އީރާނުގެ ސަލާމަތީ ބާރުތަކުގެ ފުރިހަމަ ކޮންޓްރޯލް ހޮރްމޫޒް ކަނޑުއޮޅީގައި އެބަ އޮތް ކަމަށާއި "ނުބައި ހިސާބެއް ޖަހައިގެން" ގޯހެއް ހަދައިފި ނަމަ މަރުގެ ދަންތުރައެއްގައި ޖައްސާނެ ކަމަށް އީރާންގެ އިންގިލާބީ ލަޝްކަރުން އިންޒާރު ދީފި އެވެ.
"ހުރިހާ ދަތުރުފަތުރެއް... އޮތީ އަސްކަރިއްޔާގެ ފުރިހަމަ ބާރުގެ ދަށުގައި،" ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށް ބާރުގެ ދަށަށް ގެންދަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ކަނޑުގެ ސިފައިންނަށް އަމުރުކުރެއްވުމާ ގުޅިގެން، އިންގިލާބީ ލަޝްކަރުގެ ކަނޑުގެ ސިފައިންގެ ކޮމާންޑުން ފާރިސީ ބަހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.
"ދުޝްމަނުންނަށް ނުބައި ފިޔަވަޅެއް އެޅިއްޖެ ނަމަ، އެ މީހުން މި ކަނޑުއޮޅީގެ ނުރައްކާތެރި މަރުގެ ދަންތުރައިގައި ތާށިވާނެ،" އުޅަނދުތަކަކަށް ހަމަލާތައް އަމާޒުކޮށްފައިވާ މަންޒަރު ފެންނަ ވީޑިއޯއަކާ އެކު ކުރި ޕޯސްޓުގައި ބުނެފައިވެ އެވެ.
އިންގިލާބީ ލަޝްކަރުގެ ޕަބްލިކް ރިލޭޝަންސް އޮފީހުން ނެރުނު ވަކި ބަޔާނެއްގައި ބުނެފައިވަނީ، "ދުޝްމަން ބައެއް އޮފިޝަލުން ހަދަނީ ދޮގު" ކަމަށާއި ކަނޑައެޅިފައިވާ ވަކި ގަވާއިދުތަކެއްގެ ދަށުން އާންމު އުޅަނދުތަކަށް ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރުމުގެ ފުރުސަތު މިހާރުވެސް އާންމުކޮށް ހުޅުވާލާފައިވާ ކަމަށެވެ.
އެއީ ކޮން ގަވާއިދުތަކެއް ކަމެއް އަދި އެކަމުގެ ތަފްސީލެއް ދީފައެއް ނުވެ އެވެ. ނަމަވެސް އެ ބަޔާނުގައި ބުނީ "ކޮންމެ ބަހަނާއެއްގައި ނަމަވެސް ހޮރްމުޒް ކަނޑުއޮޅިއާ ކައިރިވާން މަސައްކަތްކުރާ ކޮންމެ އަސްކަރީ މަނަވަރަކީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފުވާ އުޅަނދެއް ކަމަށް ބަލައި، އެފަދަ އުޅަނދުތަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ" ކަމަށެވެ.
ސޯޝަލް މީޑިއާގައި ޓްރަމްޕް ދެއްވި ދިގު ބަޔާނެއްގައި ވިދާޅުވީ، އޭނާގެ އަސްލު އަމާޒަކީ ކަނޑުއޮޅީގައި ހުރި މައިންތައް ސާފުކޮށް، ހުރިހާ އުޅަނދުތަކަކަށް އެތަން ހުޅުވާލުން ކަމަށެވެ. ނަމަވެސް އެ ވަގުތު އަންނަންދެން، އެ ކަނޑުގެ ކޮންޓްރޯލް އީރާނަށް ލިބިގެން ނުވާނެ ކަމަށް ވިދާޅުވި އެވެ.
ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލުން އީރާނަށް ހަމަލާދޭން ފެށުމާއެކު، އީރާނުން ވަނީ ހޮރްމުޒް ކަނޑުއޮޅި ބަންދުކޮށްފަ އެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތައް ވަނީ އިންތިހާއަށް މައްޗަށް ގޮސްފަ އެވެ.
ނިމުނު ހަފުތާގެ ފަހުކޮޅު، ދެ ހަފުތާގެ މުއްދަތަށް ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވި ނަމަވެސް، ޕާކިސްތާނުގައި ކުރި މަޝްވަރާތައް ނާކާމިޔާބުވުމާ ގުޅިގެން މި އެއްބަސްވުން ވަނީ ވަރަށް ބޮޑަށް ނާޒުކު ފައްތަރެއްގަ އެވެ. -- އޭއެފްޕީ