އެމެރިކާގެ އަސްކަރީ ހިސާރު އޮތް ނަމަވެސް، އީރާނުގެ ބަނދަރުތަކުން ފުރި، މަދުވެގެން ތިން އުޅަނދެއް ހޮރްމުޒް ކަނޑުއޮޅި ހުރަސްކޮށްފައިވާ ކަމަށާއި، ނަމަވެސް އެ މަގުން ދަތުރުކުރި ބައެއް އުޅަނދުތައް ފަހުން އެނބުރި އީރާނަށް ވަދެފައިވާ ކަމަށް ކަނޑުދަތުރުފަތުރުގެ ޑޭޓާތަކުން ދައްކައިފި އެވެ.

ކަނޑުދަތުރުފަތުރުގެ މައުލޫމާތު ފޯރުކޮށްދޭ 'ކްލެޕްލާ' އިން ބުނި ގޮތުގައި، ހޯމަ ދުވަހު ޖީއެމްޓީން މެންދުރު ފަހު 2:00 ގައި އެމެރިކާގެ ބްލޮކޭޑް ހިންގަން ފެށި ފަހުން، އީރާނާ ގުޅުންހުރި މަދުވެގެން ހަތް އުޅަނދެއް ކަނޑުއޮޅި ހުރަސްކުރި އެވެ.

ލައިބީރިއާގެ ދިދާގައި ދަތުރކުރި 'ކްރިސްޓިއާނާ' ނަމަކަށް ކިޔާ ބަލްކް ކެރިއަރެއް، އީރާނުގެ ބަންދަރު އިމާމް ޚުމައިނީ ބަނދަރަށް 74,000 ޓަނުގެ ޒުވާރި ބޭލުމަށްފަހު، ހޯމަ ދުވަހު ޖީއެމްޓީން ހަވީރު 4:00 ހާއިރު ކަނޑުއޮޅީގައި އޮންނަ އީރާނުގެ ލާރަކް ޖަޒީރާއާ ދިމާލުން ކަނޑުއޮޅި ހުރަސްކޮށްފައިވާ ކަމަށް ކްލެޕްލާގެ ޑޭޓާތަކުން ދައްކަ އެވެ.

ދެވަނަ އުޅަނދެއް ކަމަށްވާ ކޮމޮރޯސްގެ ދިދާގައި ދުއްވާ 'އެލްޕިސް' ޓޭންކަރު، ޖީއެމްޓީން ހޯމަ ދުވަހުގެ ހެނދުނު 11:00 ހާއިރު ލާރަކް ކައިރީގައި އޮތުމަށްފަހު، ހަވީރު 4:00 ހާއިރު ކަނޑުއޮޅި ހުރަސްކުރި އެވެ. މި އުޅަނދުގައި 31,000 ޓަނުގެ މެތަނޯލް ހުއްޓެވެ.

މީގެ އިތުރުން 'އާގޯ މާރިސް' ނަމަކަށް ކިޔާ އުޅަނދު ވެސް ކަނޑުއޮޅި ހުރަސްކޮށްފައިވާ ކަމަށް ޓްރެކަރުން ދައްކަ އެވެ.

ކަނޑުދަތުރުފަތުރާ ބެހޭ މާހިރުން އިންޒާރު ދޭ ގޮތުގައި، މި ސަރަހައްދުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އުޅަނދުތަކުގެ ސިގްނަލްތަކަށް ބުރޫއަރައި އޮޅުވާލާފައި ހުރުމުން، ދަތުރުތަކާ ބެހޭ މައުލޫމާތު ކަށަވަރުކަމާ އެކު ބެލުމަށް ވަނީ ދަތިވެފަ އެވެ.

