ހޮރްމޫޒް ކަނޑުއޮޅި ހުރަސްކުރަން އުޅުނު ދެ އުޅަނދެއް ހުއްޓުވައި އީރާންގެ އިންގިލާބީ ލަޝްކަރުގެ ބެލުމުގެ ދަށަށް މިއަދު ގެންގޮސްފި އެވެ.
"އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) ގެ ކަނޑުގެ ސިފައިން މިއަދު ހެނދުނު ވަނީ ހޮރްމޫޒް ކަނޑުއޮޅިން ގަވާއިދާ ހިލާފުވި ދެ އުޅަނދެއް ފާހަގަކޮށް ހިފަހައްޓާފައި،" ރިވޮލިއުޝަނަރީ ގާޑްސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
އެ ބަޔާނުގައި ވަނީ މި ދެ އުޅަނދު އައިއާރުޖީސީ ގެ ބެލުމުގެ ދަށަށް ގެންދިއުމަށް، އީރާނުގެ އައްސޭރިފަށަށް މިހާރު ގެންގޮސްފައިވާ ކަމަށެވެ. އީރާނުގެ މީޑިއާތަކުން ބުނެފައިވަނީ މި ދެ އުޅަނދަކީ "އެމް.އެސް.ސީ ފްރެންޗެސްކާ" އަދި "އެޕަމިނޮންޑަސް" ނަމަކަށް ކިޔާ ދެ އުޅަނދު ކަމަށެވެ.
އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ތިން އުޅަނދަކަށް އީރާން ސިފައިން ވަނީ މިއަދު ހަމަލާ ވެސް ދީފަ އެވެ.
އައިއާރުޖީސީއާ ގުޅުން އޮންނަ "ފާރްސް" ނިއުސް އެޖެންސީން ބުނި ގޮތުގައި، "ޔޫފޯރިއާ" ނަމަކަށް ކިޔާ އުޅަނދަކަށް ހަމަލާދީފައިވާއިރު، އެ އުޅަނދު މިހާރު އޮތީ އީރާނުގެ އައްސޭރިފަށުގައި ހުއްޓިފަ އެވެ.
ބުދަ ދުވަހު ހޯރްމުޒް ކަނޑުއޮޅިން ދަތުރުކުރި ކޮންޓެއިނާ ބޯޓަކަށް، އީރާނުގެ ހަތިޔާރު އެޅި ކުދި ބޯޓުތަކަކުން ހަމަލާދީފައިވާ ކަމަށް ވެސް ކަނޑުދަތުރުފަތުރާ ބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ. މި ހަމަލާ ދީފައިވަނީ ސުލްހައިގެ ވާހަކަތަކަށް ފުރުސަތު ދިނުމުގެ ގޮތުން ހަމަލާބަދަލުކުރުން ހުއްޓާލުމުގެ މުއްދަތު އިތުރުކުރެއްވިކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނުކުރައްވާފައި ވަނިކޮށެވެ.
ބްރިޓިޝް މެރިޓައިމް ސެކިއުރިޓީ މޮނިޓަރ (ޔޫކޭއެމްޓީއޯ) އިން ބުނި ގޮތުގައި، އުމާންގެ އިރުއުތުރުން 15 ނޯޓިކަލް މޭލު ބޭރުން، ކަނޑުއޮޅީގެ ކޮޅުން ދަތުރުކުރި ކޮންޓެއިނަރު ބޯޓަށް އީރާނުގެ އައިއާރްޖީސީގެ ބޯޓަކުން ވަނީ ބަޑީގެ ހަމަލާތަކެއް ދީފަ އެވެ. މި ހަމަލާގައި ބޯޓުގެ ބްރިޖަށް ގެއްލުން ވެފައި ވިޔަސް އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.
އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން ބުނީ އެ އުޅަނދަކީ އެ ސަރަހައްދު ބަންދުކޮށްފައިވާ އީރާނުގެ ސަލާމަތީ ބާރުތަކުން ދިން އިންޒާރުތަކަށް އިޖާބަ ނުދީ ދަތުރުކުރި އުޅަނދެއް ކަމަށެވެ. ނަމަވެސް އިނގިރޭސިވިލާތުގެ ސަލާމަތީ ކުންފުންޏެއް ކަމަށްވާ "ވޭންގާޑް ޓެކް" އިން ބުނީ ލައިބީރިއާގެ ދިދަ ޖަހާފައިވާ އެ އުޅަނދަށް ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރުމުގެ ހުއްދަ އޮތް ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އީރާނުން މި ހަމަލާތައް ދީފައި ވާއިރު، އެމެރިކާގެ ކަނޑުގެ ސިފައިން ދަނީ އީރާނުގެ ބަނދަރުތަކަށް ވަންނަ އަދި ނުކުންނަ އުޅަނދުތައް ހުއްޓުވުމަށް މަސައްކަތް ކުރަމުންނެވެ. އަދި އީރާނުން ބުނަމުންދަނީ ހޮރްމޫޒް ކަނޑުއޮޅިން ގަލްފަށް ވަންނަ އަދި ނުކުންނަ އުޅަނދުތައް އީރާނުގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށެވެ.