކޮޅަށް ކުރާ ހަނގުރާމަ ދިގުދެމިގެންދާނެ ކަމަށާއި އަދި އެ ހަނގުރާމައިގެ ވޭން ބޮޑުވާނެ ކަމަށް އިންޒާރު ދެއްވައިފަ އެވެ. ސީސީ ވިދާޅުވީ ކުއްލި ހާލަތު ތަންފީޒު ކުރަން ފަށާނީ ގާނޫނީ ހުރިހާ މަރުހަލާއެއް ފުރިހަމަ ކުރުމަށް ފަހު ކަމަށެވެ. މިސްރުގެ މުހިންމު ތަންތަން ބެލެހެއްޓުމަށް ސިފައިން ނެރުމަށް ސީސީ ކުރިން ވަނީ އަންގަވައިފަ އެވެ.

އައިއެސް ދިން ބޮމުގެ ފުރަތަމަ ހަމަލާ އަމާޒުކޮށްފައި ވަނީ ގާހިރާގެ އުތުރުން އޮންނަ ތަންތާ ސިޓީގެ ސެއިންޓް ޖޯޖް ކޮޕްޓިކް ފައްޅިއަށެވެ. ޖާނުންފިދާވެގެން ދިން އެ ހަމަލާގައި 27 މީހުން ވަނީ މަރުވެފަ އެވެ. އޭގެ އިރުކޮޅެއް ފަހުން އިސްކަންދަރިއްޔާގެ ސެއިންޓް މާކް ކޮޕްޓިކް ފައްޅި އަށް ވަންނަން އުޅުނު ޖާނުންފިދާވުމުގެ ހަމަލާ ދޭ މީހަކު ފުލުހުން ހުއްޓުވުމާ އެކު އޭނާގެ ގައިގައި ހަރުކޮށްފައިވާ ބޮންތައް ގޮއްވާލުމުން 17 މީހުން ވަނީ މަރުވެފަ އެވެ. މަރުވި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ފުލުހުން ވެސް ހިމެނެ އެވެ.

މިސްރުގެ އުތުރުގެ ސިޓީ ތަންތާގެ ކްރިސްޓިއަން ފައްޅިއަކަށް ދިން ބޮމުގެ ހަމަލާގައި ލިބިފައިވާ ގެއްލުންތައް. --ފޮޓޯ:އޭއެފްޕީ

އައިއެސް އިން ނެރުނު ބަޔާނެއްގައި ބުނީ ކްރިސްޓިއަނުންނާއި އެ މީހުންނާ ދެމެދު އޮތް ބިލް ވަރަށް ބޮޑު ކަމަށާއި އެ ބިލް ދައްކަން ޖެހޭނީ ކްރިސްޓިއަނުންގެ ދަރިންގެ ލޭގެ ކޯރުތަކުން ކަމަށެވެ.

މިސްރުގެ ކްރިސްޓިއަނުންނަށް ދާދި ފަހުން ދިން ހަމަލާތައް:

ޑިސެމްބަރު 2016: ގާހިރާގެ ކޮޕްޓިކް ފައްޅިއަކަށް ދިން ހަމަލާގައި 25 މީހުން މަރުވި.

އެޕްރީލް 2013: ގާހިރާގެ ސެއިންޓް މާކް ފައްޅި އަށް ދިން ހަމަލާއެއްގައި ދެ މީހުން މަރުވި.

މިސްރުގެ 91 މިލިއަން މީހުންގެ އާބާދީގެ 10 ޕަސެންޓަކީ ކޮޕްޓިކް ކްރިސްޓިއަނުންނެވެ. މިސްރުގައި ކްރިސްޓިއަން ފައްޅިތަކަށް ހަމަލާދީފައި މި ވަނީ އެ ގައުމުގެ ކްރިސްޓިއަނުންނާ އެކުގައިވާކަން ދެއްކުމަށް ޕޯޕް ފްރާންސިސް އެ ގައުމަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނިކޮށެވެ.

1 ކޮމެންޓް, 21 ރިއެކްޝަންސް

icon happy icon happy 43%
icon sad icon sad 19%
icon angry icon angry 38%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލީ

10 April 2017

އިސްލާމްދީނުގައިއޮވޭތޯ އެހެންދީންތަކުގެމީހުން އަޅުކަންކުރަންތިއްބާގޮސް މެރުމަށް؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454