އިޒްރޭލާއި އެމެރިކާއިން އީރާނަށް ހަމަލާ ދިނުމާ އެކު ފެށިފައިވާ ހަނގުރާމައަށް ފަހު ފުރަތަމަ ފަހަރަށް އެމެރިކާގެ ހަނގުރާމަމަތީ ދެ މަނަވަރު ހޮރްމޫޒް ކަނޑުއޮޅިން، އެއްވެސް ނުރައްކަލަކާ ނުލައި ދަތުރުކޮށްފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާ އިން މި ވާހަކަ ރިޕޯޓްކޮށްފައި ވާއިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޮނިހިރު ދުވަހު ވަނީ އެމެރިކާއިން ދަނީ ކަނޑުއޮޅިން "މައިނުތައް ނައްތާލައި ސާފުކުރުމުގެ މަސައްކަތް ކުރަމުން" ކަމަށް ވިދާޅުވެފަ އެވެ. 

އެމެރިކާގެ ކަނޑުގެ ސިފައިންގެ ގައިޑެޑް-މިސައިލް ޑިސްޓްރޯޔާ މަނަވަރުތައް އެ ކަނޑުއޮޅިން ދަތުރުކުރިއިރު އެއްވެސް ނުރައްކަލެއް ދިމާނުވާ ކަމަށް، އެމެރިކާގެ ތިން އޮފިޝަލަކާ ހަވާލާދީ ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓްކޮށްފައިވެ އެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ އީރާންގެ ކަމާބެހޭ ފަރާތްތަކާ ވާހަކަ ދައްކައިގެން ނޫން ކަމަށް ކަމަށް ވެސް  އެމެރިކާގެ މީޑިއާ އައުޓްލެޓެއް ކަމަށްވާ އެކްސިއޯސްއިން ބުނެފައިވެ އެވެ.

"އަޅުގަނޑުމެން މިހާރު މި ފަށަނީ ހޮރްމޫޒް ކަނޑުއޮޅި ސާފުކުރުމުގެ މަސައްކަތް،" ޓްރަމްޕް އޭނާގެ 'ޓްރުތް ސޯޝަލް' ޕްލެޓްފޯމްގައި ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިއީ "މި މަސައްކަތް އަމިއްލައަށް ކުރުމުގެ ހިތްވަރެއް ނުވަތަ މަގްސަދެއް ނެތް" ޗައިނާ، ޖަޕާން އަދި ފްރާންސް ފަދަ ގައުމުތަކަށް ކޮށްދޭ ހެޔޮކަމެކެވެ.

މި ހަނގުރާމައިގައި އީރާނަށް ކުރިމަތިވަމުން ދަނީ "ބޮޑު ބައްޔެއް" ކަމަށް ވިދާޅުވާ ވާހަކަ ޓްރަމްޕު ވަނީ ތަކުރާރުކުރައްވައިފަ އެވެ. ނަމަވެސް، ދުނިޔޭގެ ސާފުނުކުރާ ތެލުގެ ފަސްބައިކުޅަ އެއްބައި އުފުލާ އެ މުހިންމު ކަނޑުއޮޅީގައި އީރާނުން އަޅާފައިވާ މައިނުތަކުގެ ނުރައްކާ އަދިވެސް އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

އީރާނަށް އޮތް ހަމައެކަނި އުއްމީދަކީ ކޮންމެވެސް މަނަވަރެއް އެމީހުންގެ ކަނޑު މައިނެއްގައި 'ޖެހުން' ކަމަށް ވެސް ޓްރަމްޕު ވިދާޅުވި އެވެ.

މި ރިޕޯޓްތަކާ ގުޅޭގޮތުން އޭއެފްޕީން ސުވާލުކުރުމުން އެމެރިކާގެ އޮފިޝަލުން އަދި ޖަވާބެއް ނުދެ އެވެ.

އެމެރިކާ އާއި އިޒްރޭލުން ފެބްރުއަރީ 28 ގައި އީރާނަށް ބޮން އަޅަން ފެށި ފަހުން، އީރާނުގެ އައްސޭރިފަށުގައި އޮންނަ މި މުހިންމު ކަނޑުއޮޅި އޮތީ ބަންދުކޮށްފަ އެވެ. ނަމަވެސް، މި ހަފުތާގެ ކުރީކޮޅު ގާއިމުކުރި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ އެއް ޝަރުތަކީ އެ ކަނޑުއޮޅި އަލުން ހުޅުވުމެވެ.

މެދުއިރުމަތި ހަނގުރާމައެއްގެ ތެރެއަށް ފެންދިޔަ އަދި ދުނިޔޭގެ އިގްތިސާދަށް ބޮޑު ލޮޅުމެއް އަރުވާފައިވާ މި ހަނގުރާމަ ނިމުމަކަށް ގެނައުމުގެ މަގުސަދުގައި، އީރާނާއި އެމެރިކާގެ އިސް އޮފިޝަލުން ހޮނިހިރު ދުވަހު ޕާކިސްތާނުގައި މަޝްވަރާތައް ވަނީ ފަށައިފަ އެވެ.  -- އޭއެފްޕީ