ފަލަސްތީނުގެ އުތުރުގެ އެކި ސަރަހައްދުތަކަށް އިޒްރޭލުން ދިން ހަމަލާތަކުގައި، ތުއްތު ކުއްޖަކާ އެކު 10 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން އިއްޔެ ބުނެފި އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު 10 ވަނަ ދުވަހުން ފެށިގެން ޣައްޒާގެ ސުލްހައިގެ އެއްބަސްވުމަކަށް އަމަލުކުރަން ފަށާފައިވީ ޗިޔަސް، އިޒްރޭލާއި ހަމާސް އިން ދަނީ އެއްބަސްވުމާ ހިލާފުވާ ކަމުގެ ތުހުމަތު އެއްބަޔަކު އަނެއް ބައެއްގެ ބޮލުގައި އަޅުވަމުންނެވެ. 

ހަމާސްގެ ދަށުން ހިންގާ ސިވިލް ޑިފެންސް އެޖެންސީގެ ތަރުޖަމާނު މަހްމޫދު ބައްސާލް ވިދާޅުވީ، ޣައްޒާ ސިޓީގެ "ފުލުހުންގެ އުޅަނދަކަށް އަމާޒުކޮށް ދިން ހަމަލާއެއްގައި، ކުޑަކުއްޖަކާ އެކު ހަތަރު މީހުން ޝަހީދުވެ، އިތުރު ބަޔަކަށް އަނިޔާވި" ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ޝަހީދުވި ކުއްޖާއަކީ ޔަހްޔާ އަލް މަލާހީ ނަމަކަށް ކިޔާ އުމުރުން ތިން އަހަރުގެ ކުއްޖެއް ކަމަށެވެ.

ޣައްޒާ ސިޓީގެ ޝިފާ ހޮސްޕިޓަލުން ވަނީ ޝަހީދުވި މީހުންގެ ހަށިތައް އެތަނަށް ގެންދިޔަކަން ކަށަވަރުކޮށްދީފަ އެވެ.

އޭއެފްޕީން ސުވާލުކުރުމުން އިޒްރޭލު ސިފައިން ބުނީ އެ ހާދިސާގެ ތަފްސީލު ބަލަމުންދާ ކަމަށެވެ.

ޣައްޒާގެ އިންޓީރިއާ މިިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އިޒްރޭލުގެ ހަނގުރާމަމަތީ ބޯޓުތަކުން ސިޓީގެ މެދުތެރޭގައި "ފުލުހުންގެ އުޅަނދަކަށް އަމާޒުކޮށް ހަމަލާދީފައިވާ" ކަމަށާއި، އެކަމުގެ ސަބަބުން ބަޔަކު މަރުވެ އަދި އަނިޔާ ވެސް ވެފައިވާ ކަމަށެވެ.

ބައްސާލް ވިދާޅުވި ގޮތުގައި އަންގާރަ ދުވަހުގެ ހެނދުނު އުތުރުގެ ބައިތު ލާހިޔާ ސަރަހައްދުގައި އިޒްރޭލުން ދިން ބަޑީގެ ހަމަލާއެއްގައި އިތުރު މީހަކު މަރުވެފައިވެ އެވެ.

އިޒްރޭލު ސިފައިން ނެރުނު ބަޔާނެއްގައި ބުނީ، ސިފައިން ފަހަތަށް ޖެހިފައިވާ ސަރަހައްދު ނުވަތަ "ޔެލޯ ލައިން" ކައިރިއަށް "ހަތިޔާރު އެޅި ޓެރަރިސްޓަކު" އަންނަނިކޮށް ފެނިފައިވާ ކަމަށެވެ. އެ މީހާއަށް ހަމަލާދީ މަރާލި ކަމަށް ބުނި ނަމަވެސް މިއީ ބައިތު ލާހިޔާގައި ޝަހީދުކޮށްލި މީހާ ކަމެއް ސާފުކޮށް އެނގޭ މައުލޫމާތެއް އިޒްރޭލުން ހާމައެއް ނުކުރެ އެވެ. 

އަންގާރަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ސިވިލް ޑިފެންސް އެޖެންސީން ރިޕޯޓްކުރި ގޮތުގައި، ޣައްޒާ ސިޓީގެ އަލް ޝާތީ ރެފިއުޖީ ކޭމްޕު ސަރަހައްދަކަށް ދިން އެހެން ހަމަލާއެއްގައި ވެސް ބަޔަކު ޝަހީދުވި އެވެ.

މީގެ އިތުރުން އަލް ޝާތީގައި  "އިޒްރޭލުގެ ޑްރޯންއަކުން ދެ މިސައިލް ފޮނުވާލުމުން" ޝަހީދުވި ފަސް މީހެއްގެ ހަށިގަނޑު ލިބިފައިވާކަން ޝިފާ ހޮސްޕިޓަލުން ކަށަވަރުކޮށްދިނެވެ.

އޮކްޓޯބަރު މަހު ސުލްހައިގެ އެއްބަސްވުމެއް ގާއިމްކުރީ، ފަލަސްތީނުގެ ހަމާސް ޖަމާއަތުން އޮކްޓޯބަރު 7، 2023 ގައި އިޒްރޭލަށް ދިން ހަމަލާއަށް ފަހު ރައްދުގައި އިޒްރޭލުން ދެމުން ދިޔަ ހަމަލާތަކަށް ދެ އަހަރަށް ވުރެ ގިނަ ދުވަސް ފަހުންނެވެ.

ސުލްހައިގެ އެއްބަސްވުމަށް އަމަލުކުރަން ފެށި ފަހުން ޣައްޒާގައި މަދުވެގެން 757 މީހުން ޝަހީދުކޮށްލާފައިވާ ކަމަށް އެ ސަރަހައްދުގެ ހެލްތު މިނިސްޓްރީން ބުނެ އެވެ.  

އިޒްރޭލު ސިފައިން ބުނާ ގޮތުގައި ހަމަ އެ މުއްދަތުގެ ތެރޭގައި ޣައްޒާގައި އެ މީހުންގެ ސިފައިންގެ ފަސް މީހަކު މަރާލާފައިވެ އެވެ.  

މީޑިއާތަކަށް އޮތް ހުރަސްތަކާއި ޣައްޒާއަށް ވަދެ ނުކުމެ އުޅުމަށް އޮތް ދަތިތަކުގެ ސަބަބުން، މަރުވި މީހުންގެ އަދަދު އަމިއްލައަށް ކަށަވަރު ކުރުމަށް ނުވަތަ ހަނގުރާމައިގެ ހަބަރުތައް މިނިވަންކަމާ އެކު ކަވަރު ކުރުމަށް  ހުރަސްތަކާ ކުރިމަތިވެ އެވެ. -- އޭއެފްޕީ