ބްލޮކޭޑް ދެމިއޮތް ކަމަށް އެމެރިކާއިން ބުނޭ

ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާ އެކު ހަނގުރާމަ ފެށުމުން، އީރާނުގެ ފައުޖުތަކުން ވަނީ ކަނޑުއޮޅި ބަންދުކޮށްފަ އެވެ. އެމެރިކާއިން އަމިއްލަ ބްލޮކޭޑެއް އިއުލާނުކުރީ އާދީއްތަ ދުވަހު އީރާނާ އެކު ބޭއްވި ސުލްހައިގެ ވާހަކަތައް ނާކާމިޔާބުވުމުންނެވެ.

އެމެރިކާގެ އަސްކަރިއްޔާއިން އަންގާރަ ދުވަހު ބުނީ، އެ މީހުންގެ ބްލޮކޭޑް ވަރުގަދަކޮށް އެބައޮތް ކަމަށާއި، ފާއިތުވި 24 ގަޑިއިރު ތެރޭގައި އީރާނުގެ ބަނދަރުތަކުން ނިކުމެގެން ދިޔަ ހަ އުޅަނދެއް ހުއްޓުވާފައިވާ ކަމަށެވެ.

"އެއްވެސް އުޅަނދަކަށް އެމެރިކާގެ ބްލޮކޭޑް ފޫއަޅުވާލާފައި ނުދެވޭ. ހަ އުޅަނދެއް ވަނީ އެމެރިކާގެ ސިފައިންގެ އެންގުމަށް ތަބާވެ، އަނބުރާ އީރާނުގެ ބަނދަރުތަކަށް ވަދެފައި،" ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން އެކްސްގައި ބުނެފައިވެ އެވެ.

ސެންޓްކޮމް އިން ބުނީ މި ބްލޮކޭޑަކީ ވަކި ގައުމަކަށް ބެލުމެއްނެތް، ހުރިހާ ގައުމެއްގެ އުޅަނދުތަކަށް ވެސް ހިންގޭ އުސޫލެއް ކަމަށެވެ.

ޗައިނާގެ ޓޭންކަރެއް މިސްރާބު ބަދަލުވި 

ޗައިނާގެ ޓޭންކަރެއް ކަމަށްވާ 'ރިޗް ސްޓާރީ' ވެސް ވަނީ ހޯމަ ދުވަހުގެ ރޭގަނޑު ކަނޑުއޮޅި ހުރަސްކޮށްފަ އެވެ. ކްލެޕްލާ އިން ބުނި ގޮތުގައި 31,500 ޓަނުގެ މެތަނޯލްއާ އެކު އޮމާންގެ ސޮހާރަށް ދަތުރުކުރި މި އުޅަނދު، އަންގާރަ ދުވަހުގެ 11:00 ހާއިރު ވަނީ އަނބުރާލައި، އަލުން ކަނޑުއޮޅިއާ ދިމާލަށް މިސްރާބު ޖަހައިފަ އެވެ. މި އުޅަނދު ދަނީ ކޮން ތަނަކަށް ކަމެއް ނޭނގެ އެވެ.

'ކްރިސްޓިއާނާ' ވެސް ވަނީ އޮމާން ކައިރިން ހަވީރު 3:00 ހާއިރު އަނބުރާލައިފަ އެވެ. އެ އުޅަނދު ދާ އައު މަންޒިލެއް ވެސް ނޭނގެ އެވެ.

ދެން ކަނޑުއޮޅި ހުރަސްކުރި އުޅަނދުތަކުގެ ތެރޭގައި ކުރިން އީރާނާ އެކު ވިޔަފާރިކޮށްފައިވާ 'މަނާލީ' އާއި، އީރާނުގެ ދިދަ ޖަހާފައިވާ ދެ އުޅަނދު ކަމަށްވާ 'ކާޝާން' އަދި 'މުޝްތާރީ' ހިމެނެ އެވެ.

'ރިޗް ސްޓާރީ' އާއި 'އެލްޕިސް' އަކީ އީރާނާ ގުޅުން އޮންނާތީ އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އުޅަނދުތަކެއްގެ ގޮތުގައި ލިސްޓުކޮށްފައިވާ ދެ އުޅަނދެވެ. -- އޭއެފްޕީ