އިރާނުގެ އާންމުން ބޭނުންކުރާ އުމްރާނީ ވަސީލަތްތަކަށް ހަމަލާދީ، ހަނގުރާމަ ފުޅާކުރާނެ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވަމުންދާ އިންޒާރުތަކާ ގުޅިގެން، އޭނާ މަގާމުން ދުރުކުރުމަށްއެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ގޮވާލަމުންދާ އަޑުގަދަ ވެއްޖެ އެވެ.
ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ސަރުކާރުގެ އިސްވެރިންނަށް ގޮވާލައްވަމުންދަނީ އެމެރިކާގެ ގާނޫނުއަސާސީގެ 25 ވަނަ މާއްދާ ބޭނުންކޮށްގެން ޓްރަމްޕް މަގާމުން ދުރުކުރުމަށެވެ. މި މާއްދާއަކީ ރައީސަށް މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރެވޭ ހާލަތްތަކުގައި ބާރުތައް ބަދަލުކުރުމަށް އޮންނަ ގާނޫނީ މަގެކެވެ.
އެރިޒޯނާގެ ކޮންގްރެސް މެންބަރު ޔާސަމީން އަންސާރީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޓްރަމްޕް ގެންދަވަނީ ބިރުވެރި އުފައްދައި ނުރައްކާތެރި ހަނގުރާމަ ފުޅާ ކުރަމުން ކަމަށެވެ.
"ޓްރަމްޕް މިގެންދަވަނީ ބިރުވެރި، ގައިރު ގާނޫނީ ހަނގުރާމައެއް ފުޅާކުރަމުން. އޭނާ ދަނީ ހަނގުރާމައިގެ ބޮޑެތި ޖަރީމާތަކެއް ހިންގާނެ ކަމުގެ އިންޒާރު ދީ އިރާންގެ އާންމު އުމްރާނީ ވަސީލަތްތަކަށް އަމާޒުކުރަމުން،" ޔާސަމީން އަންސާރީ ލިޔެފައި ވެއެވެ.
ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ޓްރަމްޕްގެ ބަސްމަގު ހުރިގޮތުން ހުރިހާ ރަތް ރޮނގެއް ހުރަސްކޮށްފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އެމެރިކާގެ މަޖިލީހުގެ އެހެން މެންބަރު އަދި މީގެ ކުރިން ޓްރަމްޕްގެ ބަހަުގެ ހަމަލާތައް އަމާޒުވި އިލްހާމް އުމަރު ވިދާޅުވީ ޓްރަމްޕްގެ ބަސްމަގު ހުރި ގޮތަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ވިދާޅުވެފަ އެވެ.
"މިއީ ބަލައިގަނެވޭނެ ކަމެއް ނޫން. 25 ވަނަ އިސްލާހު [މާއްދާ] ގެ ބޭނުންކުރޭ. އިމްޕީޗްކުރޭ. މަގާމުން ދުރުކުރޭ. ކޮންޓްރޯލުން ނެއްޓިފައިވާ މި މޮޔަ މީހާ މަގާމުން ދުރުކުރަން ޖެހޭ،" އިލްހާމް ވިދާޅުވި އެވެ.
ނިއު މެކްސިކޯގެ މެންބަރު މެލަނީ ސްޓޭންސްބަރީ ވިދާޅުވީ މިއީ 25 ވަނަ މާއްދާގެ ބޭނުންކޮށް، ކޮންގްރެސްއާއި ކެބިނެޓުން ފިޔަވަޅު އަޅަންވީ ވަގުތު ކަމަށެވެ.
ޑިމޮކްރެޓިކް ސެނެޓް މެންބަރު ކްރިސް މާފީ ވެސް ވަނީ ޓްރަމްޕްގެ ނިންމުންތަކަކީ އެއްވެސް އުސޫލެއް ނެތް ނިންމުންތަކެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.
"އަހަރެން ޓްރަމްޕްގެ ކެބިނެޓުގައި ހުރިނަމަ 25 ވަނަ އިސްލާހާ ބެހޭގޮތުން ގާނޫނީ ވަކީލުންނާ މަޝްވަރާކުރުމުގައި ވަގުތު ހޭދަކުރާނަން. މިއީ މުޅިން ކޮންޓްރޯލުން ނެއްޓިފައިވާ ކަމެއް. އޭނާ މިހާރުވެސް އެތައް ހާސް ބަޔަކު މަރާލައިފި. އަދިވެސް އެތައް ހާސް ބަޔަކު މަރާލާނެ،" މާފީ ވިދާޅުވި އެވެ.
ރިޕަބްލިކަން ޕާޓީގެ މެންބަރު ޖޯ ވޯލްޝް ވިދާޅުވީ، ޓްރަމްޕަކީ މި ގައުމާއި ދުނިޔެއަށް ވެސް ހުރި ނުރައްކަލެއް ކަމަށެވެ މިހާރުން މިހާރަށް 25 ވަނަ އިސްލާހުގެ ބޭނުންކުރަންޖެހޭ ކަމަށް އޭނާ ވެސް ތަކުރާރުކުރެއްވި އެވެ.